ތެޔޮމަސް (އިނގިރޭސި ބަހުން: Ruvettus pretiosus)ނުވަތަ (އިނގިރޭސި ބަހުން: Oilfish ) އަކީ މާކަނޑުތަކުގެ ވަރަށް ފުނުގައި އުޅޭ މަހެކެވެ. އާންމު ގޮތެއްގައި ތެޔޮމަސް އުޅޭކަމަށް ވަނީ 700-100 މީޓަރާއި ދެމެދުގެ ފުންމިނުން އަޑީގައެވެ. ދިވެހި މަސްވެރިންނަށް މިބާވަތުގެ މަސް ބޭނެނީ ވަރަށް މަދުންނެވެ. މަހުގެ ބަނޑުދަށް ފަރާތުގައި އެހެނިހެން މަސްމަހާ ޚިލާފަށް ކުރަގަނޑެއް ހުރެއެވެ. މަހުގެ އަނގަ ބޮޑެވެ. އަދި އަނގައިގައި އެއްބަރިއަށް ހުންނަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށި މަތީގެ ފުރަތަމަ ކޮތަރިބައި ދެވަނަ ކޮތަރި ބަޔަށްވުރެ ތިރިވާނެއެވެ. ބުރަަކަށި މަތީގެ ދެވަނަ ކޮތަރި ބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގެ ފަހަތުގައި ވަކިވަކިން ހުންނަ ދެކޮތަރި ބައި ހުރެއެވެ. މަހުގެ ނިގޫފަތް ފުޅާވެފައި އަދި ކަފިވެސް މެއެވެ.

ތެޔޮމަސް

ތެޔޮ މަހަކީ އާންމު ގޮތެއްގައި ދިވެހި މަސްވެރިންްނަށް ބޭނޭ މަހަކަށް ނުވާތީ މިމަހަށް ކިޔާ ވަކިނަމެއް ނެތެވެ. ވީމާ މިމަހުގެ ޚާއްޞަ ސިފައެއް ކަމުގައިވާ މަސްގަނޑުގެ ތެޔޮކަމަށް ބަލާ، އަދި މިމަހަށް އިގިރޭސި ބަހުން ކިޔައި އުޅޭ ޢާންމު ނަމާ ގުޅޭގޮތުން ތެޔޮ މަސް ކިޔާ ނަންދިނީ އެވެ.

ތެޔޮ މަހުގެ ކާނާއަކީ އެކި ޒާތްޒާތުގެ ކުދިމަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ. އަދި މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 3 މީޓަރަށް ކަމަށް ވެއެވެ. ނަމަވެސް ގިނައިން ފެންނަ މިބާވަތު މަހުގެ އެންމެ ބޮޑު މިނުގައި ހުންނަނީ 1.5 މީޓަރެވެ. މިބާވަތުގެ މަހުގެ މަސްގަނޑަކީ ވަަރަށް ތެޔޮ ގިނަ އެއްޗެކެވެ.