ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަކި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނީ ބިންގަލާއި، ދިވެހިރައްޔިތުންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އަދި ދިވެހިރާއްޖޭގެ ސަރުކާރުގެ ނިޒާމް ހިނގާނެ ގޮތް ހިމެނޭ ޤާނޫނުއަސާސީ އެވެ. މިހާރު އަމަލުކުރެވެމުންދާ ޤާނޫނު އަސާސީ އަކީ އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް 7 އޯގަސްޓް 2008 ގައި ސޮއި ކުރެއްވި ޤާނޫނު އަސާސީއެވެ.


އެންމެ ފުރަތަމަ ޤާނޫނު އަސާސީ އަށް އަމަލުކުރެވެން ފެށީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން IIIގެ ވެރިކަމުގައި 1932 ވަނަ އަހަރުއެވެ. އެ ޤާނޫނު އަސާސީ ބިނާވެފައި އޮތީ އޭރުގެ އާދަކާދަތަކުގެ މައްޗަށެވެ. އެ ޤާނޫނު އަސާސީ ލިޔެވުނީ އޭރުގެ ސިލޯނުގެ ގަވަރުނަރުގެ އެކަމަށް އެދިލެއްވުމުންނެވެ. 1934 ވަނަ އަހަރު ދެވަނަ ޤާނޫނު އަސާސީއަކަށް ޢަމަލުކުރެވެން ފެށުނެވެ. ހަމަ އެއަހަރު ޤާނޫނު އަސާސީއާ ޚިލާފުވުމުން ސުލްޠާން މުޙައްމަދު ޝަމްސުއްދީން III ވެރިކަމުން ދުރުކުރެވުނެވެ. ސުލްޠާން ޙަސަން ނޫރައްދީން IIގެ ވެރިކަމުގައި 1940 ވަނަ އަހަރު ތިންވަނަ ޤާނޫނު އަސާސީއެއް ލިޔެވި އެއަށް އަމަލުކުރެވެން ފެށުނެވެ. 1942 ވަނަ އަހަރު އަދި 1951 ވަނަ އަހަރު އާ ޤާނޫނު އަސާސީތަކަށް އަމަލުކުރެވެން ފެށުނެވެ. އެއަށްފަހު 1954 ވަނަ އަހަރު ދިވެހިރާއްޖެ ޖުމްހޫރިއްޔާ އަކަށް ބަދަލުވިއެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އަދި ދެވަނަ ރަސްކަން

އުނިއިތުރު ގެންނަވާ

މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ހަތްވަނަ ޤާނޫނު އަސާސީ އަކަށް އަމަލުކުރެވެން ފެށުނެވެ. މި ޤާނޫނު އަސާސީ އަށް އަމަލުކުރެވުނީ އެންމެ 8 މަހަށެވެ. އެއީ ދެވަނަ ފަހަރަށް ރަސްކަމަކަށް ބަދަލުވުމުންނެވެ. މިއަށް ފަހު 1954، 1964 އަދި 1967 ގައި އާ ޤާނޫނު އަސާސީތަކަށް އަމަލު ކުރެވުނެވެ.

ދެވަނަ ޖުމްހޫރިއްޔާ

އުނިއިތުރު ގެންނަވާ

11 ނޮވެމްބަރު 1968 ގައި އިބްރާހިމް ނާޞިރު އާ ޤާނޫނު އަސާސީއެއް ގައި ސޮއި ކުރެއްވިއެވެ. އެއީ ދެވަނަ ފަހަރަށް ޖުމްހޫރިއްޔާ އަކަށް ވުމުންނެވެ. މި ޤާނޫނު އަސާސީ 1970، 1972 އަދި 1975 ގައި އިސްލާހު ކުރެވުނެވެ. މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި 1988ވަނަ އަހަރު ބާރަވަނަ ޤާނޫނު އަސާސީ އެއް ތަޢާރަފް ކުރެވުނެވެ.

