ދޮންފަޅު ރޮނޑު(ސައިންޓިފިކް ނަން: Sufflamen bursa)ނުވަތަ (އިނގިރޭސި ބަހުން: Boomerang triggerfish)އަކީ ރާއްޖޭގެ ތިލަފަޅުފަޅު ގައްޔާއި، ފަރުފަރުގެ ބޭރުމަތީން ފެންނަ ބާވަތެކެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. ދުވާލު ކުދިބުޅިލައިގެން ފަރުމައްޗަށް ފައްތައިގެން ނުވަތަ ނަނު އެއްލައިގެން ކުރާ މަސްވެރިކަމުގައި މިބާވަތުގެ ރޮނޑު ވެސް މަދުމަދުން ބޭނެއެވެ. ފަރުމަތީ އުޅޭ އެހެން ރޮނޑުތަކުގެ ބާވަތާ އެއްގޮތަށް މިރޮނޑުވެސް ހަނގުރާމަ ކުރުމުން އަވަހަށް ގޮސް ހަރެއްގެ ތެރެއަށް ވަދެ، ފުރަތަމަ ކޮަތަރިބައިގެ ވަރުގަދަ އަޅުވާލައެވެ. އަދި މީގެ ސަބަބުން މިމަސް ހަރުން ބޭރަށް ދަމައިގަތުމަކީ އުދަގޫ ކަމެކެވެ. ދޮންފަޅު ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 27 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 25 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ލޮލުގެ ކުރީގައި ކުޑަކޮށް އަޑިވެފައި ހުންނަ ތަންކޮޅެއް ހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ރީނދޫ ކުލައެވެ. މަހުގެ ލޮލުގެ ފަހަތުން ފެށިގެން ލޯހުރަސްކޮށް ކަންފަތުގެ ބުޑުދަށަށް ހަދުފަޅި ބުރަށް ހުންނަ ރީނދޫ ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. އަދި ކަންފަތްގަނޑުގެ އެތެރެފަރާތުގެ ބުޑުދަށުގެ މަތީކައިރިއަށް ހުންނަ ރީނދޫ ކުލައިގެ ރޮނގެެއް ހުރެއެވެ.

ދޮންފަޅު ރޮނޑު

މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މިއީ ފަޅު ރޮނޑުގެ ބާވަތެއް ކަމުގައިވާތީ ކުލަވަރަށް ބަލާ މިމަހަށް ދޮންފަޅު ރޮނޑު ކިޔާފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓި މީޓަރަށެވެ.