ލޭނުގުޅުން ނުވަތަ (އިނގިރޭސި ބަހުން: Transfusion reaction) ކުރިމަތިވަނީ އޭ އެންޓިޖަން ހުރި [[ލޭގެ ރަތް ސެލް ތަކާއި، އެންޓި-އޭ އަގުލޫޓިނިން ތައް އެއްވުން، ނުވަތަ ބީ އެންޓިޖަން ހުރި ލޭގެ ރަތް ސެލް ތަކާއި، އެންޓި-ބީ އަގުލޫޓިނިން ތައް އެއްވާގޮތް ދިމާވެެއްޖެ ނަމަ އެވެ. އެހެންގޮތަކަށް ބުނާނަމަ އޭ ގުރޫޕުގެ ލޭ ހުރިމީހެއްގެ ގަޔަށް ބީގުރޫޕުގެ ލޭ ހުރި މީހެއްގެ ހަށިގަނޑުން ލޭ އަޅާނަމަ އެވެ.

އޭ ގުރޫޕު ހުންނަ މީހުންގެ ލޭގެ ރަތް ސެލްގައި އޭ އެންޓިޖަން ހުރެފައި، ޕްލާޒްމާ ގައި އެންޓި-ބީ ހަށިދަމަނަ ހުރެއެވެ. ބީ ގުރޫޕު ހުންނަމީހުންގެ ލޭގެ ރަތް ސެލްގައި ބީ އެންޓިޖަން ހުރެފައި، ޕްލާޒްމާގައި އެންޓި-އޭ ހަށިދަމަނަ ހުރެއެެވެ. އެހެން ކަމުން އޭ ގުރޫޕު ހުންނަ މީހެއްގެ ގަޔަށް ބީ ގުރޫޕުގެ ލޭއަޅައިފިނަމަ އޭ އެންޓިޖަންއާއި، އެންޓި-އޭ ހަށިދަމަނަ ބައްދަލުވެ، އެއްވާގޮތް ވެއެވެ. މިފަދަ ހާލަތުގައި އަގުލޫޓިނިން( އެންޓިއޭ)ތައް އޭގެ ޒާތުގައި ލޭގެ ރަތް ސެލްތަކާއި ތަތްވެއެވެ. މިއަގުލޫޓިނިންތަކުގެ ވެލެންސީ(Valency)ގިނަވުމުގެ ސަބަބުން ނުވަތަ އެއާއި އެއްވާނެ ބައިވަރު ތަންތަން ހުރުމުގެ ސަބަބުން، އެއް ވަގުތެއްގައި އެއް ސެލްއަށްވުރެ ގިނަ ސެލްތަކާއި، ތަތްވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ސެލްތައް ލާމެހި، އެކަތިގަނޑަކަށް ވެއެވެ. މިގޮތަށް ލޭގެ ރަތް ސެލްތައް ލާމެހި އެކަތިގަނޑަކަށް ވުމަށް ކިޔަނީ ރެޑްސެލް އަގުލޫޓިނޭޝަން (Red cell agglutination)އެވެ. މިގޮތަށް ވުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހިމެނޭ ފާގަސައިޓިކް ސެލް(Phagocytic cell)ތަކާއި، ރެޓިކިއުލޯ އިންޑޯތީލިއަލް ސިސްޓަމް(RES)ގައި ހިމެނޭ ސެލްތައް ގުޅިގެން ކުރިން ބުނިގޮތަށް އެއްވެއެކަތިގަނޑަކަށްވެފައިވާ ލޭގެ ރަތް ސެލްތައް ހަލާކުކޮށްލައެވެ. މިބީދައިން ހަލާކުވާ ހަލާކުވުމަށް ( ކުދިކުދި ނުވަތަ ފުނޑުފުނޑުވެގެން ދިއުން ) ކިޔަނީ ހިމޮލިސިސް(Hemolysis)އެވެ. ހިމޮލިސިސް އާއި،ގުޅިގެން، ހިމަގްލޯބިން ޕްލާޒްމާގެ ތެރެއަށް ވާސިލްވެ،ބިލިރޫބިން(Bilirubin)އަށް ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން ރީދޫވުން (Jaundice) ކުރިމަތިވާގޮތް ވެއެވެ. ބިލިރޫބިންގެ ކުލައަކީ ރީދޫ ކުލައެވެ.


ލޭނުގުޅުމުން ކުރިމަތިވެދާނެ ކަންތައްތައް

އުނިއިތުރު ގެންނަވާ

ނުގުޅޭ ލެޔެއް ހަށިގަނޑަށް އެޅުމުން އެންމެ ފުރަތަމަ ލޭގެ ރަތް ސެލްތައް އެކަތިގަނޑަކަށްވެ، ލާމެހިވެއެވެ. އެއަށްފަހު ހަލާކުވެ، ކުދިކުދިބައިތަކަށް ބައިވެގެން ދެއެވެ. މިއީ ލޭގެ ރަތް ސެލްތަކުގައިވާ އެންޓިޖަން އާއި، ޕްލާޒްމާގައިވާ ހަށިދަމަނަތަކާއި ދެމެދު ( އޭ ގުރޫޕުގެ މީހެއްގެ ގަޔަށް ބީގުރޫޕުގެ ލޭއެޅުމުން އޭ އެންޓިޖަން އާއި، އޭ އެންޓިޖަން އާއި އިދިކޮޅު ހަށިދަމަނަ ( އެންޓިއޭ އަގުލިޓިނިން ) އާއި ދެމެދު ) އެންޓިޖަން- އެންޓިބޮޑީ ރިއެކްޝަން(Antigen-antibody reaction)ހިގުމުން ކުރިމަތިވާ ކަންކަމެވެ. މިއާއި ގުޅިގެން އަންނަނިވި އަލާމާތްތައް ފެނުމަކީ ގާތްކަމެކެވެ.

  • އާދަޔާއި، ޚިލާފަށް ގައިގައި ރިހުން: މިއީ ލާމެހި އެކަތިގަނޑަކަށް ވެފައިވާ ލޭގެ ރަތް ސެލްތައް ކުދިލޭހޮޅިތައް ބައްދާލުމުން ކުރިމަތިވާ ކަމެކެވެ.
  • ހިމޮލިޓިކް ޖޮންޑިސް ނުވަތަ ރީދޫވުން(Hemolytic jaundice): މިއީ ހަލާކުވެފައިވާ ލޭގެ ރަތް ސެލްތަކުން ބޭރުވާ ހިމަގްލޯބިން އިން ބިލިރޫބިން އުފައްދާ މިންވަރު އިތުރުވުމާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ.
  • ލޭގެ ޕްރެޝަރ ދަށްވުން(hypotension): މިއީ ހަލާކުވެފައިވާ ލޭގެ ރަތް ސެލްތަކުން ބޭރުކުރާހިސްޓަމީންގެ ސަބަބުން ލޭހޮޅިތައް ފުޅާވުމުން ކުރިމަތިވާ ކަމެކެވެ.
  • ލޭގައި ޕަޓޭސިއަމް ގިނަވުން(Hyperkalemia): މިއީ ހަލާކުވެފައިވާ ލޭގެ ރަތް ސެލްތަކުން ޕަޓޭސިއަމް ބޭރުވުމާއި، ގުރުދާ ފޭލްވުމުގެ ސަބަބުން ޕަޓޭސިއަމް ހަށިގަނޑުގައި ޖަމާވުމުން ކުރިމަތިވާ ކަމެކެވެ.
  • ކުޑަކަމުދާ ތަކެތި ބޭރުވާ މިންވަރު ދަށްވުން(Oliguria): މިއީ ލޭގެ ޕްރެޝަރ ދަށްވުމާއި، ގުރުދާގެ ހޮޅިތަކުގައި ހިމަގްލޯބިން ހަރުލުމުން، ހޮޅިތައް ބެދި، ކުޑަކަމުދާތަކެތި ބޭރުވުމަށް ހުރަސްއެޅުމުން ކުރިމަތިވާ ކަމެކެވެ.
  • ގުރުދާ ފޭލްވުން(Kidney failure): ގުރުދާ ފޭލްވުމުން ލޭގައި ޔޫރިއާ(Urea)، ކްރިއަޓިނިން (Creatinine)، އަދި ޕަޓޭސިއަމްގެ މިންވަރު އިތުރުވެގެން ދެއެވެ. މިހާލަތުގައި ޕަޓޭސިއަމް މިންވަރު ލޭގައި އިތުރުވުމުގެ ސަބަބުން 10-8ދުވަހުގެ ތެރޭގައި މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ހާލަތްތަކުގެ ގުރުދާ ފޭލްނުވެ، ސަލާމަތްވެއެވެ. ނަމަވެސް ގުރުދާގެ ތިރީބައިގެ ނެފްރޯން (Nephron)ތައް ހަލާކުވާގޮތް ވެއެވެ. މިފަދަ ހާލަތުގައި ގްލޯމެރޫލައި(Glomeruli)ތަކުން ފުރާނާ ޕަޓޭސިއަމް ގުރުދާގެ ހޮޅިތަކުން އެތެރެއަކަށް ނުދަމައެވެ. އެއާއި ވިދިގެން ލޭގައި ޕަޓޭސިއަމްގެ މިންވަރު ދަށްވެ، މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
  • ނޭވާލުމަށް އުދަގޫވުމާއި، މޭގައި ރިހުން
  • ހީކެރުވުމާއި، ހުންއައުން