2008 ގެ ޤާނޫނު އަސާސީ

އުނިއިތުރު ގެންނަވާ

2008 ގެ ޖޫންގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުން އާ ޤާނޫނު އަސާސީ އެއް ލިޔެ ފުރިހަމަކޮށް ނިންމިއެވެ. 7 އޯގަސްޓް 2008 ގައި މައުމޫން ޢަބްދުލް ޤައްޔޫމް އެ ޤާނޫނު އަސާސީ ގައި ސޮއި ކުރެއްވިއެވެ. މި ޤާނޫނު އަސާސީ ފުރިހަމަކޮށް ނިމުނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ. އެއީ 2003 ގައި މައުމޫން ޢަބްދުލް ޤައްޔޫމް ދިމިޤްރާޠީ ނިޒާމެއް ޤައުމަށް ގެންނާނެ ކަމަށް ވަޢުދުވެ ވަޑައިގަތުމަށް ފަހުއެވެ. މި ޤާނޫނު އަސާސީ އުފެދުމަށް ދިމާވި މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް 2003 ވަނަ އަހަރު އަދި އެއަށް ފަހު އައި ހަމަނުޖެހުންތަކަށް ފަހުއެވެ. އާ ޤާނޫނު އަސާސީ ގައި ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަކީ ވެރިކަން ހިންގުމުގެ ބާރަށް ވުރެ ޤާނޫނު ހެދުމުގެ ބާރަށް ބާރު ދިނުމާއި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު ހިންގުމަށް ކޮމިޝަނެއް އުފެދުމާއި ކޮރަޕްޝަން ނައްތާލުމަށް އަދި އިންތިޚާބުގެ ކޮމިޝަނެއް އުފެދުމާއި އެހެނިހެން މިނިވަން މުސްތަޤިއްލު ކޮމިޝަންތައް އުފެދުމެވެ.


އާ ޤާނޫނު އަސާސީގައި ހިމެނެނީ ސާދަ ބާބުއެވެ. އެއީ 301 މާއްދާއެވެ. އަދި ތިން ޖަދުވަލު އެވެ. އެއީ:

  • ފުރަތަމަ ބާބު - ދައުލަތާއި، އަމިއްލަ ވެރިކަމާއި، ރައްޔިތުން
  • ދެވަނަ ބާބު - އަސާސީ ޙައްޤުތަކާއި މިނިވަންކަން
  • ތިންވަނަ ބާބު - ރައްޔިތުންގެ މަޖިލިސް
  • ހަތަރުވަނަ ބާބު - ރައީސުލްޖުމްހޫރިއްޔާ
  • ފަސްވަނަ ބާބު - ވަޒީރުންގެ މަޖިލިސް
  • ހަވަނަ ބާބު - ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު
  • ހަތްވަނަ ބާބު - މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް
  • އަށްވަނަ ބާބު - ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން
  • ނުވަވަނަ ބާބު - ސަލާމަތީ ޚިދްމަތްތައް
  • ދިހަވަނަ ބާބު - ދައުލަތުގެ މިލްކުވެރިކަމާއި، މާލީ ޒިންމާތަކާއި ދަޢުވާތައް
  • އެގާރަވަނަ ބާބު - ކުއްލި ނުރައްކަލުގެ ބާބު
  • ބާރަވަނަ ބާބު - ޤާނޫނުއަސާސީ އިޞްލާޙުކުރުން
  • ތޭރަވަނަ ބާބު ޤާނޫނުއަސާސީއަށް ޢަމަލުކުރުމާއި މާނަކުރުން
  • ސާދަވަނަ ބާބު - އިންތިޤާލީ ކަންތައްތަކާބެހޭ ބާބު
  • ޖަދުވަލު 1 - އެކިއެކި މަޤާމުގެ ހުވައި
  • ޖަދުވަލު 2 - އިދާރީ ދާއިރާތައް
  • ޖަދުވަލު 3 - ޤައުމީ ދިދަ