މުޙައްމަދު އިބްރާހީމް (ނައިފަރު)

އައްޝައިޚް މުޙައްމަދު އިބްރާހީމަކީ ފާދިއްޕޮޅު ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އައްޝައިޚް މުޙައްމަދު އިބްރާހީމް ދީނީ ތަޢުލީމު އުނގެނިވަޑައިގަތުމަށް ޓަކައި އެންމެ ފުރަތަމަ ވަޑައިގަތީ ޕާކިސްތާނަށެވެ. 1994 ވަނަ އަހަރު ޕާކިސްތާނަށް ވަޑައިގެން ލާހޫރުގައި ޢަރަބިބަސް އުނގެނިވަޑައިގަތެވެ. އެއަށްފަހު ފައިޞަލްއާބާދުގެ ޖާމިޢާ ސަލަފިއްޔާގައި ހަތް އަހަރު ވަންދެން ކިޔަވައިވިދާޅުވިއެވެ. ކިޔަވައިވިދާޅުވީ ކުއްލިއްޔަތުލް ޙަދީޘުގައެވެ. 2002 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގައި ހުންނަ އަލްޖާމިޢަތުލް އިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގައި ތަޢުލީމު ޙާޞިލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގައި ހަތް އަހަރު ދުވަހު ކިޔަވައިވިދާޅުވިއެވެ.

އައްޝައިޚް މުޙައްމަދު އިބްރާހީމް ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [كتاب الطهارة] މި ފޮތާއި، [كتاب الصلاة] މި ފޮތާއި، [كتاب الصيام] މި ފޮތާއި، [ورث الأنبياء] މި ފޮތާއި، [حصن المسلم] މި ފޮތާއި، [كتاب التوحيد] މި ފޮތާއި، [الدعوة إلى الله وأخلاق الدعاء] މި ފޮތާއި، [ملخص التوحيد] މި ފޮތް ހިމެނެއެވެ. މީގެތެރެއިން [كتاب التوحيد] މި ފޮތާއި، [حصن المسلم] މި ފޮތަކީ ތަރުޖަމާކުރައްވައިފައިވާ ފޮތްތަކެކެވެ.