ފަނި ހަނދި(ސައިންޓިފިކް ނަން: Caranx melampygus)ނުވަތަ (އިނގިރޭސި ބަހުން: Bluefin trevally)އަކީ ރާއްޖޭގެ ވިލުވިލާއި ފަޅުފަޅުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ 40 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. ގިނައިން އުޅެނީ ކުދި އައިން ހަދައިގެންނެވެ.މަހުގެ ކާނާއަކީ މަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ. މިއީ ނަނު އެއްލައިގެން އާންމުކޮށް ބާނާ އުޅޭ މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. ރަށްރަށުގެ ތިލަ ފަޅުތަކަށް މުށިމަސް ނުވަތަ ގުންބަޅަ ވަދެފައި އޮންނައިރު ކާނާ ހޯދުމުގެ ގޮތުން ވަރަށް ތިލައަށް ފަނި ހަނދި އަރައެވެ. އަދި ދިރޭމަހެއް ޖަހައިގެން ނަނު ދޫކުރުމުން ވަރަށް ފަސޭހައިން މިމަސް ބޭނެއެވެ.

ފަނި ހަނދި

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 21އާއި 24އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 17 އާއި 20 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިއީ ފަތިކޮށް ހުންނަ ވަރަށް ބާރަށް ދުވާ މަހެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިނޫކުލަ އެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހިކުލައެވެ. ތަފާތު ގޮތްގޮތަށް އަތުރާލެވިފައިވާ ކަޅުކުލައިގެ ތިކިތަކެއް މަހުގެ ބޮލުގައްޔާއި، ހަށިގަނޑުގެ އެކިތަންތާގައި ހުރެއެވެ. މަހުގެ މަތީބައިގެ ކޮތަރި ބަޔާއި، ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ކުލައަކީ ނޫކުލައެވެ. މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ.