އަތޮޅުއޮފީސް ނިލަންދޫއަށް ސަރުކާރުން ބަދަލު ކުރައްވާފައިވަނީ 18 ޖެނުއަރީ 1999 ގައެވެ. އޭގެ ކުރިން އަތޮޅުއޮފީސް ހިނގަމުން ދިޔައީ މިއަތޮޅު މަގޫދޫގައެވެ. މިހާތަނަށް މިއަތޮޅުގައި 35 ބޭފުޅުން އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ. އެންމެ ފުރަތަމަ މިއަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާކަން އެނގިފައިވަނީ 1904 ވަނަ އަހަރު މާފަތްގޭ އަލްމަރުޙޫމް ޙަސަންމަނިކެވެ.

ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް، ޒަމާނީ ވަޞީލަތްތަކާއި ހުނަރު ބޭނުންކޮށްގެން އަވަސްކޮށް ހަލުވިކަމާއެކު ދެމުންދާ ޒިންމާދާރު ޤާބިލު މުވައްޒަފުންތިބި އޮފީހަކަށްވުން.

މިއަތޮޅު ރައްޔިތުންނަށް ދޭންޖެހޭ އަދި ދެމުންދާ ޚިދުމަތްތައް އެންމެ އެކަށޭނަ ގޮތެއްގައި ފޯރުވައި ދިނުމަށްޓަކައި އަތޮޅުއޮފީހާއި ރަށުއޮފީސްތަކުގެ ދައުރު އިތުރަށް ހަރުދަނާ ކުރުމާއެކު، މުވައްޒަފުންނަކީވެސް ޒަމާނީ ވަޞީލަތްތަކަށް އަހުލުވެރި ޤާބިލުބަޔަކަށް ހަދައި އަތޮޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުން.

އަތޮޅުއޮފީހުން ކުރަމުންދާ މައިގަނޑު މަސައްކަތްތައް

އުނިއިތުރު ގެންނަވާ

އަތޮޅުއޮފީހަކީ ދައުލަތުގެ ފަރާތުން އަތޮޅުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގުމުގައި އަތޮޅުގައިހުންނަ އެންމެ އިސް އޮފީހެވެ. އަތޮޅުއޮފީހުގައި އެންމެ އިސްކޮށް ހުންނަވާ އަތޮޅުވެރިޔާއަކީ އަތޮޅުގައިކުރަންޖެހޭ ދައުލަތުގެ އެންމެހައި ކަންތައްތައް ހިންގައި، ރައްޔިތުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފަތަކުން އިސްކޮށްފައިހުންނަ ވެރިއެކެވެ.

Ø އަތޮޅުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އަންގަވާ ގޮތެއްގެ މަތިން ހިންގުން.

Ø ރަށުގެ ރަށުއޮފީސްތަކުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.

Ø ކަނޑުން ލަގުވާ ތަކެއްޗާއި ހޮވާތަކެތީގެ ކަންތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ ގޮތެއްގެމަތިން ކުރުން.

Ø އަތޮޅު ރައްޔިތުންގެ މެދުގައި ޞުލްޙަ މަސްލަޙަތާއި އަމަން އަމާންކަން ޤާއިމްކުރުމާއި މިކަމާއި ގުޅޭ އެންމެހާ ކަންތައްތައް ބަލަހައްޓައި އެކަންކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.

Ø ރަށުކޯޓުތަކުގެ މެޖިސްޓްރޭޓުން ހިންގާ ކަންތައްތަކުގެ ތެރެއިން އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާއި ޚިލާފް ކަމެއް ހިންގާކަން އެނގި ނުވަތަ ސާބިތުވެއްޖެނަމަ އެކަން މަނާކޮށް މިނިސްޓްރީ އޮފް ޖަސްޓިސް އަށާއި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް އެންގުން.

Ø ރާއްޖޭން ބޭރުން އަތޮޅަށް އައިސް ވަންނަ ދިވެހިންގެ ނައުޒޯގުގެ ކަންތަކާއި ކަރަންޓީނުގެ ކަންތައް ޤަވާޢިދުގެ މަތިން ބެލެހެއްޓުން.

Ø ރާއްޖޭން ބޭރުން އައިސް އަތޮޅަށް ވަންނަ ބިދޭސީންގެ އުޅަނދު ފަހަރުން ކާބޯތަކެތި ހުސްވެގެން އެތަކެތި ހޯދުމަށް އެދިއްޖެނަމަ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އަންގަވާ ގޮތެއްގެމަތިން އެތަކެތި ހޯދައިދީ އެތަކެތި އެމީހުންނަށް ލިބުނު ކަމުގެ ރަސީދަކާއެކު އެތަކެތީގެ ހިސާބު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ފޮނުވުން.

Ø އަތޮޅު ތެރޭގެ ތަނަކަށް ދިވެހިންގެ ނުވަތަ ބިދޭސީންގެ އުޅަނދެއް އުރިއްޖެނަމަ އެއެއްޗަކަށާއި އޭގައި ތިބި ބަޔަކަށް އެވަގުތަކަށް ބޭނުންވާ އެހީގެ ޚަބަރު ބަލައި އެކަން ހިނގި ގޮތުގެ ރިޕޯޓާއި އަދި އެކަމަށް ހިނގިނަމަ ހިނގި ޚަރަދެއްގެ ހިސާބު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ފޮނުވުމާއި އެވަގުތަކަށް ކޮންމެހެން ބޭނުންވާ އެހީއެއްވުމުގެ އިތުރަށް އެބަޔަކާމެދު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އަންގަވާ ގޮތެއްގެ މަތިން ޢަމަލު ކުރުން.

Ø ރުއްގަސް ހެއްދުމާއި ދަނޑު ގޮވާން ކުރުމާއި ކާބޯތަކެތި އުފެއްދުމުގެ އެންމެހާ ކަންތައްތައް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އަންގަވާ ގޮތެއްގެމަތިން ހިންގުން.

Ø ވޭތުވެދިޔަ އަހަރު އަތޮޅުގައި އިންދި އަދި ކެނޑި ރުއްގަހާއި ކުރި ދަނޑުވެރިކަމުގެ ހިސާބު އޮޅުން ފިލާނޭހެން ލިޔެފައިވާ ރިޕޯޓެއް ކޮންމެ އަހަރެއްގެ ޖެނުއަރީ 15 ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއަށް ފޮނުވުން.

Ø އަތޮޅުގައި ތަޢުލީމް ދިނުމުގެ އެންމެހާ ކަންތައްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާ ގޮތެއްގެ މަތިން ކުރުން.

Ø ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 05 އަށް ވޭތިވެދިޔަ އަހަރު އަތޮޅުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ޚަބަރު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ފޮނުވުމާއި އަތޮޅުގައި ވިހާ މަރުވާ މީހުންގެ ރިޕޯޓް (އަންހެން ފިރިހެން ވަކިން) މަރުވި ބައްޔާއި ޢުމުރު އެނގޭ ގޮތަށް މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން.

Ø ސަރުކާރުގެ ތަނަކުން ކަމެއް އޮޅުން ފިލުވުމަށް ލިޔެފިނަމަ އެކަމެއް އޮޅުން ފިލާނޭހެން ލިޔެ އެތަނަކަށް ފޮނުވުން.

Ø ރަށެއްގެ އަމަން އަމާންކަމަށް ގެއްލުން ވެދާނޭ ފަދަ ބިރުވެރިކަމެއް މީހަކު ނުވަތަ ބަޔެއްގެ ކިބައިން ފެނިއްޖެނަމަ، ވީހާ އަވަހަކަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒަށާއި، އަތޮޅުގައި ހުންނަ ފުލުހުންގެ މަރުކަޒަށާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް އެންގުން.

Ø ދައުލަތުގެ ނުވަތަ ރައްޔިތުންގެ ބިނާއަކަށް ގޮތެއް ހަދަން ނުވަތަ ބަދަލެއް ގެނެސް އަދި އަލުން ބިނާއެއް ހަދާނަމަ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ހުށަހަޅައި އެމިނިސްޓްރީން އަންގަވާ ގޮތެއްގެމަތިން ޢަމަލު ކުރުން.

Ø މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އަންގަވާ ގޮތެއްގެމަތިން އަތޮޅުގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން.

Ø މިނިސްޓްރީ އޮފް ހެލްތުން އަންގަވާ ގޮތެއްގެ މަތިން އަތޮޅުގެ ޞިއްޙަތާއިބެހޭ ކަންތައް ކުރުން.

Ø މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޑް ޓްރޭޑުން އަންގަވާ ގޮތެއްގެމަތިން އަތޮޅުގެ ވިޔަފާރީގެ ކަންތައްތަކާއި މަސައްކަތް ތެރިކަން ބެލެހެއްޓުން.

Ø އަތޮޅުގައި ކުޅިވަރުގެ ރޫޙު އާލާ ކުރުމަށް މަސައްކަތް ކުރުން.

Ø އަތޮޅުގެ މީހުންގެ މެދުގައި ޤައުމީ ލޯބި އުފެއްދުމާއި އިޖްތިމާޢީ ރޫޙު އާލާ ކުރުމާއި އިސްލާމީ ރިވެތި އުޞޫލްތަކާއި އެއްގޮތަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުުމާއި އަތޮޅުގެ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރުން.

Ø މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އަންގަވާ ގޮތެއްގެމަތިން އަތޮޅުގެ ރަށްރަށުން މީހުން ދިރިއުޅުމަށް ގޯތި ދޫކުރުމާއި އެކަމާއިބެހޭ އެންމެހާ ކަންތައްތަކާއި އެކިފަރާތްތަކަށް ދޫކުރާ ބިންބިމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

Ø އަތޮޅުއޮފީހާއި ރަށުއޮފީސްތަކުގެ މުވާޞަލާތާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

Ø އަތޮޅުގައި އައިޑީކާޑު ހެއްދުމުގެ ކަންތައްތައް ބެލެހެއްޓުން.

Ø ސަރުކާރުގެ އެކި ދާއިރާތަކުން އަތޮޅުއޮފީހަށް ފޮނުވާ ފައިސާގެ އެންމެހާ ކަންތައްތަކާއި މުވައްޒަފުންގެ ކަންތައްތައް އެދާއިރާއަކުން އަންގަވާ ގޮތެއްގެމަތިން ކުރުމާއި ބެލެހެއްޓުން.

Ø ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގެ ކަންތަކާއި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސްގެ ކަންތައްކުރުމާއި ބެލެހެއްޓުން.

Ø އަތޮޅު ކުރިއަރުވާ ކޮމެޓީގެ ކަންތައްތައް ބެލެހެއްޓުން.

އަތޮޅުއޮފީހުގެ ސެކްޝަންތައް

އުނިއިތުރު ގެންނަވާ

އަތޮޅު އޮފީހުން ކުރަމުންދާ މަސައްކަތްތައް ބެހިފައިވަނީ މައިގަނޑު 05 ސެކްޝަނުގެ މައްޗަށެވެ. އެއީ އޭ ސެކްޝަން، ބީ ސެކްޝަން، ސީ ސެކްޝަން، ޑީ ސެކްޝަން އަދި އީ ސެކްޝަނެވެ. މިއިން ކޮންމެ ސެކްޝަނެއްވެސް ހިނގަމުންދާނީ އެސެކްޝަނެއް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ އިސްވެރިއެއްގެ ބެއްލެވުމުގެ ދަށުންނެވެ.