ދުންތަރި ފާނަ
ދުންތަރި ފާނަ (ސައިންޓިފިކް ނަން: Epinephelus morrhua)އަކީ އަތޮޅުން ބޭރު ކަނޑުތަކުގެ އަޑީގައި ދިރިއުޅޭ މަހެކެވެ. ވުމާއެކު މިއީ ދިވެހި މަސްވެރިން ފަރުފަޅުގެ ބޭރުންނާއި، އެތެރެވަރީގެ ކަނޑުތަކުގައި ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެއް ނޫނެވެ. ނަމަވެސް މެރިން ރިސާރޗް ސެކްޝަން ގެ ފަރާތުން ކުރިއަށް ގެންދާ ތަހްލީލީ މަސްވެރިކަމުގައި މިބާވަތުގެ މަސް އަތޮޅު އަތޮޅުގެ ބޭރުމަތީން އަޑީ ލޭނު އަޅައިގެން ވަރަށް މަދުން ބޭނިފައި އެބަހުއްޓެވެ.
ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން، މަހުގެ ތަދުކަމަށް ވިސްނާ މިމަހަށް ދުންތަރި ފާނަ ކިޔާ ނަންދީފައިވަނީ އެވެ.މިމަހުގެ ކޯތާފަތުގެ ކުރީބައިގެ އަރިމަތި ހުންނަނީ ރާޅުކޮށެވެ.
މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކައްޓާއި، 14 ނުވަތަ 15މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 ނުވަތަ 8މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތު ކޮޅާއި ނިގޫފަތު ކޮޅު ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މިބާވަތުގެ މަސް އާންމު ގޮތެއްގައި އުޅެނީ 120 މީޓަރާއި 370 މީޓަރާއި ދެމެދު ފުންމިނުގައެވެ. އަދި މިއީ އިންޑިޔާ ކަނޑުގެ މިސަރަހައްދުގައި ވަރަށް މަދުން އުޅޭ މަހެއް ކަމުގައި ބެލިފައި ވެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 40 ސމ އަށެވެ.
މަހުގެ ކުލައަކީ ފަނޑު އަޅިކުލަ އެވެ. މަހުގެ ބުރަކަށިމަތީ ގައްޔާއި، ދެއަރިމަތީގައި އަދި ކަރުތާފަތް މަތީގައި މުށިކުލައިގެ ކުރެހުން ބައެއް ހުރެއެވެ. މަހުގެ ކޮތަރި ތަކުގައި އެއްވެސް ކުރެހުމެއް ނުހުރެއެވެ. މަހުގައި ހުންނަ ކުރެހުން ބައިގެ ތެރޭގައި މުށިކުލައިގެ ލައްތަކެއް ހުރެއެވެ.