އޮއިވާލި ރޮނޑު
އޮއިވާލި ރޮނޑު (އިނގިރޭސި ބަހުން: Canthidermis maculata)ނުވަތަ (އިނގިރޭސި ބަހުން: Spotted oceanic triggerfish) އަކީ ދިވެހި މަސްވެރިން ދަންނަ މަޝްހޫރު މަހެކެވެ. މިބާވަތުގެ ރޮނޑު ގިނައިން ފެނިފައި ހުންނަނީ މާކަނޑުގައި އޮޔާދާ އޮއިވާލި އެއްޗެހީގެ ނިވަލުގައި ތިބެގެން ދަތުރުކޮށް އުޅޭތަނެވެ. މިގޮތަށް އޮއިވާއްޔާ ވަކިނުވެ، އޮއިވާލިދާ ކޮންމެ ތަނަކަށް މިބާވަތުގެ ރޮނޑު ދެއެވެ. މިގޮތުން ފަޅުތެރެއަށް ވެސް ވަދެއެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ ރޮނޑެއް ނޫނެވެ. އަދި މިބާވަތުގެ ރޮނޑު ބޭނުމަށް ވަކި ޚާއްޞަ ބާވަތެއްގެ މަސްވެރިކަމެއް ވެސް ކޮށެއް ނޫޅެއެވެ.
އޮއިވާލި ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 23 އާއި 27އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 20އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 14 ނުވަތަ 15 މަޑުކަށި ހުރެއެވެ. މަހުގެ ލޮލުގެ ކުރިމަތީގައި ވަރަށް ފުންކޮށް ހުންނަ ކެނޑުމެއް މަހުގެ ނިގޫފަތަށްވުރެ ތިރީގައި ހުރެއެވެ. މަހުގެ ކަންފަތް ކުޑައެވެ. މަހުގެ އަނގައިގައި ވަރުގަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ގަދަނޫ ނުވަތަ ގަދަ މުށި ކުލައެކެވެ. މަހުގައި ހުދުކުލައިގެ ލައްތަކެއް ފަނޑުކޮށް ފެންނަށް ހުރެއެވެ. މަހުގެ އުރަހަތައް ހުންނަނީ ކަޅުކުލައިގައެވެ. މިބާވަތުގެ ރޮނޑު އާއްމު ގޮތެއްގައި 50 ސެންޓި މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މަހުގެ ހަންގަނޑު ހަރުވެފައި ވަރުގަދަ ވާނެއެވެ.