ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ހިންނަވަރު)

ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ހިންނަވަރު) އަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ސެޕްޓެންބަރު 1940 ގައެވެ.

ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގައި ހުންނަ އަލްޖާމިޢަތުލް އިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުއް ޝަރީޢާގައި ތަޢުލީމު ހާސިލުކުރައްވައިފައެވެ. އެ ޖާމިޢާ (ޔުނިވަރސިޓީ) ގައި ގާތްގަނޑަކަށް 11 އަހަރު ތަޢުލީމު ހާސިލުކުރައްވައިފައިވެއެވެ.

ތަޢުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގަތީއްސުރެ، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް ޝައިޚް އަބޫބަކުރު އިބްރާހީމް އަދާކުރައްވައިފައިވެއެވެ. މިގޮތުން ދީނީ ތަފާތު މައުޟޫތަކުގައި އެކިއެކި ފޮތްތައް ލިޔުއްވުމާއި، ދީނީ ރޮނގުން ތަޤްރީރުކުރެއްވުމާއި، ޢަރަބިބަސް ކިޔަވައިދެއްވުމަށް ޓަކައި ކުލާސްތައް ހިންގެވުމާއި، ދީނީ މަޢުޟޫތަކުގައި ބޭއްވޭ ބައެއް ކޯސްތަކުގައި ކިޔަވައިދެއްވުމާއި، އެފަދަ ބައެއް ކޯސްތަކަށް އަމިއްލައަށް މުޤައްރަރު ތައްޔާރުކުރެއްވުން ފަދަ މުހިންމު މަސައްކަތްޕުޅުތަކެއް ޝައިޚް ކުރައްވައިފައިވެއެވެ.

ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [ترجمة معاني القرآن الكريم (ކީރިތި ޤުރްއާނުގެ މާނަތަކުގެ ދިވެހި ތަރުޖަމާ)] މި ފޮތާއި، [رسالة التوحيد] މި ފޮތާއި، [دروس من التوحيد] މި ފޮތާއި، [ﷲ އެއްކައުވަންތަކުރުން] މި ފޮތާއި، [ނަމާދުކުރުން] މި ފޮތާއި، [ދެމަފިރިން] މި ފޮތާއި، [ޙައްދުތައް ޤާއިމުކުރުމުގެ ވާޖިބުކަން] މި ފޮތާއި، [ކަށުކަމާކެމީގެ ޙުކުމްތައް] މި ފޮތާއި، [މުސްލިމުން ދިރިއުޅެންވީ އެންމެ ތެދުމަގު] މި ފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވައިފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [التفسير الميسر] މި ފޮތާއި، [تفسير العشر الأخير] މި ފޮތާއި، [كتاب التوحيد] މި ފޮތް ހިމެނެއެވެ. މި ނޫންވެސް ވަރަށް ގިނަ ފޮތްތައް ލިޔުއްވައި، ތަރުޖަމާކުރައްވައިފައިވެއެވެ.

ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ވަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ދީނީ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައެވެ.

ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ އަވަހާރަވީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވީ އާދީއްތަ ދުވަހު ޢުމުރުފުޅުން 72 އަހަރުފުޅުގައެވެ. ޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދެވެ. ޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ފަސްދާނުލައިފައިވަނީ މާލޭ، މއ. އާ ސަހަރާގައެވެ.