ދިވެސްއަކުރު
ދިވެސްއަކުރަކީ އެވޭލާއަކުރު ގެ ފަހުން ދިވެހި ލިޔުމަށް ބޭނުން ކުރެވުނު ލިޔުމުގެ ނިޒާމެވެ. މި އަކުރަށް ދިވެސް އަކުރު ކިޔައި ނަން ދެއްވީ ދިވެހި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ސްރިލަންކާގެ ރައްޔިތެއްކަމުގައި ވާ އެޗް ސީ ޕީ ބެލް އެވެ. ބެލް އިނގިރޭސީންގެ ހިދުމަތުން ރިޓަޔަރ ވުމަށް ފަހު، ދިވެހިރާއްޖެއަށް އައިސް، ދިވެހި ތާރީހާއި ދިވެހިބިމާއި ދިވެހި އަކުރުގެ މައްޗަށް ތަފްސީލީ މޮނޮގްރާފެއް ލިޔުނެވެ.
ދިވެސް އަކުރު އުފެދިގެން އައީ ދެކުނު އިންޑިޔާގެ ބަސްތައް ލިޔެއުޅުނު ގުރަންތާ އަކުރުންނެވެ. މީގެ އެންމެ ދުވަސްވީ ލިއުމެއް ފެނިފައިވަނީ ލަންދޫ (ނ. އަތޮޅު) އިންނެވެ. ލަންދޫ އިން ފެނުނު ލިޔުމަކީ މީލާދީން 8 ވަނަ ގަރުނުގައި ލިޔެވިފައިވާ ލިޔުމެއް ކަމަށް ބެލެވެއެވެ. މިއަށް ވުރެ މާ ކުރީގައިވެސް މި އަކުރު ބޭނުންކުރެވިފައި ވާނެ ކަމަށް ގަބޫލުކުރެވެއެވެ. [1]
މީލާދީން 20 ވަނަ ގަރުނުގެ ތެރޭގައި ބެލް، ދިވެހި ބަހާއި އަކުރު ގެ ދިރާސާ ކޮށް ކުރީގައި ދިވެހި ލިޔަން ބޭނުންކުރި އަކުރުތަކަށް ޒަމަނާ އެކު އައިސްފައި ހުރި ބަދަލުތަކަށް ބަލައި ދެ ބަޔަކަށް ބެހިއެވެ. އެންމެ ކުރިގެ އަކުރުތަކަކި އެވޭލާ އަކުރު ކަމުގައި ނަންދީ އޭގެ ފަހުގެ އަކުރުތަކަށް ދިވެސް އަކުރު މިނަން ދިނީއެވެ. ކުރީގެ ލޯމަފާނާއި ހިރިގަލުގައި މި އަކުރުން ލިޔެފައި ހުރި ލިޔުން ރައްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވެއެވެ. އަދި ދިވެހިން ބުދު ދިނަށް ތަބާ ވެގެން އުޅުނު ޒަމަނުން ފެށިގެން މި އަކުރު ބޭނުންކުރި ކަމުގެ ހެކި ފެންނަން އެބަ ހުއްޓެވެ. އޮޅުދޫކަރަ އާއި އިންޑިޔާ ގައި ލިޔަން ބޭނުންކުރި އަކުރުތައް ފަދައިން ދިވެސް އަކުރުވެސް ނިސްބަތް ވަނި ބްރަހްމި އާއިލާއަށެވެ. އަދި މި އަކުރުން ލިޔަނީ، ތާނަ އާ ހިލާފަށް، ވާތުން ކަނާއަތަށެވެ.
މިއަކުރު މިހާރު ލިޔުމަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވެއެވެ. ދިރާސާ ކުރުމަށާއި ހޮބީއެއްގެ ގޮތުގައި މި ލިޔުން ދަސްކުރާ މީހުން މަދުމަދުން އުޅެއެވެ. މި އަކުރުން ލިޔެފައިވާ ލިޔުންތައް މަހާނަ ގަލުން ފެންނަން ހުރެއެވެ. މީގެ އިތުރުން 20 ވަނަ ގަރުނުގެ ކުރީކޮޅު، ބެލް ރާއްޖޭގައި ހޭދަކުރި ދުވަސްވަރު އައްޑު އަތޮޅުން މި އަކުރުން ލިޔެފައިވާ ނަކަތްތެރިކަމުގެ ފޮތެއް ފެނުނު ކަމަށް އޭނާ ބަޔާންކޮށްފައި ވެއެވެ.
1959 ގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަންގައިގެން، ބޮޑުފެންވަޅުގޭ ސީދީ ދިވެސް އަކުރު މި ނަމުގައި ފޮތެއް ލިޔުނެވެ. ބޭނުމަކީ ބެލް ގެ ދިރާސާގައި ދެއްކިފައި ހުރި ކުށްތައް ރަނގަޅުކުރުމެވެ. ނަމަވެސް މި ފޮތަށް މާބޮޑު ތަރުހީބެއް ކަމަގުޅޭ އިދާރާތަކުން ދީފައެއް ނުވެއެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ- ↑ "Dhives Akuru". Omniglot. Retrieved 2012-03-20.