ދަބަރު ހަނދި(ސައިންޓިފިކް ނަން: Carangoides ferdau)ނުވަތަ (އިނގިރޭސި ބަހުން: Blue trevally) އަކީ އާދަވެގެން ތިލަފަޅުތަކާއި، ވިލުވިލުގައި 5 މީޓަރާއި 60 މީޓަރާއި ދެމެދުގެ ފުންމިން ހުންނަ ހިސާބުތަކުގައި އެކަހެރިކޮށްނާއި، ކުދި އައިން ހަދައިގެންއުޅޭ ހަނދީގެ ބާވަތެކެވެ. މިއީ ހަށިގަނޑު ފަތިކޮށް ތުންކޮޅު ވަށްކޮށް ހުންނަ މަހެކެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 26 އާއި 34 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 21 އާއި، 26 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 70 ސެންޓި މީޓަރަށެވެ. މަހުގެ ކަންފަތްގަނޑާއި ދިމާލުން ބަޑުދަށް ފަރާތު ގައްޔާއި، ކަންފަތް ގަނޑުގެ ބުޑުދަށުގައި ހުޅުނބެއް ނުހުރެއެވެ. ދަބަރު ހަނދި އާއްމުކޮށް ކައިއުޅެނީ ޑިނގާއާއި، ކަކުނި އަދި ކުދިމަހެވެ.

ދަބަރު ހަނދި

ދަބަރު ހަނދީގެ ކުލައަކީ ރިހިކުލަ އެވެ. މަހުގެ ކަންފަތްގަނޑުގެ މަތީން މަހުގެ ދެފަރާތުގައި ރަންކުލައިގެ ތިކިތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިމަހަށް ދަބަރު ހަނދި ކިޔަނީ މިދެންނެވި ލައްތައް މަހުގައި ޖަހާފައި ހުންނައިރު ދަބަރު ލައްތަކެއްހެން ހުންނާތީ އެވެ. މިބާވަތުގެ ބޮޑެތި މަސް މޫދުގައި އުޅޭއިރު 5 ނުވަތަ 6 ގަޅިރޮނގު ފަނޑުކޮށް މަހުގެ ދެފަރާތުގައި ހުރެއެވެ.