ލެފްޓިނަންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވީ 17 ނޮވެންބަރު 2023 ގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވިއިރު 11 ޑިސެންބަރު 2018 އިން ފެށިގެން މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.

ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

މީލާދީން 1964 ވަނަ އަހަރުގެ އެޕްރީލުމަހުގެ 17 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތަޢުލީމު ހާސިލު ކުރެއްވީ މަޖީދީއްޔާ ސްކޫލުންނެވެ. ސްކޫލް ދައުރުގައި ވެސް އެމަނިކުފާނަކީ ލީޑަރޝިޕް އެޕޮއިންޓްމަންޓްތައް ފުރުއްވި ވަރަށް ހަރަކާތްތެރި ދަރިވަރެކެވެ. މިގޮތުން މަޖީދިއްޔާ ސްކޫލް ޕްރިފެކްޓްކަމާއި، ހައުސް ކެޕްޓަންކަމާއި، އަދި މަޖީދިއްޔާ ސްކޫލް ކެޑޭޓް ކޯޕްސްގެ ރެޖިމެންޓަލް ސާޖަންޓް މޭޖަރުގެ މަގާމު ފުރުއްވުން ފާހަގަ ކުރެވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1985 ވަނަ އަހަރުގެ ފެބުރުވަރީމަހުގެ 18 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަސްކަރީ ކެރިއަރު ފެއްޓެވީ ސިފައިންގެ ކޮމިއުނިކޭޝަން ޔުނިޓުންނެވެ. އެއީ ފަހުން ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (ސީޓްސް) އެވެ. އެއީ މިހާރުގެ ސިގްނަލްސް އެވެ. ސިފައިންގެ ޚިދުމަތުގެ ވަރަށް ކުރީކޮޅު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ވަނީ އެމެރިކާގެ ފޯޓް ގޯޑަންގައި ފުރިހަމަ ކުރެއްވި ރޭޑިއޯ ރިޕެއަރ ކޯހުން އެއްވަނަ ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހި އަސްކަރިއްޔާއަށް ރީތި ނަން ހޯއްދަވައިދެއްވާފައެވެ. މި ކޯހުން އެއްވަނަ ހޯއްދެވުމާއެކު، ޑިސްޓިންގްވިޝްޑް ގްރެޖުއޭޓް ޑިޕްލޮމާ ހޯއްދަވާފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން 1989 ވަނަ އަހަރުވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ހާސިލުކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ތަފާތު ގިނަ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން ރާއްޖެއިން ފުރިހަމަ ކުރެއްވި ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ފުރިހަމަކުރެއްވި އެންސީއޯ ކޭޑަރ ޓްރޭނިންގ ކޯހާއި، އޮފިސަރސް ޑްރިލް ކޯހާއި، ވީޓީސީން ފުރިހަމަ ކުރެއްވި ޑިޕްލޮމާ އިން އިލެކްޓްރޯނިކްސް ކޯހާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފުރިހަމަކުރެއްވި މެޗް ކޮމިޝަނަރ ކޯހާއި، މޯލްޑިވްސް ސުވިމިންގ އެންޑް ވޯޓަރ ސްޕޯޓްސް އެސޯސިއޭޝަނުން ފުރިހަމަކުރެއްވި ސްވިމިންގ އިންސްޓްރެކްޓަރ ކޯސް ފާހަގަ ކުރެވެއެވެ. މި ކޯސްތަކުގެ ތެރެއިން ވީޓީސީން ފުރިހަމަ ކުރެއްވި ޑިޕްލޮމާ އިން އިލެކްޓްރޯނިކްސް ކޯހުން އެއްވަނަ ހާސިލުކުރައްވައި ދިވެހި އަސްކަރިއްޔާއަށް ވަނީ ރީތި ނަން ހޯއްދަވައިދެއްވާފައެވެ.

