ފުރިހަމަ ނަންފުޅަކީ ވަލީދު ބިން ޢަބުދުލް މަލިކް ބިން މަރުވާން ބިން ޙަކަމް އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 48ވަނަ އަހަރުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 86ވަނަ އަހަރުގެ ޝައްވާލު މަހުގެ 14ވަނަ ދުވަހު ބައްޕާފުޅު އަބުދުލް މަލިކް ބިން މަރުވާން އަވަހާރަވުމުންނެވެ.

ވަލީދު ބިން އަބުދުލް މަލިކްގެ ވެރިކަމުގައި ތިއްބެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މޫސާ ބިން ނަޞީރުއާއި ، ޠާރިޤު ބިން ޒިޔާދު ފަދަ ބޭފުޅުން ހިމެނެއެވެ. ވަލީދުގެ ވެރިކަމުގައި އިސްލާމީ ދައުލަތް އިންޑިޔާ، ތުރުކިސްތާން، އަދި ޗައިނާގެ އިރުމަތީ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.

ވަލީދު ބިން ޢަބުދުލް މަލިކު އަކީ އުމުރާނީ ތަރައްގީ އަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަދީނާގެ ވެރިއަކަށް ހުންނެވި ބޭފުޅާއަށް މަދީނާގައި މީސްތަކުން ބޭނުންކުރުމަށް ފެންވަޅުތައް ކޮނެ މަގުތައް ހެދުމަށް އަމުރުކުރެއްވިއެވެ. ޖުޒާމްބަލި ޖެހިފައި ތިބޭމީހުން މީސްތަކުންތެރެއަށް ނިކުމެ އުޅުން މަނާކުރައްވައި އެމީހުންނަށް ޚާއްޞަ އިނާޔަތް ދެއްވިއެވެ.

އިސްލާމީތާރީޚުގައި މިޒަމާނުގައި މިފެންނަ ގޮތަށް ފުރަތަމަ ހޮސްޕިޓަލް އުފެއްދެވީ ވެސް އެދުވަސްވަރު އެވެ. ލޯފަން ކޮންމެ މީހަކަށް ބައިތުލް މާލުން އެހީވެދެއްވައި، ނުހިގޭ މީހުންނަށް ޚާދިމުން ކަނޑައެޅުއްވި އެވެ. އަދި ފަގީރުންނަށް ވެސް ބައިތުލްމާލުން އެހީވެދެއްވައި ހެއްދެވިއެވެ.

ރަށުން ބޭރުން ރަށްތަކަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ނުވަތަ އުޅުމަށް ޚާއްޞަ ގެތައް ބިނާކުރެއްވި އެވެ. މަދީނާގައިވާ މަސްޖިދުއް ނަބަވީ މަރާމާތުކޮށް،، ގުދުސްގައިވާ މަސްޖިދުލް އަޤްޞާ ބިނާކުރެއްވިއެވެ. ދިމިޝްގުގައިވާ ޖާމިއުލް އުމަވީ ނުވަތަ އުމަވީ މިސްކިތް ބިނާކުރެއްވިއެވެ. އުމަވީ މިސްކިތް ބިނާކުރެއްވުމަށް 11މިލިޔަން 200 ހާސް ދީނާރު ހޭދަކުރެއްވި އެވެ. ވަލީދު ބިން އަބުދުލް މަލިކް މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 96ވަނަ އަހަރުގައި ދިމިޝްގުގައެވެ.