ތުންދިގު މަޑު މިޔަރު
ތުންދިގު މަޑު މިޔަރު (އިނގިރޭސި ބަހުން: Heptranchias perlo)ނުވަތަ (އިނގިރޭސި ބަހުން: sharpnose seven-gill shark)އަކީ މިޔަރުގެ ވައްތަރެކެވެ.މިއީ މަޑު މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ހަމައެކަނި ރިކޯޑް ކުރެވިފައިވަނީ 1983 ވަނަ އަހަރު ނޯވޭގެ ރިސާޗް ވެސެލް ޑރ ފްރީޖޮފް ނެންސަންގައި ރާއްޖޭގައި ކުރި ސާވޭއެއްގައި 22 އޮގަސްޓް 1983 ދުވަހު އ.އ ތޮއްޑޫ ކައިރިން 240 މީޓަރު އަޑިން ދަމާދާ އަޅައިގެން ކުރި މަސްވެރި ކަމުގައެވެ. މިޔަރު އާއްމުކޮށް އުޅެނީ 27 މީޓަރާއި 720 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ބައެއް ފަހަރު 1000 މީޓަރުގެ އަޑީގައި ވެސް އުޅޭކަމަށްވެއެވެ. މިއީ އަތޮޅުން ބޭރު މާކަނޑުގެ އަޑީގެ ވަރަށް ފުނުގައި އުޅޭ މިޔަރެއް ކަމުން މިބާވަތުގެ މިޔަރު ދިވެހިން ކޮށްއުޅޭ މަޑު މިޔަރުގެ ކެޔޮޅު ކަމުގައްޔާއި، ކަށި މިޔަރުގެ ކެޔޮޅު ކަމުގައި ބޭނިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ތުންދިގު މަޑު މިޔަރުގެ ބޮލުގެ ދެއަރިމަތީގައި ކަރުގެ 7 ކެނޑުން ހުރެއެވެ. ބޮލާއި ތުންކޮޅު ހިމައެވެ. ތުންދިގު މަޑު މިޔަރު އަކީ ވަރަށް ބޮޑު ލޮލެއް އިންނަ މިޔަރެކެވެ. ބުރަކަށި މަތީގައި ހުންނާނީ އެންމެ އުރަހަ އެކެވެ. އަނގައިގައި ބޮޑެތި ފުނާ ދަތްތައް ކަހަލަ ދަތްތަކެއް ހުރެއެވެ. މިވައްތަރު މިޔަރުގެ އުރަހައިގެ ކޮޅާއި، ނިގޫފަތުގެ ކޮޅު ހުންނާނީ ކަޅު ކުލައިގައެވެ. ތުންދިގު މަޑު މިޔަރު 1.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ.
މިބާވަތުގެ މިޔަރަކީ ރާއްޖެއިން ވަރަށް ނުފެންނަ މިޔަރެއް ކަމުން މިމިޔަރަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މިއީ މަޑު މިޔަރުގެ ބާވަތަކަށް ވުމާއެކު މަހަށް ކިޔާ އިގިރޭސި ނަމާއި ގުޅުވައިގެން ތުންދިގު މަޑު މިޔަރު ކިޔާފައި ވަނީ އެވެ. ތުންދިގު މަޑު މިޔަރުގެ ނިގޫފަތްގަނޑު އޭގެ ހަށިގަނޑުގެ ތިންބައިކުޅަ އެއްބަޔާއި އެއްވަރެވެ. ތުންދިގު މަޑު މިޔަރު އެންމެ ދިގުވެގެން ވެސް ހުންނާނީ 137 ސެންޓިމީޓަރު އެވެ. އަންހެން މިޔަރުގެ ދިގު މިނުގައި 90 ސެންޓި މީޓަރު ހުންނަ އިރު ފިރިހެން މިޔަރުގެ ދިގުމިނުގައި 85 ސެންޓިމީޓަރު ހުރެއެވެ