ތިމަރަ ހަނދި(ސައިންޓިފިކް ނަން: Carangoides plagiotaenia)ނުވަތަ (އިނގިރޭސި ބަހުން: Barcheek trevally) އަކީ ހަނދީގެ ގިނަ ބާވަތްތަކާއި ޚިލާފަށް ދިގުކޮށް ހުންނަ ހަންޖެކެވެ. މިމަސް އެންމެ ބޮޑުވަނީ 42 ސެންޓި މީޓަރަށެވެ. މިއީ ރާއްޖޭގެ މަސްވެރިން ކެޔޮޅުކަމުގައި ނިކުމެއުޅޭއިރު މަދުމަދުން ބޭނޭ، ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިމަސް ގިނައިން އުޅޭކަަމަށްވަނީ އަތޮޅުގެ ބޭރު ދުނީގެ ފަރުފަރުން ބޭރުގައެވެ.

ތިމަރަ ހަނދި

ތިމަރަ ހަނދީގެ ތުނބުގެ ތިރީބައި މަތީބަޔަށްވުރެ ދިގުކޮށް ނިކުމެފައި ހުރެއެވެ. މަހުގެ ކަރުގަނޑުގެ ފުރަތަމަ ބުރުގައި 27 އާއި 40 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 22އާއި 24އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 18 އާއި 20 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ.

މަހުގެ ކަރުތާ ފަތްގަނޑުގެ ތިރިން ބަނޑުދަށް ފަރާތުގައި ހުޅުނބު ހުރެއެވެ. މަހުގެ ކުލައަކީ ރިހިއަޅި ކުލައެކެވެ. މަހުގެ ދެއަރިމަތިން ކޮންމެ ފަރާތެއްގައި ކައްޗަކަށް އަޅާލެވިފައިވާ އަޅިކުލައިގެ ފުޅާ 6 ނުވަތަ 7 ރޮނގު ބައެއް ފަހަރު ފެންނަށް ހުރެއެވެ. މަހުގެ ކަރުތާ ފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މިއީ މިބާވަތުގެ ހަނދި ފަސޭހައިން ދެނެގަތުމުގައި ބޭނުންކުރެވިދާނެ ސިފައެކެވެ. މަހުގެ ނިގޫފަތާއި، މަތީބައިގެ ދެވަނަ ކޮތަރިބަޔާއި އަދި ބަނޑުދަށް ފަރާތު ކޮތަރިބައި ހުންނަނީ ގަދަ އަޅިކުލައެއްގައެވެ.