ރާއްޖެއިން ބޭރުން ފުރިހަމަ ކުރެއްވި ތަފާތު ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ފުރިހަމަކުރެއްވި ވީ.އެޗް.އެފް ޓްރޭނިންގ ކޯހާއި، ޕާކިސްތާނުގެ ރާވަލް ޕިންޑީގައި ހުންނަ ޕާކިސްތާން ސްކޫލް އޮފް ސިގްނަލްސްގައި ފުރިހަމަ ކުރެއްވި ޔަންގް އޮފިސަރސް ކޯހާއި ސިގްނަލް އޮފިސަރސް ބޭސިކް ކޯހާއި، ސިގްނަލް މިޑް-ކެރިއަރ ކޯހާއި، ސްރީލަންކާގެ ޑިފެންސް ސަރވިސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ފުރިހަމަކުރެއްވި ސްޓާފް ކޮލެޖް އަދި އެމެރިކާގެ ހަވާއީގެ އޭޝިއާ ޕެސިފިކް ސެންޓަރ ފޯ ސެކިއުރިޓީ ސްޓަޑީޒުން ފުރިހަމަ ކުރެއްވި އެޑްވާންސް ސެކިއުރިޓީ ކޯޕަރޭޝަން ޕްރޮގްރާމާއި، އިންޑިއާގެ ސިކަންދަރު އާބާދުގައި ހުންނަ ކޮލެޖް އޮފް ޑިފެންސް މެނޭޖްމަންޓްގައި ފުރިހަމަކުރެއްވި ޑިފެންސް މެނޭޖްމަންޓް ކޯސް ހިމެނެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭން ބޭރުގައި ބޭއްވި ތަފާތު ގިނަ ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ސެމިނަރތަކުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ ޝަރަފުވެރި އަސްކަރީ ކެރިއަރުގައި ގިނަ އަދަދެއްގެ ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. މިގޮތުން ފުރިހަމަ ކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (ސީޓްސް)ގެ ސެކަންޑް އިން ކޮމާންޑްކަމާއި، މީޑިއާ އެންޑް ޕަބްލިޝިންގ ސާރވިސްގެ އޮފިސަރ އިންޗާޖުކަމާއި، ސީޓްސްގެ އޮފިސަރ ކޮމާންޑިންގކަމާއި، އަދި އޯޑިނަންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރކަމާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމަޑާންޓްކަމާއި، މިލިޓަރީ ޕޮލިސްގެ ކޮމާންޑިންގ އޮފިސަރކަމާއި، ސަރވިސް ކޯރގެ އެކްޓިންގ ކޮމަޑާންޓްކަމާއި، ސްޕެޝަލް ޕްރޮޓަކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރކަމާއި، ސްޕެޝަލް އެސެސްމަންޓް ޔުނިޓްގެ ކޮމާންޑިންގ އޮފިސަރކަމާއި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމަޑާންޓްކަމާއި، ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޑައިރެކްޓަރ ޖެނެރަލްކަމާއި، ޝޫޓިންގ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ހިމެނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދާކުރެއްވި ސްޓާފް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޑައިރެކްޓްރޭޓް އޮފް ސީ4 ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަން (ސިމިކް) ގެ ޑައިރެކްޓަރ ކަމާއި، ޕްރިންސިޕަލް ޑައިރެކްޓަރކަމާއި، ދިވެހި އަސްކަރިއްޔާގެ ރަސްމީ ތަރުޖަމާނުކަމާއި، އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒުގެ ޑައިރެކްޓަރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސްގެ ޕްރިންސިޕަލް ޑައިރެކްޓަރކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމު ހިމެނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ އެމްއެންޑީއެފްގެ ފާހަގަކޮށްލެވޭ މުހިންމު ގިނަ ބޯޑުތަކާއި ކޮމިޓީތަކުގައި ދިވެހި އަސްކަރިއްޔާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން ސިފައިންގެ ލަފާދޭ މަޖިލިހުގެ މެންބަރުކަމާއި އެ މަޖިލިހުގެ ވައިސް ޗެއަރމަންކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، އެ ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި ގްރީވެންސް ބޯޑާއި އެންސީއޯ ކޮމިޓީއާއި ޑިސިޕްލިންގ ކޮމިޓީއާއި ސިފައިންގެ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ސްޓިއަރިން ކޮމިޓީގެ މެންބަރުކަން ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ވަނީ އަދާކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވިއިރު އެ މަނިކުފާނު ހުންނެވީ އެމްއެންޑީއެފްގެ ލަފާދޭ މަޖިލިހާއި ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން މިލިޓަރީ ޖަސްޓިސް ކޮމިޝަނާއި އެމްއެންޑީއެފް ވެލްފެއަރ ފަންޑުގެ ގަވަރނިންގ ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާއަށް ކުރައްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި، 9 ކުލަ ވަނީ ދެއްވާފައެވެ. އެ މަނިކުފާނު ހާސިލުކުރައްވާފައިވާ ޝަރަފުގެ ނިޝާންތަކުގެ މެޑެލިތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، 17 ވަނަ ސާކްސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ޖުމްހޫރީ 50 ގެ މެޑެލި ހިމެނެއެވެ. ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ކާމިޔާބުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލަ ދެފަހަރު އަދި އަޚްލާޤީ ކުލަ ތިން ފަހަރު ހާސިލު ކުރައްވައިފައި ވެއެވެ. މީގެ އިތުރުން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ކުޅިވަރު ކުޅުމަށާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. މިގޮތުން ބެޑްމިންޓަނާއި ޓޭބަލް ޓެނިސް އަދި ބާސްކެޓްބޯޅަ ކުޅުއްވިއެވެ. މިހާރުވެސް ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން މީގެތެރެއިން ބައެއް ކުޅިވަރުތައް ކުޅުއްވައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އަނބިކަނބަލަކީ އަލްފާޟިލާ އައިމިނަތު ދިހްޝާނާއެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ފިރިހެން ބޭފުޅެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ސިފައިންގެ އަސްކަރީ އެންމެ އިސް ކޮމާންޑަރުގެ މަޤާމުގެ ނަމަކީ "ޗީފް އޮފް ޑިފެންސް ފޯސް" ކަމުގައި ހަމަޖެއްސެވި ފަހުން، އައްޔަންކުރެއްވި 5 ވަނަ ޗީފް އޮފް ޑިފެންސް ފޯސް އެވެ.

ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ، 17 އެޕްރީލް 2024 ގައި ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައެވެ.