މެންދަން މިޔަރު

(މިސްރާބުކުރެވުނީ މޭދަތި މިޔަރު އިން)

މެންދަން މިޔަރު (އިނގިރޭސި ބަހުން: Carcharhinus altimus)ނުވަތަ (އިނގިރޭސި ބަހުން: Bignose shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގެ ކަނޑު އަޑީގައި އުޅޭކަަަމަށް ރިކޯޑް ކުރެވިފައިވާ މިޔަރެކެވެ. މިމިޔަރު އުޅޭކަމަށް ބެލެވިފައިވަނީ 90 މީޓަރާއި 430 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ރާއްޖޭގައި މިބާވަތުގެ މިޔަރު ބޭނިފައި ހުންނަނީ ކަނޑުގެ މަތީބައިގައި ލޭނު އަޅައިގެންނެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ މިބާވަތުގެ މިޔަރު ރޭގަނޑުގައި ބޭނޭ ކަމެވެ. ވުމާއެކު މިއީ ދުވާލުގެ ވަގުތު އަޑީގައި އުޅުމަށްފަހު ރޭގަނޑު ޝިކާރަކުރުމަށް ނިކުންނަ މިޔަރެއްކަމަށްވުމީ އެކަށީގެންވާ ކަމެކެވެ.

މެންދަން މިޔަރު

މެންދަން މިޔަރަށް މަސްވެރިން ދީފައިވާ ނަމަކީ ހަމައެކަނި މެންދަމުގެ ވަގުތުގައި ނުވަތަ ރޭގަނޑުގެ ވަގުތުގައި ބޭނޭ މިޔަރަކަށްވާތީ ދީފައިވާ ނަމެއްކަމަށް ފެނެއެވެ. މިބާވަތުގެ މިޔަރު އަލިހުރަސް ކަނޑުން ވަަރަށް ގިނައިން ބާނާ ކަމަށް ވެއެވެ. މެންދަން މިޔަރުގެ ކާނާއަކީ އެހެނިހެން މިޔަރާއި، މަހާއި، މަޑިއާއި، ބޯވަ އެވެ.

މިއީ ބިޔަހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. މިޔަރުގެ މަތީބައިގެ ކުލައަކީ އަޅި ކުލައެވެ. ބަނޑު ދަށްފަރާތު ހުންނަނީ ކުލަ ފަނޑުކޮށެވެ. މެންދަން މިޔަރު 3 މީޓަރަށް ބޮޑުވާ ކަމަށްވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 3އާއި 15 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާކަމަށް ވެއެވެ.