ދަރަވަންދޫގޭ ޙުސައިންދީދީ
ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީގެ އެދުރުބެއިކަލަކީ އައްޑޫމީދޫ އައިސާބީގެދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީހް އިބްރާހީމް ތަކުރުފާނު އަޚުލް ޤާޟީ މޫސާ ބަދްރުއްދީނެވެ. އައިސާބީގެދަރު ދޮންބެއްޔާއަކީ މި އިބްރާހީމް ތަކުރުފާނެވެ. މި ތަކުރުފާނަކީ ޤުރުއާން ހިތުދަސް ދަންނަބެއިކަލެކެވެ. ފިޤްހު ނަޙްވު ރަނގަޅަށް އޮޅުން ފިލައިގެން ހުންނެވި ބެއިކަލެކެވެ. ޔޫނާނީ ބޭސް ދެނެލައްވާ ޙަކީމެކެވެ. ތިލޭރު އަތްކަމާއި، ކަނބުރުވެރިކަމާއި، ފޭރާން ކުޅައުމާއި، މިކަންކަމަށް ކުޅަދާން މަސައްކަތްތެރިއެކެވެ. ދެބާވަތުގެ ވަޑާމަށް ކުޅަދާނަ މާވަޑިއެކެވެ. އާދަވެގެން މަހަށް ދުރުވާ ކެޔޮޅެކެވެ. މި ތަކުރުފާނުން ދުނިޔޭގައި ހުންނެވިހައި ދުވަހު އައްޑޫ ގަމުގެ ގޮއި އޮތީ މި ތަކުރުފާނުންގެ މޭޒުމައްޗަށް ވަރުވާޔަކާއި ނުލައި ދެއްވައިފައެވެ. އެ ދެއްވީ ޢިމާދުއްދީން ރަދުންގެ ޒަމާނުގައެވެ. މިފަދަ ތަނަވަސްކަމާއި އެކުގައި މިތަކުރުފާނަކީ ދުނިޔޭގެ މުދައުތަކެއް އެއްކުރައްވާކަށް ގެދޮރު ބިނާކުރައްވާކަށް، އަދި ޒީނަތްތެރި އުނުފޭރާމެއް ލައްވާކަށް އުޅުއްވާ ބޭކަލެއް ނޫނެވެ. ހުންނަވާ ގެއަކީ މުސްކުޅިފާޑަށް އަޅައިފައި ހުންނަ އާދައިގެ ތިންބައި ގެއެކެވެ. ފުރާޅުގައި ހުންނަނީ ތޮށައްޔެވެ. ވަރަށް ތިރި ގެއެއްމެއެވެ. ގޭގެ ތެރެއަށް ބޭރުން އަންނަ ކާބޯތަކެތި އައިސް ވަނުމުން އެތަކެއްޗަކާއި އެތަކުރުފާނަކާ ވާކަމެއްނޫނެވެ. އެތަކެއްޗަށް ގޮތްގޮތް ހެއްދެވުމާއި ގޭތެރޭގެ ހުރިހައިކަމެއް ހިންގެވުންވަނީ އެތަކުރުފާނުންގެ އަނބިކަނބަލުންގެ އިޚްތިޔާރުގައެވެ. މި އަނބިކަނބަލަކީ މީދޫ ގަޑުވަރު މުޙައްމަދު ތަކުރުފާނުންގެ އަޙްމަދު ދީދީގެ ދޮންދީދީއެވެ. މި ދީދީގެ ކުރީގައި މި ތަކުރުފާނުން ކާވަނިބައްލަވައިގެން އުޅުއްވީ، ގަނޑުވަރު މުޙައްމަދު ތަކުރުފާނުން، ކިލެގެފާނުންގެ ޢާއިޝަތު ދޮށީދީދީއަށް ފަހުގައި އިން ހުޅުދުމައިގެ ރަނާއެއްގެ ބަނޑުން މި މުޙައްމަދު ތަކުރުފާނަށް ލިބުނު ދަރީންކުރެ އަންހެން ދަރިޔަކާއެވެ. މި ބަނޑުގެ ތިން ބޭން ތިބޫ އެވެ. އެއީ ޙުސައިން މަނިކުފާނާއި، ކަތްދާ މަނިކުފާނާއި، މަރިޔަމް މަނިކުފާނާއެވެ.
ގަނޑުވަރު އަޙްމަދު ދީދީގެ ދޮންދީދީގެ ބަނޑުން ލިބިފައި ތިބި ބޭފުޅުންނަކީ، އައިސާދަރު އަޙްމަދުދީދީ އާއި އާމިނާދީދީ އާއި، ޙައްވާދީދީ އާއި ޢަލީދީދީ އާއި މުޙައްމަދުދީދީ އާއި ޙަސަންދީދީ އާއި ޒުލައިޚާދީދީއާއެވެ.
މިތަކުރުފާނުންގެ ކެއިންބެއްލެވުން ހުންނަމަގަކީ، އެ ގޭގައި އެ ވަގުތަކަށް ތައްޔާރުވީ އެއްޗެކެވެ. ތިމަންނާޔަށް މިވެނި އެއްޗެއް ތައްޔާރުކުރާކަށް ނުބުނުއްވާނެތެވެ. ގިނައިން ކެއިންބައްލަވަނީ ފަލަމަޑީގެ ތަކެއްޗެވެ. ކެއިންބައްލަވައިގެން އަތް ދޮންނަވާނީ ވަޅުދޮށުންނެވެ. ތިމަން ކުރަޔާ ލޯގަނޑާ ހިފައިގެންގޮސް ފެންދިނީމައި، ބޯން ޤަބޫލުނޫން މީހަކު އަތުން ތިމަންވަކީން ބޯނޭހޭ ބުނުއްވަޔޭ. އެނދެގެން އުޅުއްވަނީ ހުދު ފޮށައެވެ. ގައިގައި ނުވަތަ ބޮލުގައި އަނެއް ފޮށާ އޮވެއެވެ. ހުކުރަށް ދުރުވާން ނުވަތަ ހުޅުދުވަށް ދުރުވާންވެއްޖިއްޔާ ބަނިޔާދަން ބުގިސް ފަށުއި މުންޑު އަންނަވައެވެ. މި މުންޑު އަންނަވައިފިއްޔާއި ބޮލުގައި އޮންނާނީ އާބުރު ރުމާލެކެވެ. ރުމާ ހުންނާނީ ބޮލުމެދުގައި ވަށްބުރު ހަމަޔަށް އެއްކަންގަނޑު ނަގައިފައެވެ. މަދުމަދުން ލިބާސް ވެސް ލައްވައެވެ. ގިނައިން ގެންގުޅުއްވަނީ ހުދު ފޮލާލީނު ލިބާހެކެވެ.
ބީރައްޓެހި ބަޔަކު އަތުވެއްޖިއްޔާއި އެ ބަޔަކަށް ކޮންމެވެސް ދޮންކެޔޮވަކެއް ފަދަ، އާރޮހެއް ފަދަ އެއްޗެއް ދެއްވައި، ދުފަން ދެއްވައި ހައްދަވާނީ އަމިއްލަ އަތުންނެވެ. މީހުންނާ ވާހަކަ ދެއްކެވުމުގައި ބާވަތްބާވަތުގެ މިސާލުޖެއްސެވުމާއި ޤުރުއާނުގެ އާޔަތްތައް މާނަޔާ އެކުގައި ކިޔުއްވުން ގިނަ ބޭކަލެކެވެ. މީހުންގެ ހިތް އުފާވާނޭ ޒާތުގެ ސަމާސާ ވާހަކަދެއްކުން ވެސް ވަރަށް ހުރެއެވެ.
ޝަރީއަތުގެ މަގުތަކަށް ވަރަށް ވެސް ރައްކައުތެރިވެގެން އުޅުއްވާ ބެއިކަލެކެވެ. އައްޑޫގެ އެންމެ ރަނގަޅު މީހުންގެ ކިބައިގައި ވެސް މީހުން ވެވުގައި ނުވަތަ ވެޔޮދޮށުގައި ތިއްބާ އެ ވެވަށް އެރި އިސްތިންޖާ ކުޅައުމާއި، މި ބާވަތުގެ އައުރަ ނިވައިކުޅައުމާ މެދުގައި ފަރުވާކުޑަކަން ހުރެއެވެ. މި ކަމާ ނުރުހި ވަރަށް ވާހަކަދައްކަވައެވެ. މި ތަކުރުފާނާއި ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނުންގެ ދޮންމަނިކާ ދެކަލުން ނޫނީ އެ ކަމާ މެދުގައި ފަރުވާލެއް ބަހައްޓައިގެން ޝަރީޢަތުގައި އޮތް މަގަށް އުޅޭ ބަޔަކު އެ ދުވަސްވަރަކު އުޅޭކަމެއް ނޭނގެއެވެ. މި ތަކުރުފާނަކީ ފަރުޟު ކަންތައް ވަގުތުން ވަގުތަށް އަދާ ކުރައްވާ ބޭކަލެކެވެ. ނަމާދު ކުރެއްވުން ވަރަށް ވެސް ލުއިވެފައި ކުރުމެއެވެ. ނަމާދު ކުރެއްވުން ހަށީގައި ވެފައި ހުރި ހިސާބީ، ނިޔައުވީ ރޭގައި އިޝާނަމާދު ވެސް މީހުން ކުޑަކޮށް ހިފަހައްޓައިގެން އެނދުމަތީގައި ކޮޅަށް ހުންނަވައިގެން ކުރެއްވޫއެވެ. ފަތިސްނަމާދު ވަގުތުގެ ކުރީގައި ނިޔައުވެއްޖެ އެވެ. މަސްދޯނި މަތީގައި ވެސް ނަމާދު ކުރައްވަތެވެ. މި ތަކުރުފާނަކީ، އިސްކޮޅު މެދުމިން، އުނަގަނޑަށް ހިމަ، ބައިމަތިފުޅައު، ލޫޅާފަތި، ވަރަށް ހަލުއި، ގުނަވަންތައް ފުރިހަމަ، ދޮންކަމަށްވުރެ ކަޅުކަމާއި ގާތް، މޫނު ރީތި މުސްކުޅިއެކެވެ. ތުނބުޅި ހުންނަނީ ކުރުކޮށް ކޮއްޓަވައިފައެވެ. ތުނބުޅި ދާދި ތުނިމެއެވެ. އިސްތަށިމަދު މީހެކެވެ. މި ތަކުރުފާނުން ނިޔައުވީ އުމުރުން އަށްޑިހަ އެތައް އަހަރެއް ވުމަށް ފަހުގައެވެ. ލޮލުގެ އަލިކަމަކަށް، ކަންފަތަށް އިވުމަކަށް، ބުއްދިއަކަށް ޚިލާފެއްނުވެއެވެ. ހަށިގަނޑު ވަރުދެރަވެއްޖެމެއެވެ.
ޢިމާދުއްދީން ރަދުން ފަސްދާނަށް ވަޑައިގަތުމަށް ފަހަކު މާލޭގެ ފަތްކޮޅަކަށް ނޫނީ މި ތަކުރުފާނުން މާލެޔަކަށް ނުދުރުވެއެވެ. އެ ރަދުން ފަސްދާނަށް ވަޑައިގަތީ 1299 މި ވަނަ އަހަރު ޞަފަރުމަހު 25 ދުވަހުގައެވެ. މީގެ ފަހުގައި މި ތަކުރުފާނުން މާލެ ދުރުވީ ހަތަރުފަހަރު އެވެ. މީގެ ތެރެއިން ޙާޖީ އިމާދުއްދީން ރަދުންގެ ރަސްކަމުގެ ކުރީކޮޅުގައި މާލެ ދުރުވި ދަތުރު ރަށަށް ދުރުވިއިރު މި ތަކުރުފާނާ އެކުގައި މާލޭ ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީ ޢިލްމު ކިޔެވުމުގެ އެދުމުގައި އައްޑުއަށް ދިޔައެވެ. އެއީ 1311 މި ވަނަ އަހަރުއެވެ. މި ދަތުރު އެތަކުރުފާނުން ރަށަށް ދުރުވެފައި، މި ޙުސައިންދީދީ އަށާއި، މީދޫ އެދުރުގޭ އަޙްމަދު ދީދީ އަށާއި، މި ތަކުރުފާނުންގެ ފުތް އަޙްމަދު ދީދީ އަށާ ކިޔަވައިދެއްވާން ފަށްޓަވައިފިއެވެ. މި އިރު މި ތިން މީހުންގެމެ އުމުރުން 13 އަހަރުވެގެން 14 އަހަރަށް އަޅައިގަތީއެވެ.
މި ކިޔަވައިދެއްވުމުގެ ބާވަތަކީ ކުދި ފިޤުހު ފޮތްތަކުން ފިލާވަޅެއް ދެއްވުމާއި، ކޮންމެ ރެޔަކުމެ ކޮންމެވެސް ވާހަކަ ފޮތަކުން ދެތިން ހަތަރު ގަނޑުހައިތަން ކިޔައިދެއްވުމާއި ލަފްޒު ފޮތްފޮތުން ލަފްޒު ބަލާނޭ މަގު ދަސްކޮށްދެއްވުމާއި، މީހުން ކިޔަވާން ކުރާ މަސައްކަތުގެ ވާހަކަޔާއި، މަސައްކަތް ކުރީމައި ވާ މޮޅުގެ ވާހަކައާ، ގިނަގިނައިން ދައްކަވައި ހިތްވަރު ދެއްވުމާ، މިއެވެ.
مَنْ جَدَّ وَجَدَ،މިބަސް ކިޔައިދެއްވަނީ ވަރަށް ގިނައިންނެވެ. މިބަހުގެ މައުނައަކީ، "ގަދައަޅައިގެންފި މީހަކަށް ލިބޭނެއެވެ." މިއެވެ. ޒުވާން ފުރާގައި، ވިޔަޔާނުވާ މަގުގައި އުޅެވިފައި ފަހުން ލަފާވެ، ރަނގަޅުވާ މީހުންގެ ވާހަކަތައް ދައްކަވައިދެއްވަނީ ވަރަށް ގިނައިންނެވެ. މި ގޮތްމަތީން އުޅެ ލަފްޒުތަކެއް ދަސްވީފަހުން ނަޙްވު ޢިލްމުގެ އާޖުއްރޫމިއްޔާ އެވެ ކިޔޭ ކުރު ފޮތެއް ވަރަށް ރަނގަޅަށް އޮޅުން ފިލަވައި ކިޔަވައިދެއްވިއެވެ. މިގޮތްމަތީގައި މިދެ އަޙްމަދު ދީދީއަށާއި، ޙުސައިންދީދީއަށް އަހަރާއި ހަތަރުމަސްވާންދެން ކިޔަވައިދެއްވާން އުޅުއްވައިފައި، ޙުސައިންދީދީ މާލެ ފޮނުއްވައިފިއެވެ. ފޮނުއްވަމުން އެދުރުގޭ އަޙްމަދުދީދީ އާއި ހުސައިންދީދީއާ ދެމީހުންނަށް ބުނުއްވިޔޭ، ދެން ތިޔައިގެ ދެކުދީން ނާއިބު ތުއްތޫގެ އަރިހަށް ދިއުމުން ކިޔެވިދާނެޔޭ. ކިޔަވައި ނުދެއްވަޔެއް ފަރަކު ވެސް ނުޖެހޭނެމެޔޭ. ދެން ޙުސައިންދީދީ މާލެ އަތުވެއްޖެއެވެ. ދެ އަޙްމަދުދީދީ އައްޑޫގައި ކިޔެވުމާއިގެން މަޝްޣޫލުވެ ތިއްބެވީ އެވެ.
ދެން މި ޙުސައިންދީދީ މާލެ އައިސް ނާއިބު ތުއްތޫ އެ ދުވަސްވަރުގައި މާލޭގައި ވަޒަންވެރިވެގެން ނުހުންނަވައި ގިނަގިނައިން އުތުރު ރަށްރަށުގައި އުޅުއްވާކަމަށްޓަކައި ކިޔެވޭނެ މަގެއް ނުފެނި މާލޭގެ ކުޅިވަރުތަކާއި މަޝްޣޫލުވެގެން ހުއްޓައި 1315 ހ. ވަނަ އަހަރުގެ ތެރޭގައި އެދުރުގޭ އަޙްމަދުދީދީ، މި ޙުސައިންދީދީއާ ބައްދަލުކުރެއްވުމަށް މާލެ ވަޑައިގެންފިއެވެ. ދެން ޙުސައިންދީދީ ވެސް އަނެއްކާ އައްޑުއަށް ދިޔުމަށް ގަސްތުކޮށްގެން އަޙްމަދުދީދީ ވަޑައިގަތް އޮޑީން ދަނިކޮށް ހުވަދޫކަނޑުން ބެހި، ވިއްސާރަ ޖެހިގެން ދެވުނީ އޮޅުދޫ ކަރައިގެ ކޮޅުނބަށެވެ. މި އޮޑީން ވަޑައިގަތް ބޮޑުންނަކީ، އެޅަގޭ މުޙައްމަދުދީދީ، އެދުރުގޭ އަޙްމަދުދީދީ، އެޅަގޭ އިބްރާހީމްދީދީ، ދޮންދީދީގެ ޢަލީދީދީ، ދަރަވަންދޫގޭ ޙުސައިންދީދީ. މިއެވެ. ކަނޑޫދޫގޭ ޙާޖީ ވެސް ދުރުވިއެވެ.
މިބައިމީހުން ކޮޅުނބުގައި ތިއްބައި އަލްޙާއްޖު އިބްރާހީމް ދޮށިމޭނާކިލެގެފާނުން މައްކާގައި ހުންނަވާފައި، މާލެ ވަޑައިގަތް ދަތުރުފުޅުގައި، ޙުސައިންދީދީ އާއި ޙާޖީއާ ދެމީހުން މާލެ ގެންނަވައިފިއެވެ. އޮޑި އާއި އޮޑީގައި ތިބި މީހުންނާ، އިރުވައި މޫސުންވުމުން މާލެ އައިސްފައި، އައްޑުއަށް ހިނގައްޖެއެވެ.
މިދަތުރަށް ފަހަކު އެޅަގޭ މުޙައްމަދުދީދީ ދަތުރެއް ނުކުރައްވައެވެ. މިޔަށް ފަހުން ދެއަހަރަކުން ނާއިބުތުއްތޫ މާލޭގައި ވަޒަންވެރިވެ ހުންނަވާން ފެށުމުން ޙުސައިންދީދީ ކިޔަވާން ފަށައިފައި އައްޑުއަށް ސިޓީ ފޮނުވުމުން އެދުރުގޭ އަޙްމަދުދީދީ މާލެ ވަޑައިގެން، މީނާ ވެސް ކިޔަވައިވިދާޅުވާން ފަށްޓަވައިފިއެވެ. ދުވަސްކޮޅަކުން ދޮންބެއްޔާގެ އަޙްމަދުދީދީ ވެސް ވަޑައިގެން، މީނާ ވެސް ދެ އަހަރެއް ވާންދެން ކިޔަވައި ވިދާޅުވާން މާލޭގައި ހުންނެވިއެވެ.
މި ދުވަސްވަރުގައިމެ މަޖްދުއްދީނު ފަނޑިޔާރުތަކުރުފާނުގެ އަޙްމަދު މަނިކު ވެސް ތުއްތޫގެ އަރިހުން ފިޤްހު ކިޔަވާން ހުންނެވިއެވެ. މި މަނިކު ކިޔަވަނީ "ޙާޝިޔަތުލް ބާޖޫރީ ޢަލާ ފަތްޙިލް ޤަރީބި" މި ފޮތެވެ. ކުޑަ ޙަސަން ތަކުރުފާނުންގެ ދެބޭފުޅުން ވެސް ކިޔަވައެވެ. ބޮޑުފެންވަޅުގޭ ނާއިބު މަނިކުފާނުން ފަރާއިޟު ކިޔަވައި ވިދާޅުވެއެވެ. ކިޔަވާ ފޮތަކީ "شرح الشنشوري على الرحبية" މިފޮތެވެ. މާންދޫގޭ ދޮށީ މަނިއްޕުޅު ވެސް ފިޤްހުގެ "ފަތާވާ ޚަލީލީ" ކިޔަވާ ވިދާޅުވެއެވެ. މި މަނިއްޕުޅަށް ވެސް އަރަބިކަލާމް ދަސްފުޅުކޮށް އެރުވީ ދޮންބެއްޔާއެވެ. މި މަސައްކަތް ކުރެއްވީ ޙުސައިންދީދީ ގެންދެވި ދަތުރު މާލޭގައި ހުންނެވި ދުވަސްވަރުގައެވެ.
ދެން ތުއްތޫގެ އަރިހުން ކިޔަވާން މިބައިމީހުން އުޅެއުޅެ ތިއްބައި ތުއްތޫއަށް ފަނޑިޔާރުކަމަށް ކޮލިލައި، އަނެއްކާ އެކަން ނެގި، އައްޑޫ އެޅަގޭ ޢަލީދީޔާއި ޙަވާލުވެ، ޙާޖީ މުޙައްމަދު ޢިމާދުއްދީނު ރަދުން ޙައްޖަށް ވަޑައިގަތުމަށް ފުރައިވަޑައިގަތްތާ އަށްވަނައަށްވީރެއި، ތުއްތޫ ނައިފަރަށް ދުރުވާން ފުރުއްވަވައި، އެ ފަހުން ހަޔެއްކަ މަސް ދުވަހުން މާލެ ދުރުވެ ކިޔަވައިދެއްވައި މި ގޮތްތައް ހިނގިއެވެ. ޢިމާދުއްދީނު ޙައްޖަށް ވަޑައިގަންނަވާން ފުރައިވަޑައިގަތް ދުވަހު ޙުސައިންދީދީއާ ބަންޑާރަ ނާއިބުކަމާ މަތިކުރެއްވިއެވެ. މިދުވަހަކީ 1318 މިވަނަ އަހަރުގެ ރަމަޟާންމަހު އެއްދުވަހެވެ.
