ދަތްބުޅި މިޔަރު
ދަތްބުޅި މިޔަރު (އިނގިރޭސި ބަހުން: Hemipristis elongatus)ނުވަތަ (އިނގިރޭސި ބަހުން: Snaggletooth shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގައި ވަރަށްމަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ފެނުނު ކަމަށް ރިކޯޑް ކުރެވިފައިވަނީ އެންމެ މިޔަރެކެވެ. އެއީ ރ. މަޑުއްވަރީ ދޯންޏެއް ހއ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރުމުގެ ތެރޭގައި ބޭނިފައިވާ މިޔަރެކެވެ. މިމިޔަރު ބޭނިފަރާތުން އެމިޔަރުގެ އަނގަ ހިއްކައި ރައްކާކޮށްފައިވަނިކޮށް މެރިން ރިސާޗް ސެކްޝަނުން ތަހްލީލުކޮށް އެއަނގަ އައިޑެންޓިފައި ކުރީއެވެ.
ދަތްބުޅި މިޔަރަކީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 2.4 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިޔަރުގެ ތުންކޮޅު ހުންނަނީ ވަށްކޮށެވެ. މިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި އަޅިކުލައެވެ. މިޔަރުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. މިޔަރުގެ އަނގައިގައި ހުންނަ ދަތްތައް ހުންނަނީ ބުޅިކޮށެވެ. މިބާވަތުގެ މިޔަރަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައިނެތީ މިއީ ރާއްޖެއިން މާގިނައިން ފެންނަ މިޔަރަކަށް ނުވާތީ އެވެ. ވީމާ މިމިޔަރުގައި ހުރި އެންމެ ޚާއްޞަ ސިފަކަމުގައިވާ ދަތްބުޅި ކަން ފާހަގަކޮށް ދަތްބުޅި މިޔަރު ކިޔާފައި ވަނީ އެވެ.
ދަތްބުޅި މިޔަރުގެ އާއްމު ކާނާއަކީ އެތެރެވަރީގެ ކަނޑުގެ މަތީބައިގައި އުޅޭ ކުދިމަހާއި، އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ މަހެވެ. މިބާވަތުގެ މިޔަރު އާއްމުކޮށް އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައެވެ. މިއީ ހެމިޕްރިސްޓިސް ޖީނަސް ގައި ހިމެނޭ ހަމައެކަނި މެންބަރެވެ. މިއީ އިންޑިޔާ ކަނޑު އަދި ޕެސިފިކް ކަނޑު ގައި އުޅޭ މިޔަރެކެވެ. އެގޮތުން ޕެސިފިކް ކަނޑުގެ ހުރިހާ ހިސާބެއްގައި އުޅޭކަމަށް ފާހަގަ ކުރެވިފައި ެވއެވެ. ރަތް ކަނޑާއި، ޖަޕާން ކަނޑު ފިލިޕީންސް ހިމެނޭ ހިސާބުގައި ވެސް މިމިޔަރު އުޅެއެވެ. މިމިޔަރުގެ ބަރުދަނުގައި ގާތްގަނޑަކަށް 250 ކިލޯ ހުރެއެވެ.