ވިޓަމިން ބީ3
ވިޓަމިން ބީ3 (އިނގިރޭސި ބަހުން: Vitamin B3)ނުވަތަ ނިއަސިން(އިނގިރޭސި ބަހުން: Niacin) އަކީ ފެނަށްގިރޭ ހުދުކުލައިގެ ކުނޑިއެކެވެ. ވިޓަމިން ބީ3 ގެ ދެބާވަތެއް ހުރެއެވެ. އެއީ ނިކޮޓީނިކް އެސިޑް އަދި ނިކޮޓީނަމައިޑް އެވެ. މިއީ އެހެން ވިޓަމިންތަކާއި އަޅާ ބަލާއިރު ފަސޭހައިން ހަލާކުވެނުދާ އެއްޗެކެވެ. މިވައްތަރުގެ ވިޓަމިން އުފެއްދުމުގެ ކުޅަދާނަކަން ހަށިގަނޑަށް ލިބިފައި ވެއެވެ. އެއީ އެމިނޯއެސިޑެއް ކަމަށްވާ ޓްރިޕްޓޮޕޭން ބޭނުންކޮށްގެންނެވެ. ނިއަސިން އަކީ ކާބޯތަކެތިން ހަކަތަ ނެރެދީ، ލޭގެ ދިރުތައް އަދި ޖިންސީ ހޯރމޯންތައް އާއި އެހެނިހެން ހޯރމޯންތައް އުފައްދައިދީ، ސިކުނޑި އާއި ނާރުތަކުގެ ނިޒާމްގެ ހިނގުން ރަގަޅުކޮށްދީ، ކެންސަރު ފަދަ ބަލިތަކުން މީހާ ދުރުކޮށްދޭ އެއްޗެކެވެ. އަދި މިއީ ލޭގައި އިތުރުވެގެންދާ ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަދުކުރުވާ އެއްޗެކެވެ. މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި އާދަކޮށް ހިމެނުން ރަގަޅު އެއްޗެކެވެ. ނިއަސިން އެކުލެވޭ ކާބޯތަކެއްޗަކީ ކުކުޅު މަސް، ކަނޑު މަސް، ގެރި މަސް، ބަދަން، މަދު، ވައްތީނި، ކަދުރު، ފުށް، ގޮވާމުގެ ބާވަތްތައް، އަދި ކުކުޅު ބިސް އެވެ. އަދި ތަރުކާރީގެ ބާވަތްތަކުގައި ވެސް މިމާއްދާ ކޮންމެވެސް ވަރަކަށް ހުރެއެވެ. ނިއަސިން ހަށިގަނޑުން މަދުވެއްޖެކަން އެނގޭނެ އަލާމާތްތަކުގެ ތެރޭގައި ވަރުދެރަވުން، ކާހިތްކެނޑުން، އަނގަފާރުވުން، ބޭރަށްހިންގުން، ހާސްވެ ކަންބޮޑުވުން، ހަންގަނޑު ރަތްވެ ރާޅުވުން، އަދި މޫނާއި އަތުގެ ހަންގަނޑު ކުރަކިވުން ހިމެނެއެވެ. ވިޓަމިން ބީ3 (ނިއަސިން) ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 19 މިލިގްރާމް އެވެ. އަންހެނަކަށް 15 މިލިގްރާމް އެވެ. ނިއަސިން އަކީ ހަކުރު ބަލި، ސިކުނޑީގެ ބަލިތައް، އަދި ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ ބޭހެކެވެ. ނަމަވެސް ބޭހެއްގެ ގޮތުގައި ދުވާލަކު 1000 މިލިގްރާމް އަށްވުރެ ގިނައިން ބޭނުންކޮށްފިނަމަ، ހަންގަނޑު ރަތްވުން، ގައިން ދިލަނެގުން، ބޯއަނބުރާގޮތްވުން، އަދި ބޮލުގައި ރިއްސުން، މޭފާރުވުން ފަދަ ކަންތައްތައް ދިމާވެއެވެ.
ރިފަރެންސް
އުނިއިތުރު ގެންނަވާ- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003