ޢިމާދުއްދީނު މި ދަތުރުފުޅުން މާލެ ވަޑައިގަތްއިރު މި ރަދުންގެ އަރިހުގައި الشّيخ قاضي علي حُسام الدّين بن عبد القادر النسكي القاهري މި ކަލޭގެފާނުން މާލެޔަށް ދުރުވިއެވެ. މި ކަލޭގެފާނަކީ 1309 މިވަނަ އަހަރުން ފަށައިގެން، 1310 މިވަނަ އަހަރާ ދެމެދުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވި ބޭކަލެކެވެ. ޢަރަބި ޢިލްމަށް ވަރަށް ކުޅަދާނަ ޝާޢިރެކެވެ. މި ކަލޭގެފާނުން މި ދަތުރު މާލޭގައި ހުންނެވި ދުވަސްވަރުގައި ނާއިބުތުއްތޫ ބުނުއްވައިގެން ޙުސައިންްދީދީ އާއި އަޙްމަދުދީދީއާ ދެމީހުން މި ކަލޭގެފާނުންގެ އަރިހުން ޞަރްފް ޢިލްމުގެ "ޒަންޖާނީ"އެވެ ކިޔޭ ފޮތަކާއި، ނަޙްވު ޢިލްމުގެ "ހިދާޔަތުއްނަޙްވި" ކިޔޭ ފޮތަކާ، ދެފޮތް އެކުއެކުގައި ކިޔެވޫއެވެ.
ކުޑަ ޙަސަން ތަކުރުފާނުންގެ ދެބޭން ވެސް ކިޔެވިއެވެ. ދެންފަހެ، ޙާޖީ ޢިމާދުއްދީނު ސުވޭހަށް ވަޑައިގެން، މިހާރު މިހުންނެވި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު އިބްނު އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު މި ރަދުން އިސްވެވަޑައިގެން ނާއިބުތުއްތޫ މާއެނބޫދޫއަށް އަރުވައިލެވި، އެޅަގޭ ޢަލީދީދީ އަވަހާރަވެ، އަލްޚަޠީބު ޙުސައިން އިބްނު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު މި މަނިކުފާނާ ތިންވަނަ ފަހަރަށް ފަނޑިޔާރުކަމާ ޙަވާލުވެ މިކަންކަން ހިނގުމަށް ފަހު، އެދުރުގޭ އަޙްމަދުދީދީ ރަށަށް ވަޑައިގެން، ރަށުގައި ވަޒަންވެރިވެގެން ހުންނަވައިފި އެވެ.
މި ކަންކަން ހިނގިއިރު ދަރަވަންދޫގޭ ޙުސައިންދީދީ ހުރީ އޮޅުދޫކަރައިގެ ކޮޅުނބުގައެވެ. ބަހާއުއްދީން ފަނޑިޔާރުތަކުރުފާނުންގެ ދޮންމަނިކު ހުންނެވީ ކިޔަވާން ދުރުވެ މައްކާގައެވެ. އެޅަގޭ ޢަލީދީދީ އަވަހާރަވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދޮންމަނިކު މާލެ ދުރުވެ، ޢަލީދީދީގެ އަނބިކަނބަލުން ބަދްރުއްދީން ފަނޑިޔާރުތަކުރުފާނުންގެ ފާޠިމާމަނިކެޔާއި ދޮންމަނިކުގެ އަނބިކަނބަލުން، ޢަލީދީދީގެ މަރްޔަމްދީދީއާ ދެމައިންނާގެން ރަށަށް ދުރުވެއްޖެއެވެ. އެއީ 1321 މިވަނަ އަހަރުގައެވެ.
ޙުސައިންދީދީ އަހަރު ދުވަސްވާންދެން ކޮޅުނބުގައި ހުރެފައި މާލެ އައިސް، މާލޭގައި ހުއްޓައި 1323 މިވަނަ އަހަރުގެ ރަމަޟާންމަހު 22 މި ދުވަހު ނާއިބުތުއްތޫ މާއެނބޫދޫގައި ހުންނަވައި ނިޔައުވެއްޖެއެވެ. މި ނާއިބުތުއްތޫގެ ނަމަކީ، އައްޝައިޚް އަލްފަޤީހް މުޙައްމަދު ޖަމާލުއްދީނު އިބްނު އައްނާއިބު ޢީސަލްމުލަކީ. ރަޙިމަހުﷲ، މިއެވެ. މީނާގެ ބައްޕާ ޢީސާ ނާއިބު ތަކުރުފާނަކީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޒަމާނުގައި މާލޭގެ ބޮޑު ނާއިބު ކަމުގައި ހުންނެވި ބެއިކަލެކެވެ. މި ތަކުރުފާނުންގެ ބައްޕާއަކީ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނެވެ. މި ތަކުރުފާނަކީ ފުވައްމުލަކުގެ ރަނގަޅު ދަރިކޮޅަކުން އައިސް ހުރި މީހެކެވެ. ޢީސާ ނާއިބު ތަކުރުފާނުން މާލޭގެ ނާއިބުކަމުގައި ހުންނަވައި މާލޭ ފުއްލާގޭ މަރިޔަންފުޅެވެ ކިޔޭ މީހަކާ ކާވަނި ބައްލަވައިގެން ނާއިބުތުއްތޫވާއި، އަދި އަންހެންކުއްޖަކާ ލިބުނެވެ. ތުއްތޫގެ ދާދި ޅަފުރާގައި ޢީސާ ނާއިބު ތަކުރުފާނުން ނިޔައުވެއްޖެއެވެ. ދެން މި މަރިޔަންފުޅާ ކާވަނި ބައްލަވައިގަތީ އައްނާއިބު އަޙްމަދު އިބްނު އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ބަންޑާރަ ނާއިބު މަނިކުފާނެވެ. ތުއްތޫ ބޮޑުވީ މި މަނިކުފާނުންގެ އަރިހުގައި ހުންނަވައެވެ. ދާދި ޅަފުރާގައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީންގެ އަރިހުން އަރަބި ކިޔެވުމާގެން މަޝްޣޫލުވެއްޖެއެވެ. ތުއްތޫގެ ފުރަތަމަ އެދުރު ބެއިކަލަކީ، އަދި ވަކީން ޚާއްޞަކޮށް ރައިވަރުގެ އެދުރު ބެއިކަލަކީ މި ފަނޑިޔާރު މަނިކުފާނެވެ. ދާދި ޅައިރުއްސުރެ ހިތް އަލިކަމާއި ވިސްނުން ތޫނުކަމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ.
އައްނާއިބު އަޙްމަދު ބަންޑާރަ ނާއިބު މަނިކުފާނުން އަވަހާރަވީ ބޭސްވެރިކަމަކު މާއެނބޫދޫއަށް ވަޑައިގެން ހުންނަވަނިކޮށް އެރަށުގައި ހުންނަވައި 1281 މިވަނަ އަހަރުގެ ރަބީޢުލްއައްޥަލު 29 މިދުވަހުގައެވެ. ތުއްތޫއަށް ބަފައިކަލަކު ކަމުގައި ފެނިލެއްވީ މި މަނިކުފާނެވެ.
1285 މިވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހު 7 މިދުވަހު ޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުން އަވަހާރަވެގެން ޤާޟީ އިބްރާހީމް މަޖްދުއްދީން، މި ތަކުރުފާނުން ފަނޑިޔާރުކަމަށް ދުރުވުމަށްފަހު، މި ތަކުރުފާނުންގެ އަރިހުން ކިޔެވުމާ މަޝްޣޫލުވެއްޖެ އެވެ. މި ދުވަސްވަރުގައި ތުއްތޫއަށް ބޮޑު ނާއިބުކަން ވެސް ލިބިއްޖެ އެވެ.
1287 މިވަނަ އަހަރުގެ ޞަފަރުމަހު 6 މި ދުވަހު ޤާޟީ އިބްރާހީމް މަޖްދުއްދީން ފަނޑިޔާރު ތަކުރުފާނުން ނިޔައުވީއިރު، މި ތުއްތޫ ހުންނެވީ ނަޙްވު ފިޤްހަށް ފާގަތިވެ ކުރި އަރައިފައެވެ. ދެން ފަނޑިޔާރުކަމަށް އިސްވި ޤާޟީ މޫސާ ބަދްރުއްދީން ފަނޑިޔާރު ތަކުރުފާނުން އިސްވެފައި، ޤާޟީ އިބްރާހީމް މަޖްދުއްދީނުގެ ފުތް އިސްމާޢީލް މަނިކަށް ބަންޑާރަ ނާއިބުކަން ދެއްވައިފޫއެވެ. މި ފަނޑިޔާރު ތަކުރުފާނުންގެ ޒަމާނުގައި ދީނުގެ ކަންކަމާއި ޝަރީޢަތުގެ ކަންތައް ހިންގަވާން ތިއްބެވީ، މި ނަންގަތް ނާއިބު މަނިކާއި، ނާއިބު ތުއްތޫ އާއި ޢަބްދުﷲ ނާއިބު މަނިކުފާނާއި، ދޮން ނާއިބު މަނިކާއެވެ. ދީނުގެ ކަންތައް މިޔަށްވުރެން ރަނގަޅަށް ހިނގި ޒަމާނެއް މި ފަހަކުން ނާންނަކަމަށް މީހުން ބުނެ އުޅެތެވެ.
މި މޫސާ ފަނޑިޔާރު ތަކުރުފާނުން ދެ އަހަރު ފަނޑިޔާރު ކަންތައް ކުރައްވައިފައި ރަށަށް ދުރުވެ ރަށުގައި ނިޔައުވެއްޖެއެވެ. މިޔަށް ފަހު ދުވަސްކޮޅަކުން ތުއްތޫ އޮޅުދޫ ކަރަޔަށް ދުރުވެ ބޭރުވެލީގައި ހުންނެވި މަޝްހޫރު އަލްޢާލިމުލްޢައްލާމާ ޢަލްޢާރިފް ބިﷲ އައްޝައިޚް މުޞްޠަފާ ބިން ބާވާ އާދަމް ރަޙިމަހުﷲ މި ކަލޭގެފާނުންގެ އަރިހުގައި ހުންނަވައިގެން ޢިލްމު އުނގެނުމާއި މަޝްޣޫލުވެއްޖެ އެވެ. މި ދަތުރު އޮޅުދޫ ކަރައިގައި އުޅުއްވައިފައި ރާއްޖެއަށް ދުރުވީ 1300 މި ވަނަ އަހަރުގެ ތެރޭގައެވެ.
1303 މި ވަނަ އަހަރުގެ ތެރޭގައި ޙައްޖުވުމުގެ ގަސްތުގައި ޙިޖާޒު ކަރަޔަށް ދުރުވެ މައްކާގައި އެއިރު ހުންނެވި އިމާމް އަލްމުތައައްޚިރީނަ މުފްތިލް ޙަރަމައިނި އަލްޢާލިމުލްޢައްލާމާ އަލްޢާރިފް ބިﷲ އައްސައްޔިދު އަޙްމަދު ޒައިނީ ދަޙްލާން ރަޙިމަހުﷲ މިކަލޭގެފާނަށް ދަރިވަރުވުމުގެ މާތްކަން ޙާޞިލުކުރެއްްވިއެވެ. މިދަތުރުގައި އަލްޚަޠީބު ޙުސައިން އިބްނު އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން މި މަނިކުފާނާއި އައްނާއިބު އަޙްމަދު އިބްނު އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން މި މަނިކުފާނުންގެ ދަރިކަނބަލުން ދަނބުގޭ ދޮންދީދީއާ ވަޑައިގަތެވެ. މި ދޮންދީދީއަކީ، ޢިމާދުއްދީން ރަދުން ފަސްދާނަށް ވަޑައިގަތްއިރު އިންނެވި އަނބިކަނބަލުންނެވެ. އަދި ޢިމާދުއްދީން ރަދުންގެ ގަލޮޅު ގަނޑުވަރު ގޮމައާއި މި ގޮމާގެ ފިރިކަލުން ކަކައިގޭ ޢަބްދުﷲ ފާށަނާ ކިލެގެފާނާ ދެކަނބަލުން ވެސް ވަޑައިގަތެވެ. ކަނޑޫދޫގޭ ޙަސަން ކަލޭގެފާނުން ނިޔައުވީ، މި ދަތުރު މި ބޭފުޅުންގެ އަރިހުގައި ދުރުވެ މައްކާގައެވެ.
މި ދަތުރުކުރައްވައިފައި ތުއްތޫ މާލެޔަށް ދުރުވިއިރު މާލެއޮތީ ތުއްތޫގެ ރައިވަރުގައި އެކިޔުއްވާހެން ބަތާނަ ފުށުން ޖެހިފައެވެ. އައްސުލްޠާން އިބްރާހީމް ނޫރައްދީން ރަދުން ޢަޒުލުކުރެވިފައެވެ. ޤާޟީ އިސްމާޢީލް ބަހާއުއްދީން ފަނޑިޔާރުތަކުރުފާނުން އޮންނެވީ އަރުވައިލާން އޮޑިޔަށް ލެއްވިފައި، އޮޑީގައެވެ.
1306 މިވަނަ އަހަރު އައްސުލްޠާން އިބްރާހީމް ނޫރައްދީން ރަދުން ދެވަނަ ފަހަރު ތަޚްތަށް އިސްވެ ވަޑައިގަތްތަނާ ތުއްތޫ ފެހެންދުއަށް އަރުވައިލެވުނެވެ. ދެން މާލެ ގެންނެވުނީ 1310 މިވަނަ އަހަރުގައެވެ.
ނޫރައްދީން ރަދުން ފަސްދާނަށް ވަޑައިގެންނެވީ 1310 މިވަނަ އަހަރު ޖުމާދަލްއޫލާ މަހު 9 މި ދުވަހުގައެވެ. 1321 މިވަނަ އަހަރުގެ ޙައްޖުމަހު 11 މި ދުވަހު ތުއްތޫ މާއެނބޫދޫއަށް ފޮނުވައިލެއްވުނެވެ. މި ރަށުގައި ހުންނަވައި ނިޔައުވެ، އައްނާއިބު އަޙްމަދު ބަންޑާރަ ނާއިބު މަނިކުފާނުންގެ އަރިހުގައި ވަޅުލެވިއްޖެއެވެ. ރަޙިމަހުﷲ.
ނާއިބު ތުއްތޫއަކީ އޭނާގެ ޢުމުރުން ފަސްދޮޅަސް ދެ އަހަރުވެގެން ތިން އަހަރަށް ދަނިކޮށް ނިޔައުވީ ބެއިކަލެކެވެ. ނިޔައުވީ ހުންކޮށި ދުޅަވުމުގެ ބަލީގައެވެ. ނިޔައުވީ އިރު އަރިހުގައި ތިބީ އޭނާގެ އެއްބަނޑު ދޮންތުއްތޫ އާއި، ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދުދީދީގެ ތުއްތުދީދީ އާއި އަދި މާއެނބޫދޫގެ ދެތިން މީހަކާއެވެ. ވަރަށް ރީތިކޮށް ހެއިހުރެގެން ވާހަކަ ދައްކަވައި، ވަޞިއްޔަތްކުރައްވައި، ޝަހާދަތް ކިޔުއްވަމުން ކަމުގައި އެމީހުން ބުނޫއެވެ. ދުނިޔޭގެ ވާހަކަޔަކުން އެންމެ ފަހުން ބުނުއްވި ބަހަކީ، އަހަރެން މަރުވީމައި، އަހަރެންގެ ލިޔާ ގަލަންދާނާއި ދަވާދާ ގެންގޮސް ދަރަވަންދޫގޭ ތުއްތުދީދީގެ އަތްޕުޅަށް އަރުވާށޭ، މިހެން ކަމުގައި އެތާގައި ތިބި މީހުން ބުނޫއެވެ. މިހާރު މިލިޔާ އަކުރުތަކަކީ ވެސް އެދަވާދުން ލިޔެވޭ އަކުރުތަކެކެވެ.
ނާއިބުތުއްތޫއަކީ، ހެދިހުރި ހަށިގަނޑު މެދުމިން، އިސްކޮޅު ތެދު، އުނަގަނޑަށް ހިމަ، ހިމަތޮޅި، ބައިމަތިފުޅައު، އަތްފައިރީތި، ކުލަދޮން، ކަޅިރަވަ ތޫނު، ތުނބުޅި ތުނި މީހެކެވެ. ތުނބުޅި ހުންނަނީ ދިގު ކުރައްވައިފައެވެ. އުނަގަނޑު މަތީ ސާލު ރުމާލެއް ބަންނަވައިފައި ހުރެއެވެ. އަޑު މަޚްރަޖު ރީތި މީހެކެވެ. ވަރަށް ނިދި މަދު، ކެއިން ބެއްލެވުން މަދު މީހެކެވެ. ފައިސާ އެއްކުޅައުމަކާއި، ގެދޮރު ބިނާ ކުޅައުމެއް ނެތެވެ. ބަސްގަދަ، ޒުވާބުގަދަ، ބުނުއްވާންވެއްޖެ ބަހެއް ބުނުއްވުމުގައި ޖެހިލުމެއް ނެތް، ތޫނުފިލި މީހެކެވެ. ދާދި ޒުވާން އިރުއްސުރެ ޚަފްޤާން ބައްޔޭ ކިޔޭ ޒާތުގެ ބައްޔެއް ހުރެއެވެ. އެކަމެއް ފޮށެނީ ދެތިން އަހަރުން އެއް ފަހަރަކުގައެވެ.
ތުއްތޫގެ ފިޤްހުވެރިކަަމާއި ޢަރަބި ޢިލްމަށް ކުޅަދާނަކަމާއި ބޭސްވެރިކަމާއި މި ކަންކަމަށް ހުރި ކުޅަދާނަކަމީ ތުއްތޫ ހައްދަވައިފައި ހުރި ތަކެއްޗަށް ބަލައި ވިސްނައިލުމުން އެނގިދާންހުރި ކަމެކެވެ.
ބަނޑޭރި ޙަސަން މަނިކުފާނަށް ނޫނީ އެހެން މީހަކަށް ތުއްތޫ ހެއްދެވި ވަރަކަށް ދިވެހިބަހުން ރައިވަރު ކިއިފައި ހުއްޓައެއް ނުފެނެއެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ މުޢީނުއްދީން ރަދުންގެ ޅެންވެރިމީހާ އެވެ. އޭނާ ނިޔައުވީތާ މި އަހަރު މިއީ ސަތޭކަވަރަކަށް އަހަރެވެ.
އަރަބިބަހުން ތުއްތޫ ކިޔުއްވައިފައި ހުރި ޅެންތަކީ ވެސް ބަލާޣަތްތެރިކަމުގެ ކުރީ ދަރަޖައިގައިވާ ޅެންތަކެކެވެ. އަރަބިބަހުން ޅެން ހެއްދެވުމާ މެދުގައި ތުއްތޫގެ އެދުރު ބެއިކަލަކީ އައްސައްޔިދު ޢުމަރު ޔައުމައިނި އަލްޔަމަނީ މިކަލޭގެފާނެވެ. މިއީ ޢަރަބި ޅެމަށް މަޝްހޫރު ޝާޢިރެކެވެ.
ތުއްތޫ ނިޔައުވީ އަހަރުގެ ކުރީ އަހަރުގައި ދަރަވަންދޫގޭ ޙުސައިންދީދީ އައްޑުއަށް ގޮސް ހަމަސް ދުވަހުގައި އައްޑޫގައި އުޅުނެވެ. އެއީ 1324 މިއަހަރެވެ. މި ދަތުރު މި ދީދީ މާލެ އައިއިރު އެދުރުގޭ އަޙްމަދުދީދީ މާލެވަޑައިގަތެވެ. މީގެ ފަހުން އަޙްމަދުދީދީ މާލެ ވަޑައިގަތީ ދެފަހަރު އެވެ. ތިންވަނަ ފަހަރު ވަޑައިގަންނަވަނިކޮށް ބެހިގެން ވަޑައިގެން މުންބާސާގައި އަވަހާރަވީ އެވެ. މި ދަތުރު މާލެވަޑައިގަތީ ވެސް ޙުސައިންދީދީއާ ބައްދަލުކުރައްވާންކަމަށް މީހުންގާތުގައި ވިދާޅުވެފައިވެއެވެ.
އަޙްމަދުދީދީގެ މަސައްކަތްޕުޅަކީ، ފޮތް ބެއްލެވުމާއި ކުދީންނަށް ކިޔަވައިދެއްވުމެވެ. ދުނިޔޭގެ މަސައްކަތަކުން ކުރައްވާކަމަކީ ރުއް އިންދެވުމެވެ. ވަރަށް ގިނަ ރުއް އިންދަވައިފައިވެއެވެ. އަޙްމަދުދީދީއަކީ ތާރީޚު ޢިލްމުން ވަރަށް ކުރިއަރައިފައިވާ ބޭފުޅެކެވެ. މި ރާއްޖޭގެ މީހުންގެ ނަސަބުތަކާއި އައްޑޫގެ ވަޤްފުތައް ބެހެވޭ މަގުތަކާއި، އެ ވަރަށް ދަންނާނޭ އަނެކަކު މިހާރަކު ނުފެނެއެވެ.
އަޙްމަދުދީދީއާ ރުޅި މީހަކު، ޙަސަދަ މީހަކު ނުފެނެއެވެ. އެ އަތޮޅުގެ އެންމެންމެ އެ ދީދީއަށް ވަރަށް ކަމޭހިތައެވެ. އުޅުއްވުން ވަރަށް ރިވެތިވެފައި ޚުލްޤުފުޅު ވަރަށް ހެޔޮވެފައި، މީހުންނަށް ވަރަށް ވެސް ހެޔޮފުޅެވެ. ތުއްޕުޅު އިރުއްސުރެ ފަރުޟު ކަންތައް އަދާކުރެއްވުމާއިގެން ރަނގަޅަށް މަޝްޣޫލުވެ ހުންނެވި ބޭފުޅެކެވެ.
އަރަބިބަހުގެ ނަޘްރަށް ވަރަށް ކުޅަދާނައެވެ. ޅެމެއް ނުހައްދަވައެވެ. އެއަތޮޅުގައި ތަންކޮޅެއް ވެސް ބޮޑު ޒާތެއްގެ ސަރިޔަތެއް ޖެހިއްޖިއްޔާއި އެކަމެއް ކުރައްވައި ނިންމަވަނީ އަޙްމަދުދީދީއެވެ. އެޔަކީ ނާއިބުކަމުގެ އަމުރެއް، އެހެން ވެސް ވެރިކަމެއް އޮވެގެނަކުން ނޫނެވެ. އަތޮޅުމީހުންގެ ޤަބޫލުކަން ބޮޑުކަމުންނެވެ.
މާލެއިން ކަތީބުކަން ލިބިގެން ހުރި މީހަކު ނޫނީ ހުކުރު ކުޅައުން ހެޔޮނުވާނޭކަން އައްޑޫގެ މީހުންނަށް އެނގުމުގެ ކުރީގައި އަޙްމަދުދީދީ މާލޭގައި ކިޔަވާންހުންނަވައިފައި ވަޑައިގަތުމަށްފަހު، މީދޫގައި ހުކުރުކުރައްވަނީ އަޙްމަދުދީދީއެވެ. އެކަން އެނގުނު ފަހުން އެކަން ހުއްޓަވައިފިއެވެ. އަޙްމަދުދީދީގެ ކުރީގައި ހުކުރު ކުރައްވައި އުޅުއްވީ އެޅަގޭ އިބްރާހީމްދީދީ އާއި ޢަބްދުﷲދީދީއާ މި ދެބޭފުޅުންނެވެ. މިޔަކީ ވެސް ކަތީބުކަމެއް އޮތް ބަޔެއް ނޫނެވެ.
އަޙްމަދުދީދީ އަކީ ހެދިހުރި ހަށިކޮޅު މެދުމިން، އިސްކޮޅުން ކުޑަ، އިސްކޮޅު ތެދު، ހިމަތޮޅި، މޫނުގެ ކަޅިރަވަ ރީތި، ދެބުމަ އެއްވެ ހުރި، ތުނބުޅި އާއި ބުމައިގެ އިސްތަށި ގަދަ، ދޮންކަމަށްވުރެ ކަޅުކަމާ ގާތް، ފައިތިލައިގެ މެދަށް އުސް، އަޑުގަދަ، ހިނގުން އަވަސް މީހެކެވެ. ތުނބުޅު ހުންނަނީ ކުރުކޮށް ކޮއްޓަވައިފައެވެ. މަތީ ދަތްޕިލާފުޅުގެ އެތެރޭ ފަރާތުން ފަޅައިފައި ހުންނަ ދިގު ދަތަކާހުރެ އަނގަފުޅު ހުންނަނީ ކުޑަކޮށް ހުޅުވިފައެވެ. މިކަމާ އެކުގައިމެ ދޫފަރިތަ، ބަސް ފަސޭހަ މީހެކެވެ.
އެނދެ ވަޑައިގަންނަވަނީ މޮޅު ހިމަ އުއި މުންޑެވެ. ލިބާސްކޮޅު ހުންނަނީ، މޮޅު ހުދު ފޮތީީންނެވެ. އިސްތަށިފުޅުގައި ތުރުކުރައްވަނީ ފަސްރޮނގު ފަލިނާކާޓު ކަން ހުދު ރުމާލެކެވެ. ހަރުވާޅުކޮޅު ހުންނަނީ ޒާތްޒާތުގެ ލިބާހުގެ ފޮތީންނެވެ. މި އަޙްމަދުދީދީ އަވަހާރަވީ، އެފްރިކާއަށް ވަޑައިގެން 1340 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހު އެއް ދުވަހުއެވެ. އެއީ ޢުމުރުފުޅުން ސާޅީސް ތިން އަހަރުފުޅުގައެވެ. ރަޙިމަހުﷲ.
އަހަރެމެންގެ ޒަމާނަށްވީއިރު މި ރާއްޖޭގައި ޢިލްމުވެރީންގެ ނަމުގައި ތިއްބެވީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތޫ އާއި، އައްޝައިޚް އިބްރާހީމް ތަކުރުފާނު އައިސާބީގެދަރު ދޮންބެއްޔާ އާއި އައްޝައިޚް ޢަލީދީދީ އިބްނު ޙަސަންދީދީ އެޅަގޭ ޢަލީދީ. މީގެ ތިންކަލުންނަށްމެ އަޙްމަދުދީދީ ހުންނެވީ ދަރިވަރުވެގެންނެވެ. މީގެ ތިންކަލުންގެމެ އެދުރު ބެއިކަލަކީ ޤާޟީ އިބްރާހީމް މަޖްދުއްދީން ފަނޑިޔާރުތަކުރުފާނެވެ.
މި މަޖްދުއްދީނުގެ ފުރަތަމަ އެދުރު ބެއިކަލަކީ މީނާގެ ބައްޕާ، އަލްފަޤީހު މޫސާ މީދޫ އެދުރު ތަކުރުފާނެވެ. ދެވަނަ އެދުރު ބެއިކަލަކީ ޤާޟީ މުޙައްމަދު މުޙިއްބުއްދީން، މި މަނިކުފާނެވެ. މި މަނިކުފާނާއި މީދޫ އެދުރުތަކުރުފާނާ ދެކަލުންގެމެ އެދުރު ބެއިކަލަކީ، މި މަނިކުފާނުންގެ ބައްޕާފުޅު ޤާޟީ އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނެވެ.
މި މަނިކުފާނުން އަވަހާރަވީ 1226 މިވަނަ އަހަރުގައެވެ. މި މަނިކުފާނުންގެ އެދުރަކީ، ގަމު ރަށްބޭގެ ޙުސައިން ޢަފީފުއްދީން ބަންޑާރަ ނާއިބު ތަކުރުފާނުންގެ ފުތް އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ޝައިޚް އަލްއިސްލާމް މި ފަނޑިޔާރު ތަކުރުފާނެވެ. މި ތަކުރުފާނުން ނިޔައުވީ 1199 ހ. މިވަނަ އަހަރުގައެވެ. މި ތަކުރުފާނުންގެ އެދުރުންނަކީ މި ތަކުރުފާނުންގެ ބައްޕާ އާއި ބޮޑުބޭބެ ޤާޟީ ޙަސަން ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނާއެވެ. މި ތާޖުއްދީން ނިޔައުވީ 11139 ހ. މިވަނަ އަހަރުގައެވެ. ތިރީސް ހަތް އަހަރު ފަނޑިޔާރުކަން ކުރެއްވޫ އެވެ. ޙުސައިން ޢަފީފުއްދީން ނިޔައުވީ 1159 ހ. މިވަނަ އަހަރުގައެވެ. މި ތާޖުއްދީން ފަނޑިޔާރު ކަލޭގެފާނަކީ އެޒަމާނުގައި މައްކާގައި ތިއްބެވި ބޮޑަތިބޮޑަތި ޢާލިމުންނަށް ދަރިވަރުވެގެން ހުންނެވި ބެއިކަލެކެވެ. އަދި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިބްނު އައްސައްޔިދު ޢަބްދުއްރައްޒާޤު އަލްޙަމަވީ ސައްޔިދު ރަސްގެފާނުންގެ އަރިހުން ވެސް ކިޔެވިއެވެ. މިރަސްގެފާނުން އަވަހާރަވީ 1103 ހ. މިވަނަ އަހަރުއެވެ. އެ ތާޖުއްދީންގެ ފުރަތަމަ އެދުރު ބެއިކަލަކީ އައްޑޫމީދޫ ޤާޟީ މަޙްމޫދުގެ ދަރިކަލުން އަލްޚަޠީބު މުޙައްމަދު ޖަމާލުއްދީން ވަ ސިރާޖުއްދީން ފޮނަދޫ ޚަޠީބު ތަކުރުފާނެވެ. މިއީ އިސްކަންދަރު ރަސްގެފާނުންގެ ޒަމާނުގައި އެރަސްގެފާނާ އެއްކިހުނުފަން ބޭފުޅަކާ، ކާވަނި ބައްލަވައިގަނެގެން ފުރަމާލޭގެ ހެންވޭރު ޚަޠީބު ކަމުގައި ހުންނެވި ބެއިކަލެކެވެ.
ވަރަޢަވެރިކަމާއި ޒާހިދުކަން ހުރި ބެއިކަލެކެވެ. ފޮނަދޫ ޚަޠީބެވެ ކިޔުނީ ފޮނަދޫގައި ޚަޠީބުކަން ކުރައްވައި، އެ ރަށުގައި ނިޔައުވެ، އެތާނގައި ވަޅުލެވިގެންނެވެ. މީނާ ފޮނަދުވަށް ދުރުވީ ސައްޔިދު ރަސްގެފާނުން އަވަހާރަވީމައި، އެ ކަލޭގެފާނަށް ރަސްކަން ދިނުމަށް މާލޭގެ މީސްތަކުން ގަސްތުކުރީމައެވެ. އެކަލޭގެފާނުން އެކަމަށް ފިލައިގެން ފޮނަދުއަށް ދުރުވުމުން އެއިރު ފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަދު އިބްނު އަލްޙާއްޖު ޢަލީ ތުއްކަލާ އިބްނު އަލްޤާޟީ އަލްކަބީރު މުޙައްމަދު ޝަމްސުއްދީން މިކަލާ ރަސްކަމަށް ވެރިވެގެންފިއެވެ. ޤާޟީ ޙަސަން ތާޖުއްދީން ފަނޑިޔާރުކަމަށް އިސްވީ، މި ދުވަހުއެވެ. އެއީ 1103 ހ. މިވަނަ އަހަރުގެ ޝައްވާލުމަހުއެވެ. އަލްޤާޟީ ޢަބްދުލްޙަކީމް އިބްނު މުޙައްމަދު އަލްމަޙްލީ މި ކަލޭގެފާނުން ޒަބީދަށް ކިޔަވާން ދުރުވީ މި ޚަޠީބުތަކުރުފާނާ ވާދަވެގެން ކަމުގައި ބުނެވެއެވެ. މި ޢަބްދުލްޙަކީމް ނިޔައުވީ 1125 ހ. މިވަނަ އަހަރު މުޡްހިރުއްދީން ރަދުންގެ އަރިހުގައި ޙައްޖަށް ދުރުވެ ޙައްޖުވުމަށް ފަހު ޖިއްދާގައެވެ. މި ޢަބްދުލްޙަކީމްގެ ދަރިވަރުންކުރެ މަޝްހޫރުވީ މޮޅު މީހަކީ ބޮޑު ތަރުތީބު ހެއްދެވި އައްޝައިޚް އަލްޚަޠީބު ޢަލީ އަލްމަޙްލީ މި ތަކުރުފާނެވެ. މީނާ ނިޔައުވީ 1142 ހ. މިވަނަ އަހަރުގައެވެ. ފޮނަދޫ ޚަޠީބު ތަކުރުފާނުން ނިޔައުވީ 1106 ހ. މިވަނަ އަހަރުގައެވެ. މި ޚަޠީބު ތަކުރުފާނުންނަކީ، އުތީމު ބޮޑު ތަކުރުފާނުންގެ ޒަމާނުގައި މި ރާއްޖެޔަށް ޢިލްމާއިގެން ދުރުވި އައްޝައިޚް އަލްޢާލިމް އަލްޢައްލާމާ ވަލްޙިބްރުލްފައްހާމާ ޖަމާލުއްދީން މުޙައްމަދު އަލްމަޙްލީ ވާދޫ ދަންނަތަކުރުފާނުންގެ އަރިހުން ކިޔެވި ޝަމްސުއްދީން ޤާޟީ މުޙައްމަދު މިކަލޭގެފާނުންގެ ފުތް އައްނާއިބު އަޙްމަދު ޝިހާބުއްދީން ބޮޑު އަޙްމަދު ނާއިބުތަކުރުފާނުން އަރިހުން ކިޔެވި އޭނާގެ ދޮންދަރި ޤާޟީ މަޙްމޫދުގެ ދަރިވަރެކެވެ. އަދި ދަރިކަލެއްމެއެވެ.
މި ވާދޫ ދަންނަ ތަކުރުފާނުންނަކީ ޢިލްމު ހޯއްދެވުމުގެ އެދުމުގައި މި ރާއްޖެއިން ނުކުންނަވައި ޔަމަނުކަރައާއި ޙިޖާޒުކަރައިގައި ތިރީސް އަހަރުވާންދެން ހިންގަވައި އެ ޒަމާނުގައި ތިއްބެވި ބޮޑަތިބޮޑަތި އިމާމުވެރީނާއި ބައްދަލުވެ ބާވަތްބާވަތުގެ ޢިލްމު އުނގެނިގެން މި ރާއްޖެއަށް ދުރުވި މި ރާއްޖޭގެ ބެއިކަލެކެވެ. މި ކަލޭގެފާނުންގެ ކުރީގައި މި ރާއްޖޭގައި ހިނގާފައިވަނީ، އައްޝައިޚް އަލްފަޤީހް ސުލައިމާން އަލްމަދަނީ މި ކަލޭގެފާނުންގެ ޢިލްމެވެ. މި ޢިލްމު ހުސްވީތާ ގިނަ ދުވަހެއް ނުވަނީސް އަނދިރިއަނދިރީން ރާއްޖެ ހިފައިފިއެވެ. ދެން އުތީމު ބޮޑުތަކުރުފާނުން ރަސްކަން ސަލާމަތް ކުރައްވައިގެން ޢިލްމުވެރިޔަކު ނެތްކަމުގެ ހިތާމައިގައި ހުންނަވަނިކޮށް މިކަލޭގެފާނުން ދުރުވެންނެވުމުން އެރަސްގެފާނާއި ރާއްޖޭގެ އަހުލުވެރީން މި ކަލޭގެފާނުންގެ މަޛްހަބު ޚިޔާރުކޮށްފޫއެވެ. އެއީ ޝާފިޢީ މަޛްހަބެވެ. އަދިއަދަށް ދާންދެން މިރާއްޖެއިން ކެނޑި ނުގޮސް ހިނގަމުން މިއަންނަ ޢިލްމުވެރިކަމުގެ ކަންފުޅަކީ އެކަލޭގެފާނުންގެ ޢިލްމެވެ. އެކަލޭގެފާނުން ނިޔައުވީ 990 މިވަނަ އަހަރު ހުވަދޫ ވާދޫގައެވެ. ނަފަޢަނާ ބިހީ. މި ވާދޫ ދަންނަ ތަކުރުފާނުންގެ އަރިހުން ކިޔަވާން އުޅުނު މީސްމީހުންކުރެ އެންމެ ކުރިޔަށް ނުކުތް މީހުންނަކީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނާއި އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނާއި މުލަކު ދޫޑިގަމު އެދުރުކަލޭގެފާނާއި މި ތިންކަލުންނެވެ.
ރާއްޖެ ސަލާމަތުން އޮންނާން އޮތްހައި ދުވަހަކު އައްޑޫމީދޫގައި ފިޤްހު ޢިލްމު ލެހެއްޓެވުމަށާއި، ފުވައްމުލަކުގައި ތަޖްވީދު ޢިލްމު ލެހެއްޓެވުމަށް އެތަކުރުފާނުން ދުޢާކުރެއްވިކަމުގައިބުނެވެއެވެ.