މުރަކަ ފުންނަ (ސައިންޓިފިކް ނަން: Gobiodon citrinus)ނުވަތަ (އިނގިރޭސި ބަހުން: Fourbar coral goby)އަކީ ފަޅުފަޅުގެ ތިލަ ހިސާބުގައި ހުންނަ މުރަކަތަކުގައި ވަރަށް ގިނައިން އުޅޭ ބާވަތެކެވެ. މިބާވަތުގައި އެންމެ ފާހަގަކުރެވޭ އެއްސިފައަކީ މަސްއުޅޭ މާހައުލާ ގުޅުވައިގެން މަހުގެ ކުލަ ބަދަލުކުރާ ކަމެވެ. މުރަކަ ފުންނަ އަކީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. ދިރޭކުދިމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ފުންނަ ހިފާ ބޭރުކުރެއެވެ. ރީތި މުރަކަތަކުގެ ރީތިކަން އިތުރުކޮށް ދިނުމުގައި މިމަސް ވަރަށް ބޮޑު ބައެއް ކުޅެއެވެ. މަހުގައި ހުޅުނބުގެ ބަދަލުގައި ހުންނަނީ ރާޅު ހަންގަނޑެކެވެ. މަހުގެ ކަންފަތްގަނޑު ބޮލަށްވުރެ ކުޑަ ތަންކޮޅެއް ދިގެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 5 ނުވަތަ 6 މަޑު ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 8 ނުވަތަ 9 މަޑުކަށި ހުރެއެވެ. މަހުގެ އާންމު ކުލައަކީ ރީނދޫ އޮރެންޖް ކުލައެވެ. މަހުގެ ކަރުތާފަތްގަނޑުގެ މަތީބައިގައި ކަޅުކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނަށް ހުރެއެވެ. މަހުގެ ބޮލުގައި ނޫކުލައިގެ ހަތަރު ރޮނގު ހުރެއެވެ. މަހުގެ މަތީބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ބުޑުދޮށުގައި ނޫކުލައިގެ ރޮނގެއް ހުރެއެވެ. މިމަހުގެ ބޭރުގައި އެހެނިހެން މަސްމަހަށް ނުރައްކާތެރި ވިހައެއް އެކުލެވޭ ލޮނދިފަށެއް ހިމެނޭތީ އެހެނިހެން މަސްމަހާ މެހި އައިސް މިބާވަތުގެ މަސް ކައެއް ނޫޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 6 ސ.މ އަށެވެ.