ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން އަބީ ސުފްޔާން ޞަޚްރު ބިން ޙަރުބު ބިން އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އެވެ. އާއިލާ ނިސްބަތްވަނީ ގުރައިޝު ވަންހަ އަށެވެ. އުމަވީ ދައުލަތުގެ އުފެއްދެވި ބާނީ އަކީ މިއީއެވެ. އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 20އަހަރު ކުރިންނެވެ.އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 8ވަނަ އަހަރުގައި ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ. ހިސާބުގެ އިލްމާއި ލިޔަން ދަސްކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަރިހުގައި ލިޔުއްވަން އުޅުއްވިއެވެ. ރަސޫލާގެ އަރިހުން 130 ހަދީޘް ރިވާކުރައްވާފައި ވެއެވެ.

އަބޫބަކުރުގެ ފާނުގެ ޚިލާފަތުގައި އަބީ ސުފްޔާންގެ ބޭބޭފުޅު ޔަޒީދު ބިން އަބީ ސުފްޔާންގެ އަރިހުގައި ޝާމްކަރަ އަށް ވަޑައިގެންނެވިއެވެ. ޔަޒީދު ބިން އަބީ ސުފްޔާން ދިމިޝްގު ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަ ވުމުން ދިމިޝްގުގެ ވެރިކަމަށް މުޢާވިޔަތު ބިން އަބީ ސުފްޔާން އިސްކުރެވުނެވެ. ޢުމަރުގެ ފާނުގެ ޚިލާފަތުގައި ވެސް ދިމިޝްގުގެ ވެރިއަކަށް ހުންނެވިއެވެ. އުޘްމާންގެ ފާނުގެ ޚިލާފަތުގައި މުޅި ޝާމްކަރައިގެ ވެރިއެއްގެ ގޮތުގައި ހުންނެވިއެވެ.

އަލީގެ ފާނު ޚަލީފާކަމަށް އިސްވުމާއި އެކު މުޢާވިޔަތުގެ ފާނު އެކަމާއި ތަޢާރަޟުކޮށް އިދިކޮޅުހެއްދެވިއެވެ. އަދި ދެފަރާތުގެ ދެމެދުގައި ފިތުނަވެރިކަން އުފެދިގެން ދިޔައެވެ. މިގޮތުން އުފެދުނު ފިތުނަވެރިކަން ނިމުމަކަށްއައީ ޚަވާރިޖުންގެ ތެރެއިން މީހަކު ހިޖުރައިން 40 ވަނައަހަރުގެ ރަމަޟާން މަހުގެ 17ވަނަދުވަހު ޢަލީގެ ފާނު ގަތުލުކުރުމުންނެވެ. އެއަށް ފަހު ޢަލީގެ ފާނުގެ ދަރިކަލުން ހިޖުރައިން 41ވަނަ އަހަރުގެ ތެރޭގައި މުޢާވިޔަތު ބިން އަބީ ސުފްޔާން އަށް ބައިޢަތު ހިއްޕެވިއެވެ.

ޚަލީފާކަމުގައި މުސްކުޅިވަންދެން ދެމިހުންނެވިއެވެ. އެއަށް ފަހު ޚަލީފާ ކަމަށް އިސްވީ މުޢާވިޔަތުގެ ފާނުގެ ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތު އެވެ.އެންމެ ފުރަތަމަ ހަގުރާމަ އަށްޓަކައި މެދުތެރޭ ކަނޑު ހުރަސްކުރެއްވީ ވެސް އަބީސުފްޔާން އެވެ. ގްރީކްއާއި ޔޫރަޕުގެ ބައެއް ރަށްތައް ފަހަތަ ކުރެއްވިއެވެ. ހިޖުރައިން 48ވަނަ އަހަރު ގަސްޠަންޠީނިއްޔާ އެއްގަމާއި ކަނޑުގެ މަގުން ޙިޞާރު ކުރެއްވިއެވެ.

ދިމިޝްގު އެންމެ ފުރަތަމަ އިސްލާމުންގެ ވެރި ރަށެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ވެސް މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. މިސްކިތްތަކުގައި ފުރަތަމަ މިޙްރާބު ބެހެއްޓެވި ބޭފުޅަކީ ވެސް މުޢާވިޔަތު ބިން އަބީ ސުފްޔާން އެވެ. މުއާވިޔަތު ބިން އަބީ ސުފްޔާނަށް ފަހު ޚަލީފާކަމަށް ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތު އިސްކުރެއްވުމުން ޚަލީފާ ކަމަށް އިސްކުރެއްވުމަށް އޭގެ ކުރިން ބޭނުންކުރެވުނު މަޝްވަރާ ކުރުމުގެ ގަވާޢިދުއާއި ފުރަތަމަ ޚިލާފުވެ ވަޑައިގެންނެވި ބޭފުޅަކަށް ވިއެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 60ވަނަ އަހަރުގައި ދިމިޝްގު ގައެވެ.