ދޮންކޮތަރި ފިލޮޅު(ސައިންޓިފިކް ނަން: Wattsia mossambica)ނުވަތަ (އިނގިރޭސި ބަހުން: Mozambique large-eye bream)އަކީ އާއްމުކޮށް ދިވެހިން ބާނާ އުޅޭ މަހެއް ނޫނެވެ. މިބާވަތުގެ ފިލޮޅު އާންމުކޮށް އުޅެނީ އަތޮޅުގެ ބޭރުފަރާތުގެ ފުން ސަރަހައްދު ތަކުގައެވެ. ގާތްގަނޑަކަށް 100 މީޓަރާއި 180 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ. މިއީ ތަދު ފިލޮޅެއްކަމުން ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔާނޫޅޭތީ މަހުގެ ސިފަޔާއި ކުލަވަރަށް ވިސްނާ ދޮންކޮތަރި ފިލޮޅުކިޔާ ނަންދީފައިވަނީ އެވެ.

ދޮންކޮތަރި ފިލޮޅު

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ދެކައިރިފަށުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސމ އަށެވެ. މިއީ އެހެނިހެން ފިލޮޅުގެ ބާވަތްތަކަށްވުރެ ފުޅާ ހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ކުލައަކީ އަޅިރިހި ކުލައެކެވެ. އަދި ފަނޑު ދޮންކުލައެއް މަހުގައި އެކުލެވެއެވެ. މަހުގެ ކޮތަރިތައް ހުންނަނީ ދޮން ރީނދޫ ކުލައެއްގައެވެ. މަހުގެ ކޮތަރިތަކުގަޔާއި ނިގޫފަތުގައި ފަނޑު މުށިކުލައިގެ ލައްތަކެއް ބައެއް ފަހަރު ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ކާނާއަކީ ކަނޑުއަޑީގައި އުޅޭ ތަފާތު ކުދިމަސް މަހެވެ.