ތުނބި(ސައިންޓިފިކް ނަން: Naso brevirostris)ނުވަތަ (އިނގިރޭސި ބަހުން: SPotted unicorn fish)އަކީ ދިވެހި މަސްވެރިން ދަންނަ މަޝްހޫރު މަހެކެވެ. ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ފަރުބޭރުގައި ބޮޑެތި އައިން ހަދައިގެން މިމަސް އުޅެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެކެވެ. މަހުގެ އާއްމު ކާނާއަކީ މޫދު ފެއްސާއި ފަނިފަކުސައެވެ. މިއީ ފަރުބޭރުން ފެހިއަޅައިގެންވެސް ބާނާ އަދި ވިއްދާއުޅޭ މަހެކެވެ. ފަޅުތެރޭގައި ދާއަޅައިގެން ކުރާ މަސްވެރިކަމުގައި ވަރަށް ގިނައިން ތުނބި ހިފެއެވެ. މަހުގައި ހުންނަ އެންމެ ފާހަގަ ކުރެވޭ ސިފައަކީ އަނގައިގެ މަތީން ބޮލުގައި ހުންނަ ދަޅެވެ. ކަންފަތްގަނޑު ކުޑައެވެ. މަހުގެ ދެފަރާތުން ފަހަތުކޮޅުގައި ދެކަށި ހުރެއެވެ. މިއީ މިބާވަތުގެ މަސް ހިފާގެންގުޅޭ ފަރާތްތަކުން ވަރަށް ވިސްނަން ޖެހޭ ކަމެކެވެ.

ތުނބި

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 6 ހަރުކައްޓާއެކު 27 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 2 ހަރުކައްޓާއެކު 27 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށިއަޅި ކުލައެވެ. މަތީބައި ހުންނަނީ ކުލަގަދަކޮށެވެ. މިކުލަ ގަދަ ހިސާބު ހުންނަނީ ނޫކުލައެއްގައެވެ. މަހުގެ ބޮލާއި މުޅި ހަށިގަނޑުގައި މުށިކުލައިގެ ކުދި ލައްތަކެއް ހުރެއެވެ. ނިގޫފަތް ހުންނަނީ ހުދުކުލައެއްގައެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސެންޓި މީޓަރަށެވެ. މިބާވަތުގެ ކުދިމަހުގެ ބޯމަތީގައި ދަޅެއް ނުހުރެއެވެ. ތުނބި އާއްމުކޮށް އުޅެނީ 40 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ.