ތަވީދު
ތަވީދަކީ ފަންޑިތަ ސިހުރުހާހޫރައިގައި ފަންޑިތަވެރިޔާ އޭނާގެ ބަލީމީހާއަށް ނުވަތަ ފަންޑިތަ ލިބިގަންނަ މީހާއަށް ލިޔެދޭ މައިތިރިއެކެވެ. މިބަސް ތަފާތު ގޮތްތަކަކަށް މާނަ ކުރެވިދާނެއެވެ. އެގޮތުން ތަވީދަކީ ޖިންނި ނުވަތަ ހަންޑި ފަދަ ރޫހާނީ މަހުލޫގާތް ތަކުގެ ކިބައިން ތުރައު ލިބިފައިވާ މީހާ އޭނާ އެބަލާއިން ރެކި ގަތުމަށާއި ރައްކާތެރިކަން ލިބިގަތުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމުގައި ބުނުމަކީ މީގެ އެއްގޮތެވެ. ތަވީދަކީ ސިހުރުހަދާފައިވާ މީހާ އެސިހުރު ބާތިލުކޮށް އެކަން ފޮށިނުގަންނާނެހެން ހަދާ ފަސޭހައެކެވެ. ތަވީދުގައި ވަކި ބައްޓަމެއް ނުހުރެއެވެ. ބައެއް ތަވީދަކީ ލޯހޮޅީގައި ބަންދު ކުރެވިފައިވާ ދެކޮޅު ބެއްދި އެތިކޮޅެކެވެ. މިއާއި ތަވީދުގެ އެތެރޭގައިވާ ލިޔުމާއި އެކު ޖަމައު ގޮތެއްގައި ކިޔަނީ ތަވީދެވެ. ވަކި ވަކިން ނަމަ ތަވީދަކީ ލިޔުމުގެ ބައެވެ. އައްޑޫ ބަހުން ތަވީދު އަޅާ ލޯ ހޮޅިއަށް ކިޔަނީ 'ބެރަ'އެވެ. އެއީ އެ އެންމެ ވައްތަރުވާނީ ބެރައަކާއި ކަމަށް ވާތީ ކަމުގައި ބެލެވެއެވެ. ތަވީދު ދިގުކޮށް ހުރެއެވެ. އެހެނަސް މި 3 އިންޗަށް ވުރެ ދިގުކޮށް ނުހުރެއެވެ. ހުއްޓަސް ވަރަށް މަދުކަމުގައި ނޫނީ ނުވާނެއެވެ. ލިޔެފައިވާ ފޮތިކޮޅު ނުވަތަ ތިމަރަފަތް ނުވަތަ ކަރުދާސްކޮޅު ރަގަޅަށް ބާރުކޮށް ފައް ކުރެވިފައި ހުރުމުން އަލުން އެ ރޫޅާލުމަކީ އުދަގޫކަމެކެވެ. އެފަދައިން ހެދުމަށްފަހު ތަވީދު އަޅާނީ ބެރަށެވެ. ބެރުގައި ތަވީދު ނުކުރާނަމަ އެތަވީދެއްވާނީ ފަށަކުން ބަނދެވިފައެވެ. މިފަށް ލާނީ ތަވީދު ފައް ކުރާއިރު އެތެރޭން ލާފައި ތަވީދާއި އެކުއެވެ. އެހެންކަމުން ފައްކޮށް ނިމޭއިރު ތަވީދުގެ ދެފަރާތުން ފަށް އިންނާނީ ބޭރުވެފައެވެ. އަތުގައި ނުވަތަ ފައިގައި ނުވަތަ އުނަގަނޑުގައި ބަންނާނީ މިފަށް ބޭނުން ކޮށްގެންނެވެ. ބެރުގައި ތަވީދު ކުރެވޭ ނަމަ އެތަވީދެއްގައި ފަށެއް ލުމުގެ ބޭނުމެއް ނެތެވެ. އެހެނީ ބަންނަފަށް ލުމަށްޓަކައި ބެރުގައި ވަކިން ދެތަންކޮޅު ހެދިފައި ވާތީ އެވެ. ބެރުގައި ނޫންގޮތަކަށް ކުރާ ތަވީދުތައް އުތުގެ ތެރެއަށް ލެވެއެވެ. މިއީވެސް ތަވީދު ހަލާކުވިޔަ ނުދިނުމަށް ކުރެވޭ ކަމެކެވެ.
ބަސްފޮތުން ތަވީދު
އުނިއިތުރު ގެންނަވާތަވީދު:ތިމާގެ ރައްކަލަކައްޓަކައި ނުވަތަ ތިމާގެ ބޭނުމެއް ފުއްދުމަށްޓަކައި ކަރުދާހުގައި ނުވަތަ ފޮތީގައި ނުވަތަ ތިމަރަފަތް ފަދަ އެއްޗެއްގައި ޤުރުއާނުގެ އިސްމުފުޅު ލިޔެ ނުވަތަ އަކަކުރަހައިގެން ބޭނުންކުރާ ފަންޑިތަވެރިކަމުގެ އެއްޗެއް.
ދީނުގައި ތަވީދު
އުނިއިތުރު ގެންނަވާދިނީގޮތުން ތަވީދު ބޭނުންކުރުމަކީ ޝިރުކު ކުރުން ކަމުގައި ބުނެވެއެވެ. ރަސޫލާ ހަދީޘް ކުރެއްވިއެވެ. ( من علق تميمة فقد أشرك ) (السلسلةالصحيحة" 1 / 809 )
މާނައީ : ތަވީދެއް އަޅައިފިމީހާ ފަހެ ހަމަކަށަވަރުން ޝިރުކު ކޮށްފިއެވެ. އެހެންކަމުން އެއްވެސް ހާލެއްގައި ތަވީދު ފަދަ އެއްޗެއް ބޭނުންކުރުމީ ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ.