ނ. މަނަދޫ ރަތްފުސްގޭ ޔޫސުފް ޙަސަން (ޔޫސުންބެ) އަކީ މިހާރު 66 އަހަރު ވެފައިވާ ބޭކަލެކެވެ. ޔޫސުންބެގެ މުޅި ހަޔާތްވެސް ވޭތުކޮށްފައިވަނީ މުރާލި ކަމާއި ހީވާގިކަމާއެކުގައެވެ. އެއީ މަނަދޫގައި ރައިވެރިކަން މިހިސާބަށް މެދުނުކެނޑި ގެނެސްދިން ރައިވެރިޔާއެވެ. އުމުރުން އެންމެ 15 އަހަރުގައި ފެށި އެމަސައްކަތް އޭނާ މިހިސާބަށް ކުރީ ހަމައެކަނި ލިބޭ އާމުދަނީއަކަށް ބަލައިގެންނެއް ނޫނެވެ. ޔޫސުންބެ ދެކޭ ގޮތުގައި އެބައެއްގެ ތެރޭގައި ކުރިން ކުރެވޭ މަސައްކަތެއް، ކުރާނެ މީހަކު ނެތި އެމަސައްކަތް އުވި ދިއުމަކީ ކޮޅުނެތްކޮޅަށް ދެރަވާންޖެހޭވަރު އަދި ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ.

ޔޫސުންބެއަށް ބޮގަނރަ ޔޫސުންބެވެސް ކިޔައެވެ. އެއީ އާއިލީ ނަމެކެވެ. އަޅުގަނޑުމެންނަށް ޔޫސުންބެ އެންމެ ގިނައިން ފެންނަނީ މިސްކިތުންނެވެ. ކޮންމެ ނަމާދަކަށް ޖަމާޢަތަށް ދުރުވާނެއެވެ. އެއީ އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެވެސް ޔޫސުންބެގެ ފަރާތުން ފެންނަ ރީތި އާދައެކެވެ. ހުރިހާ އުމުރެއްގެ ހުރިހާ އެންމެންނާވެސް ގުޅޭނެއެވެ. އެކަމަކު ވާހަކަ މަދުވާނެއެވެ. ހިނިތުންވުމާއިއެކު މީހުންނާ ބައްދަލުކުރާގޮތުން ޔޫސުންބެ ދުލުން ނުބުނާ ކިތަންމެ މެސެޖެއް އެހެން މީހުންނަށް ލިބޭނެއެވެ. ޔޫސުންބެއަކީ އަބަދުވެސް ވަރަށް ސާފުތާހިރުކޮށް ހުންނަވާ ބޭކަލެކެވެ.

ޔޫސުންބެ ފުރަތަމަ ރާވެރިކަމުގެ މަސައްކަތަށް ނިކުތީ ކުރިންވެސް ދެންނެވި ފަދައިން ވަރަށް ޅަ ޢުމުރުގައެވެ. ޔޫސުންބެ ބުނުއްވި ގޮތުގައި ފުރަތަމަ އެރީ ހާޖީބެގެ ރުއްތަކެވެ. އޭރު އެއީ ޔޫސުންބެގެ ވަޒީފާއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޔޫސުންބެ ހުރީ ރާވެރިއެއްގެ ގޮތުގައެވެ. ރައިވެރިކަން ކުރާނެ މީހަކު ނުވެ ދިޔައިރުވެސް ޔޫސުންބެ ރުއްތައް ރާކޮށްގެން ރާބާލައެވެ. ހަކުރުވެސް ހިލިއެވެ. ޔޫސުންބެގެ ދެމަފިރިންނަކީ އެމަސައްކަތް މަނަދޫގައި މިހިސާބަށް ގެނެސްދިން މުރާލި ދެމަރިންނެވެ.

ޔޫސުންބެއަކީ އޭނާގެ ދިރިއުޅުމުގައި ކޮންމެ ކޮންމެ ގޮތެއް ކަމުދާ މީހެއް ނޫނެވެ. ކޮންމެ ކަމެއް ކުރިއަސް އެކަމެއް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމަށް ޔޫސުންބެ އިސްކަން ދިނެވެ. އަދި އެކަމެއް ޒަމާނުއްސުރެ ކުރަމުން އައިގޮތް ދަމަހައްޓަން އޭނާ ބޭނުންވެއެވެ. އަދި ޒަމާނާއެއްގޮތަށް ކަންތައްތައް ބަދަލުވެ ތަރައްޤީވަމުން ދިޔަނަމަވެސް ކުރީގެ ސަޤާފަތް ދަމަހައްޓަން ނުހަނު ބޭނުންވިއެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީވެސް ރައިވެރިކަމުންނެވެ. ރައިވެރިކަމުގައި ބޭނުންކުރާ އާލާތްތައް ޒަމާނުގެ ލުއިފަސޭހަ ގޮތްތަކަށް ބަދަލުކުރިއަސް ރައިވެރިކަމުގެ ސަޤާފީގޮތްތައް އޭނާ ދެމެހެއްޓިއެވެ. ޔޫސުންބެ ބުނުއްވި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ރައިވެރިކަން ގިނަ ދުވަސްތަކެއްގައި ކުރެވުނު އެއް ސަބަބަކީވެސް އެއީއެވެ. ރާކުރާ އެތުގައި ބޭނުންހާ އެއްޗެއް އޮޅައި، ގުޑިއަށް ބޭނުންހާ އެއްޗެއް ލައްވާ ހިތުހުރިގޮތަކަށް ކަންތައްތައް ކުރުމަކީ ރާރުއްތައް ހަލާކުވެދާ ކަމެއްކަމަށް ޔޫސުންބެ ބުނުއްވިއެވެ.

