ދޮން މަސް (ސައިންޓިފިކް ނަން: Lutjanus fulvus)ނުވަތަ (އިނގިރޭސި ބަހުން: Blacktail snapper)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ދުވާލާއި ރޭގަނޑު ނަނުފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ގިނައިން ބޭނޭ، ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިމަސް ގިނައިން އުޅެނީ ބައިބަޔަށް ބޮޑެތި އައިން ހަދައިގެންނެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށުގައި ކެނޑުމެއް ހުރެއެވެ. ކުދި ދޮންމަސް ތިލަފަޅުތަކުގެ މުރަކަތަކުގެ ނިވާކަންމަތީ ދިރިއުޅެއެވެ.

ދޮން މަސް

ދޮން މަސް ދިރިއުޅެނީ 40-2 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 10 ކައްޓާއި، 15 މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 16 މަޑުކަށި ހުރެއެވެ.

ދޮން މަސް ގެ ކުލައަކީ މުށިކުލައަކަށްދާ ރީނދޫ ކުލައެކެވެ. މަހުގެ ދެއަރިމަތީގައި ރީނދޫ ކުލައިގެ ހިމަ ރޮނގުތަކެއް މަހުގެ ހުރަހަށް ހުރެއެވެ. މިރޮނގުތައް އެންމެ ފާޅުކޮށް ފެންނަން ހުންނަނީ މަހުގެ އަރިމަތީގައި ހުންނަ ހުޅުބު ބަރީގެ ތިރީގައެވެ. މަހުގެ ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައިގައެވެ. ނިގޫފަތް ހުންނަނީ ކަޅުކުލައެއްގައެވެ. ނިގޫފަތުގެ ކައިރިފަށުގައި ހުދުކުލައިގެ ރޮނގެއް ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައި ހުންނަނީ ރީނދޫ ކުލައިގައެވެ. މަތީ ކޮތަރި ބައި ހުންނަނީ ރަތް މުށި ކުލައިގައެވެ.