އޮއިވާލި މިޔަރު
އޮއިވާލި މިޔަރު (އިނގިރޭސި ބަހުން: Carcharhinus falciformis)ނުވަތަ (އިނގިރޭސި ބަހުން: Silky shark)އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ހިމަތޮޅި މިޔަރެކެވެ. އޮއިވާލި މިޔަރު އަށް އައިނު މިޔަރު މިހެން ވެސް ކިޔައެވެ. މިއީ ރާއްޖޭގެ މަސްކަނޑު ތަކުން ވަަރަށް ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގިނައިން ފެނިފައި ހުރީ ކަނޑުމަހުގެ ބާވަތްތަކުގެ މަސް އައިންއާއެކުގައެވެ. އަދި ޚާއްޞަ ގޮތެއްގައި ކަނޑުގައި ހިގާ އޮއިވާލި އެތިގަނޑުގެ ދަށުގައި އަޅާފައި ހުންނަ އައިނުގެ ތެރެއިންނެވެ. މިގޮތުން އައިނުގެ ތެރޭގައި ނުވަތަ އޮއިވާލީގެ ކައިރީގައި އުޅޭއިރު މަސްއައިނުގައި އުޅޭ މަހަށް ވަރަށް ހަލުއި ހަމަލާތައް ދެއެވެ. އަދި މަސްބާނާ އައިނުގެ ތެރޭން މަސް އަތުލައިގެން ކައިއުޅޭކަން ފާހަގަ ކުރެވެއެވެ.
މިއީ ލޮނުއަޅައިގެން ހިއްކުމަށް ރަަގަޅު މިޔަރެކެވެ. މިބާވަތުގެ މިޔަރު ގިނައިން އުޅެނީ އަތޮޅުން ބޭރު މާކަނޑު ތަކުގައެވެ. މިއީ ކަނޑުގެ މަތީބައިގައި ގިނައިން އުޅޭ މިޔަރެއް ކަމަށް ވިޔަސް 500 މީޓަރު އަޑީގައި ވެސް މިބާވަތުގެ މިޔަރު އުޅޭކަމަށް ވެއެވެ. މިބާވަތުގެ މިޔަރު ވިހާ ފަހަރަކު 2-4އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. އޮއިވާލި މިޔަރު އެންމެ ބޮޑުވާކަމަށްވަނީ 3.3 މީޓަރަށެވެ.
އޮއިވާލި މިޔަރުގެ ކާނާއަކީ މަހުގެ ބާވަތްތަކާއި ބޯވަ ދިލަ މަހެވެ. މިއީ މަސްވެރިކަމުގެ އާލަތްތަކަށް ގެއްލުންދޭ އަދި އިންސާނުންނަށް ނުރައްކާތެރި ހަމަލާދޭ މިޔަރެއްކަމަށް ވަނީ ބެލެވިފައެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި ނުވަތަ ކަޅު ކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ އަޅި ހުދުކުލައެވެ.