ލައް ފާނަ (ސައިންޓިފިކް ނަން: Epinephelus merra)ނުވަތަ (އިނގިރޭސި ބަހުން: Honeycomb grouper)އަކީ ރާއްޖޭގެ ފަރުފަރުގެ ގާތަކުގެ ނިވަލުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ވަރަށް ގިނައިން މިބާވަތުގެ ފާނަ ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ކަންފަތްގަނޑު ބޮލުގެ ދިގުމިނަށްވުރެ ކުރުވާނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކަށްވުރެ މަޑުކަށިތައް ދިގެވެ.

ލައް ފާނަ

މަހުގެ ކޮތަރިތަކާއެކު މުޅި ހަށިގަނޑުގައި ހުންނަނީ ގަދަ މުށިކުލައިގެ ލައްތަކެއް ޖަހާފައެވެ. މިލައްތައް ހުންނަނީ ވަރަށް ކައިރިކައިރީގައެވެ. ނަމަވެސް މަހުގެ ކޮތަރި ތަކުގައްޔާއި، ބަނޑުދަށް ފަރާތުގައި މިލައްތައް ހުންނަނީ ތަންކޮޅެއް ދުރުގައެވެ. މަހުގެ ކަންފަތްގަނޑުގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ.