މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް

ޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1980 ޖުލައި 3 ވަނަ ދުވަހުއެވެ. ލާންސް ކޯޕްރަލެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއްގެ ވަނީ ފުރުއްވާފައެވެ. އެގޮތުން އަސްކަރީ ގިނަ ޔުނިޓްތަކެއްގައި ކޮމާންޑްކުރެއްވުމާއި ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލްކަމާއި ދިވެހި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވުން ފާހަގަ ކުރެވެއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވީ 06 ނޮވެންބަރު 2008 އިން 09 ފެބުރުވަރީ 2012 އަށެވެ. ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ވަނީ 31 އަހަރާއި 7 މަހާއި 6 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ވަނީ ދިވެހި އަސްކަރިއްޔާގައި އެވަގުތަކަށް ކުރައްވަން ޖެހވަޑައިގެންނެވި ކޮންމެ މަސައްކަތެއް އެކަމެއްގެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ދުރަށް ވިސްނުފުފުޅު ހިންގަވައިގެން ކުރައްވާފައެވެ. މާގިނަ ވަސީލަތްތަކަކާއި މާގިނަ ބަޔަކު ނެތި އަދި ޚާއްޞަކޮށް އަސްކަރީ ދާއިރާއިން ތަމްރީނު ވެފައިވާ މީހުން ވަރަށް މަދު ދުވަސްވަރެއްގައި އަސްކަރީ ގޮތުން މީހުން ތަމްރީނުކުރުމާއި އަސްކަރީ ވިސްނުމާއި ފިކުރުގެ ތެރޭގައި ސިފައިން ގެންގުޅުމަށް ނަމޫނާ މިސާލުން މަގު ދައްކަވައިގެން ދިވެހި އަސްކަރިއްޔާގެ އިންފެންޓްރީ ޔުނިޓްތައް ހިންގެވުމުގައި ވަރަށް ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ވާތުގައި

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލުގެ އެންމެ ކުލަގަދަ ޚިދުމަތެއްގެ ގޮތުގައި ފާހަގަ ކުރެވެނީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތްތަކެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަކީ އެ ދުވަހު ސިފައިންގެ އެތެރޭގައި ހުންނަވައިގެން ހަނގުރާމަ ކުރެއްވުމުގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އަދި އެ ދުވަހު ދުޝްމަނުންގެ ހަރަކާތްތައް ހުރިގޮތް ބެއްލެވުމަށް ރެކީ ޕެޓްރޯލްގައި ސިފައިންގެއިން ބޭރަށް ނުކުން ހިތްވަރުގަދަ ފަހުލަވާނުންގެ ކޮމާންޑަރެއްގެ ގޮތުގައި ވެސް ނިކުމެވަޑައިގަތީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު އަސްކަރިއްޔާގައި އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތާއި ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލަ އާއި 10 މެޑެލި ލިބިވަޑައިގެންފައިވެއެވެ. ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ދިވެހި އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 09 ފެބުރުވަރީ 2012 ގައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ވަނީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ފަހުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހައިސިއްޔަތުން ވެސް ވަނީ ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކުރައްވާފައެވެ.