ވިޓަމިން ބީ5
ވިޓަމިން ބީ5 (އިނގިރޭސި ބަހުން: Vitamin B5)ނުވަތަ ޕެންޓޯތެނިކް އެސިޑް(އިނގިރޭސި ބަހުން: Pantothenic acid) ގެ ނަން އުފެދިފައިވަނީ ގްރީކް ބަހުންނެވެ. ޕެންޓޯ މާނައަކީ ހުރިހާ ތަނެއްގައި ވުމެވެ. މިހެން ކިޔުނީ ހުރިހާ ކާބޯތަކެއްޗެއްގައި ވެސް މިމާއްދާ ކޮންމެވެސް ވަރަކަށް އެކުލެވިގެންވާތީ އެވެ. އަދި މިއާއެކު މިއީ ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދާ ވެސް އެއްޗެކެވެ. ޕެންޓޯތެނިކް އެސިޑް މަސައްކަތްކުރަނީ ބަޔޮޓިން އޭ ކިޔާ ވިޓަމިން އާއި އެކުގައެވެ. އަދި މިއީ އެއްގުނަވަނުން އަނެއް ގުނަވަނަށް މެސެޖް ފޮނުވައި ދިނުމާއި، ދިފާޢީ ނިޒާމް ހަރުދަނާ ކުރުމާއި، އެޑްރީނަލް ގްލޭންޑް ގެ މަސައްކަތް ފުރިހަމަ ކުރުމުގައި އެހީތެރިވެދޭ ވިޓަމިން އެކެވެ. އަދި މިވިޓަމިން އަކީ ނާރުގެ ބަލިތަކަށާއި، ލޭގައި ކޮލެސްޓްރޯލް ގިނަވުން، އަދި ލޭމައްޗަށްދިއުން ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރެވޭ ވިޓަމިން އެކެވެ. ޕެންޓޯތެނިކް އެސިޑް ގިނައިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ގެރިމަސް، ކަނޑު މަސް، ކުކުޅު ބިސް، ކިރު، ކިރުން އުފައްދާ ތަކެތި، ނުކަނޑާ ހުރި ގޮވާން، ކައްޓަލަ، ކެބެޖް ފަދަ ތަކެތި ހިމެނެއެވެ. ވިޓަމިން ބީ5 (ޕެންޓޯތެނިކް އެސިޑް) ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ 7-4 މިލިގްރާމް އާއި ދޭތެރޭގެ އަދަދެކެވެ. ޕެންޓޯތެނިކް އެސިޑް މަދުވުމުން ލިބޭ ގެއްލުމެއް އަދި ފާހަގަކުރެވިފައެއް ނުވެއެވެ. މިބައި ގިނަވުމުން ދިމާވާ ގޮތްތައް ވެސް ވަރަށް ކުޑައެވެ. އޭގެ ތެރޭގައި ކުޑަކަމުދިއުން މަދުވުން، ބޯއަނބުރާގޮތްވުން ހިމެނެއެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003