މަނަދޫގައި މިހާރު ބައެއް ޒުވާންކުދިންވެސް ރާވެރިކަން ކުރެއެވެ. އެކަމަކު އަދިވެސް ޔޫސުންބެ ކުރިގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އެހިތްވަރާއެކު އެމަސައްކަތް ކުރެވެމުންދާތީއެއް ނުފެނެއެވެ. މޫސުމަކަށް ނުބަލައި ކޮންމެ ދުވަކު ދެއިރު ރުކަށްއަރައި ރާބާލައި ހަކުރު ހެދެމުންދާތީއެއް ނުފެނެއެވެ. ދޭތެރެއަކު ކޮންމެ މީހަކު ރުކެއް ދެރުކެއް ރާކޮށްފާނެއެވެ. އެފޯރިގަނޑު ކުޑަ ދުވަސްކޮޅެއްފަހުން ކެނޑިގެން ހިގައިދާނެއެވެ.

" އެހެންވަނީ ކުދިންނަށް މިއީ ކިހާވަރެއްގެ މަސައްކަތެއްކަން ނޭނގޭތީ. މިއީ ވަރަށް މިކަމާވެގެން ކުރެވޭނެ ކަމެއް " ރާއެރުމުގެ މަސައްކަތުގައި ބައިގަރުނަށްވުރެ ގިނަދުވަސް ހޭކުރައްވާފައިވާ ޔޫސުންބެ ބުނުއްވިއެވެ. ޔޫސުންބެގެ އެންމެ ދުރުގެ ހަނދާނަކަށް ހުންނަ އެއް ހަނދާނަކީ ބޮޑުތަދުގެ ދުވަސްވަރު މުޙައްމަދު އަމީން މަނަދޫއަށް ވަޑައިގެން ދުވަހެވެ. " އެއީ ވަރަށް ހަނދާން ހުންނަ ދުވަހެއް. އޭރު މިރަށުގައި ބަނޑަށް މީހުން މަރުވަމުންދިޔައީ. އަމީން ވަޑައިގެންނެވީ ކާޑު ހިތްޕަވައިގެން. މިރަށަށް ބާލަން ހަމަޖެހިފައިވާ ވަރަށްވުރެ ގިނައިންވެސް ކާޑު ބާލައިދެއްވި" ޔޫސުންބެ ބުނުއްވިއެވެ. އަމީން ދީދީގެ އެދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅެކެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު ރާއްޖެއަށް ކުރިމަތިވި ބޮޑުތަދާ ގުޅިގެން ސަރުކާރުން ޢަމަލުކުރައްވީ ގޮތުގެ ޤަވާޢިދުގެ ޑްރާފުޓް އަމީންދީދީ އެކުލަވާ ލެއްވީ މަނަދޫ ބަދަރުގައި އިނގިރޭސި މަނަވަރުގައި ހުންނަވައިގެންނެވެ.

އެކިއެކި ބޭނުންތަކުގައި މަނަދޫއަށް ޒިޔާރަތްކުރާ މީހުން މަނަދޫން ލިބޭ ރަލުގެ މީރުކަމުގެ ވާހަކަ ދައްކައެވެ. ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން ރޭގަނޑު ދަންވަރުވެސް ޔޫސުންބެ ރާބާލައިދެއެވެ. ފުޅި ފުޅިއަށާއި ޖަގުޖަގަށް އަޅައިގެން ގެންގޮސްގެން ރާބުއިމުގެ ބަދަލުގައި ޔޫސުންބެ ރާއަރާތަނަށް ގޮސްގެން ސީދާ ގުޑިން ތައްޓަށް އަޅައިގެން ރާބުއިމަކީ މިގޮތަށް މަނަދޫއަށް ޒިޔާރަތްކުރާ ބައެއް މީހުންކުރާ ކަމެކެވެ. އެކި ރުކުން ބާލާ ރަލުގެ ތަފާތުތަކާއި އެކިރުކުން ރާލިބޭ ވަރާއި ފޮނިމީރުކަމުގެ ތަފާތު އޭރުން ވަޒަންކުރެވޭނެއެވެ. ރައިވެރިކަމުގައި ޔޫސުންބެއަށް ނޭނގޭ އެއްވެސް ކަމެއްނެތެވެ. ޔޫސުންބެ ދެކެން ބޭނުންވާ އެއްދުވަކީ ޒުވާނުން ދެމެހެއްޓެނިވި ގޮތެއްގައި ރައިވެރިކަންކުރާތަނެވެ.