ގަޅިކުރު މަސް
ގަޅިކުރު މަސް (އިނގިރޭސި ބަހުން: Scomberomorus commerson)ނުވަތަ (އިނގިރޭސި ބަހުން: Narrow-barred Spanish mackerel)އަކީ ދިގުކޮށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި ގިނަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށި މަތީގެ ފުރަތަމަ ކޮތަރިބައިގައި 15 އާއި 18 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 15 އާއި، 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. އަދި ދެވަނަ ކޮތަރިބައިގެ ފަހަތުގައި 8 އާއި 10 އާއި ދެމެދުގެ އަދަދަކަށް ވަކިވަކިން ހުންނަ ކޮތަރިބައެއް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅިނޫކުލަ އެވެ. އަރިމަތީގައި ހުންނަނީ ނޫދަޅައެއް އަޅާ ރިހިކުލަ އެކެވެ. އަރިމަތީގައި ހިމަކޮށް ހުރަހަށް ވާގޮތަށް ހުންނަ ގަޅިތަކެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މިއީ ކެއުމަށް މީރު މަހެކެވެ.
މިބާވަތުގެ މަހަކީ އިންޑިޔާ އަދި ސްރީލަންކާގެ އައްސޭރި ފަށުގެ ކަނޑުތަކުގައި ގިނައިން އުޅޭކަމަށް ފާހަގަ ކުރެވިފައިވާ މަހެކެވެ. އަދި ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، ބޭރުކަނޑުތަކުގައިވެސް މަދުމަދުން މިމަސް ދަތުރުކޮށް އުޅެއެވެ. ރާއްޖޭގެ މަސްވެރިންނަށް މަދުމަދުން މިމަސް ބޭނެއެވެ. މިއީ 15 އާއި 200 މީޓަރާއި ދެމެދުގެ ފުންމިނުގައި ކުދި އައިން ހަދައިގެންއުޅޭ މަހެކެވެ. ގަޅިކުރު މަސް އެންމެ ބޮޑުވަނީ 2.2 މީޓަރަށެވެ. މަހުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ ކުދިމަހެވެ. މިބާވަތުގެ މަސް ރާއްޖެއިން ބޭނެނީ މަދުން ކަމަށްވުމާއެކު، މިމަހަށް ކިޔާ ދިވެހި ނަމެއް ރިކޯޑް ކުރެވިފައި ނެތުމުން، މިމަހުގެ ސިފަޔަށް ވިސްނާ، ގަޅިކުރު މަސް ކިޔާ ނަންދީފައިވަނީ އެވެެ.