މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެލެވޭ މަޒްމޫނު ތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ.

މި މަޒުމޫނުގައި ލިޔެފައިވާ ލިޔުމަކީ އެކުމާފާނެއްގައި އެކުލެވޭ ވަރުގެ ލިޔުންތަކެއް ނޫނެވެ. އެހެންކަމުން މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެވޭ މަޒުމޫނުތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ. މަޒުމޫނުގައި މި ލޭބަލް ޖެހޭތާ 10 ދުވަސް ތެރޭގައި ޚިޔާލު ސަފްހާގައި ދެކެވިފައިވާ ވާހަކައަށް ރިއާޔަތް ކުރެވޭނެއެވެ. އަދި މެމްބަރުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މަޒްމޫނު ފޮހެލެވޭނެއެވެ!


ނ. މަނަދޫ ފިލިގަސްދޮށުގޭ މުޙައްމަދު ޢަބްދުލްކަރީމް (ކަރިންބޭގެ މުޙައްމަދުބެ) ގެ އަޅުގަނޑުމެންނަށް ފެންނަން ފެށިއިރު މަސައްކަތް ކުރައްވަނީ މަނަދޫ ކޯޓްގައެވެ. އޭރު ކޯޓްގައި ގާޒީ އާއި ކާތިބެއްގެ އިތުރުން މުޙައްމަދުބެ ފިޔަވާ ދެވަނަ މީހަކު ނުހުރެއެވެ. މަސައްކަތު މީހަކީވެސް އެއީއެވެ. ދޭވާންޏަކީވެސް އެއީއެވެ. ދިދަނަގާ ބަލާމީހަކީވެސް އެއީއެވެ. އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު ކޯޓާ ހަވާލުވަމުން ގާޒީކަން ކުރައްވަމުން ބަދަލުވަމުން ދިޔައިރު ކޯޓްގައި ބަދަލުނުވެ ހުރި ބޭފުޅަކީ މުޙައްމަދުބެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންނެވުމާ ހަމައަށް ގިނަ އަދަދެއްގެ ޤާޟީންނާއެކު މުޙައްމަދުބެވަނީ މަސައްކަތް ކުރައްވާފައެވެ. ތަފާތު ތަންތަނަށް މަނަދޫ ކޯޓް ބަދަލުވަމުންދިޔައިރުވެސް މުޙައްމަދުބެ އަކަށް ބަދަލެއް ނާދެއެވެ. މުޙައްމަދުބެއަކީ ސަރުކާރުގައި ޚިދުމަތްކުރެއްވި އިރު އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ.

މުޙައްމަދުބެއަކީ ދިވެހި ބޭސްވެރިއެކެވެ. މުޙައްމަދުބެ ދިވެހިބޭސް ކުރައްވާފައިވަނީ ހިލޭ ސާބަހަށެވެ. ދުވަހަކުވެސް މީހެއްގެ އަތުން އުޖޫރައެއް ނަންގަވައިގެންނެއް ނޫނެވެ. މުޙައްމަދުބެ ދިވެހިބޭސް ހެއްދެވި ދުވަސްވަރަކީ ޑޮކްޓަރީ ބޭސްވެރިކަން ވައިގައި ނުހިފާއޮތް ދުވަސްވަރެވެ. ފަންޑިތައާއި ދިވެހިބޭސްވެރިކަން ނޫން އެހެންގޮތެއް ނެތް ދުވަސްވަރެވެ. ތަފާތު ގިނަ ބަލިތަކަށް ރަށުން ލިބެން ހުންނަ ފަތްޕިލާވެލި ބޭނުންކޮށްގެން ބޭސް ހައްދަވާ އެތައް ބަޔަކަށް ފަރުވާ ކޮށްދެއްވިއެވެ. ދިވެހި ބޭސްވެރިކަމުގެ ތެރެއިން މުޙައްމަދުގެ ޚާއްޞަ ދާއިރާއަކީ ލޮލުބޭހެވެ.

މުޙައްމަދުބެއަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައިވާ ބޭކަލެކެވެ. އެހެންވީމާ އެއުމުރުގެ ބައެއް މީހުން މުޙައްމަދު ޙާޖީއޭ ކިޔާ މުޚާތަބުކުރެއެވެ. އެއީ މަނަދޫގެ ޤަދަރުވެރި ބޭކަލެކެވެ. ދުވަހަކުވެސް މައްސަލައެއްގައި އަދަބެއް ލިބިފައެއް ނުވެއެވެ.

މުޙައްމަދުބެއަކީ އަބަދުވެސް ހުދު ހެދުމުގައި ހުންނަވާ ބޭކަލެކެވެ. އާންމުކޮށް ތުރުކުރައްވަނީ ހުދު ގަމީހާއި ހުދު މުންޑާއި ހުދުކުލައިގެ ހައްޖުތާކިހަލެކެވެ. ހައްޖަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަބަދުވެސް ހުންނަވަނީ ވަރަށް ސާފުތާހިރުކޮށެވެ. ސާފުތާހިރުކަމަށް ލޯބިކުރައްވާ މުޙައްމަދުބޭގެ މިޒާޖަކީ މަޑުމައިތިރި މިޒާޖެކެވެ. ދީނީ ކަންތައްތައްކަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވައެވެ. ޚާއްޞަގޮތެއްގައި ޖަމާޢަތުގައި ނަމާދުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

މުޙައްމަދުބެއަކީ ޚިތާނު ކުރުމުގައިވެސް ހަރަކާތްތެރިވެ ލެއްވި ބޭކަލެކެވެ. ޚިތާނު މޫސުމުގައި މަނަދޫއަށް އަންނަ ޚިތާނުކުރާ އެދުރުންނާއެކު އަތްދަށު ބޭކަލެއްގެ ގޮތުގައި މުޙައްމަދުބެ ހަރަކާތްތެރިވެވަޑައިގެން އުޅުއްވައެވެ. އެކަމުން މަނަދޫގެ ގިނަ ރައްޔިތުންނަށް ވަރަށް ފަސޭހަވެސް ވެއެވެ. ސަބަބަކީ އެދުރުމީހާ ކިތަންމެ ބިޒީކޮށް އުޅުނަސް މުޙައްމަދުބެ އެދުރުބޭގެ ފަރާތުން ކޮންމެ ވަގުތަކުވެސް އެހީތެރިއެއްގެ ގޮތުގައި ހުންނަވާތީއެވެ. ކުދިން ރޮއި ބޮޑާހާކާ ހަދަން ފެށުމުން މުޙައްމަދުބެ ގެންނާނެއެވެ. އޭރުން އެކަންތައް އެކެނޑުނީއެވެ. ޚިތާނުގެ ކަންތައްތައް ނިމުމުން އެދުރުމީހާ ފުރައިގެން ދިޔަޔަސް ކުދިންގެ ހާލު އަހުވާލު ބަލާމީހެއްގެ ގޮތުގައި މުޙައްމަދުބެ ދެމިހުރެއެވެ. މުޙައްމަދުބެއަށް އިތުބާރު ކުރައްވާ ޚިތާނުކުރާ އެދުރުން މުޙައްމަދުބޭގެ އަތްމައްޗަށް ކުދިން ދޫކޮށްފައިދެއެވެ. މުޙައްމަދުބެ އެކަމުގައި އުޅެފައިވަނީ ކަމަށްކަމޭހިތައިގެން މީހުންގެ ހުރުން ލިބޭފަދަ މުރާލިކަމާއެކުގައެވެ.

މުޙައްމަދުބޭގެ ދެފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ޚާލިދު މުޙައްމަދު، އިބްރާހީމް މުޙައްމަދު ، ނާހިދާ މުޙައްމަދު އަދި މަރިޔަމް މުޙައްމަދެވެ. މީގެ ތެރެއިން ނާހިދާ މުޙައްމަދަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ދިވެހި މުދައްރިސެކެވެ. އެއީ ދިވެހިބަހުން ޑިގްރީ ހާސިލުކުރައްވާފައިވާ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އަދި އެހާމެ މޮޅު ވާހަކަ ލިޔުންތެރިއެކެވެ. މުޙައްމަދުބެއަކީ ޚިތާނުކުރާ އެދުރެއް ނޫނެވެ. އެކަމަކު މިހާރު މުޙައްމަދުބޭގެ ދަރިއަކު އެކަން އެބަހުރެއެވެ. އެއީ މުޙައްމަދުބޭގެ ދޮށީ ދަރިފުޅު ޚާލިދު މުޙައްމަދެވެ. ޚާލިދަކީ ސަރުކާރު ޤަބޫލުކުރާ ފާސް އޮންނަ އެދުރެކެވެ. މުޙައްމަދުބޭގެ ދަރިންގެ ތެރެއިން އިބްރާހިމް މުޙައްމަދަކީ މަނަދޫގައި ވިޔަފާރިކުރާ ބޭކަލެކެވެ.

މުޙައްމަދުބޭގެ ދަރިންނާއި ކާފަދަރިންގެ އިތުރުން މުނިކާފަ ދަރިންވެސް އެބަތިއްބެވެ. މިއަދު މުޙައްމަދުބޭގެ އެންމެ ބޮޑު އުފަލަކީ އެދަރިންނެވެ. އެދަރިންގެ މެދުގައި އޮންނަ އާއިލީ ލޭގެ ގާތް ގުޅުމެވެ. މުޙައްމަދުބެއަށް ފުރިހަމަ ޞިއްޙަތެއް ދެއްވާ، އާއިލާއަށާއި މުޙައްމަދުބެއަށް ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ.