ދިވެހިރާއްޖޭގެ މިނިވަން ދުވަސް
އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ޢިއްޒަތްތެރި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެޤައުމުގެ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުންނެވެ. އެމުޢާހަދާގައިވާ ގޮތުން ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށްގެންނެވެ. ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ޤައުމެކެވެ. އެއާއެކު ރާއްޖޭގެ ދާޚިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިޙްތިޔާރު ރާއްޖެއަށް ލިބިގެންވެއެވެ. އަދި ދާޚިލީ ކަންތައްތަކާ އިނގިރޭސިންނެއް ނުބެހޭނެއެވެ. އެހެން ކަމާއެކުވެސް ރާއްޖޭގެ ތަޚްތަށް އިސްކުރެވޭ ރަސްކަލަކު އެމަޤާމު ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން އިނގިރޭސި ސަރުކާރަށް އެކަން އަންގައި އެ ސަރުކާރުން އެރަސްކަލެއް ޤަބޫލުކުރަން ޖެހެއެވެ. އަދި އޭރުވެސް އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީއެއް ކޮންމެ އަހަރަކު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ފޮނުވަމުން ގެންދެއެވެ.
1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލު ކުރީއެވެ. އަދި ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ޤައުމަކާ އަދި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކަ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބުނީއެވެ. މި ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.