އޮށުގައި ރިހުން (އިނގިރޭސި ބަހުން: Orchalgia/Testicular pain) ނުވަތަ ފިރިހެނުންގެ ކުރިމަތިފަރާތުގައިވާ ދެއޮށުގައި ނުވަތަ އޮށެއްގައި ރިއްސުމަކީވެސް ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް ހުންނަ ބަލިމީހުން ކުރާ ވަރަށް ޢާއްމު ޝަކުވާއެކެވެ.

ސަބަބުތައް އުނިއިތުރު ގެންނަވާ

  • ކުރިމަތިފަރާތަށް ކުއްލިއަކަށް ތަދެއް އަރާފައި ވަރަށް ބޮޑަށް އޮށުގައި ރިއްސަނީނަމަ ޓޯޝަން ނުވަތަ އޮށް އެނބުރުނީކަމަށް(އިނގިރޭސި ބަހުން: Torsion) ބެލެވިދާނެއެވެ. މިގޮތަށް އޮށް "ޓޯޝަން"ވުމަށްފަހު ދެނެގަތުމަކީ ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވީމާ ކުޑަކޮށްވެސް އޮށުގައި ރިއްސާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ނުވަތަ ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދަންވާނެއެވެ. އޮށުގައި ރިއްސާނަމަ ފުރަތަމަވެސް ޓޯޝަންވެފައިވަނީ ކަމަށް ބަލާށެވެ. އެއީ ވަގުތުން އޮޕަރޭޝަން ނުކުރެވިއްޖެނަމަ އޮށް ގެއްލިގެން ދިއުމަކީ އެކަށީގެންވާކަމަކަށްވާތީއެވެ.

ބައެއްފަހަރު އޮށް ޓޯޝަންވުމަށްފަހު ބަނޑުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އުފަންވާއިރު ތިރިއަށް ނުފައިބާ އޮންނަ އޮށެއް(އިނގިރޭސި ބަހުން: Undescended Testis)ނަމަ އަބަދުވެސް ބަނޑުގައި ރިއްސާނެއެވެ. ކުރިމަތިފަރާތް އިންފެކްޓްވުމުންވެސް އޮށުގައި ރިއްސަފާނެއެވެ. އަދި ގިނަފަހަރު ރިއްސާނީ އެޕިޑިޑައިމިސްއާއި އެކުގައެވެ. އެޕިޑިޑައިމިސް އަކީ މަނިދަތުރުކުރާ ހޮޅިއާއި އޮށާއި ގުޅުވަދޭ ހިސާބެވެ.

  • ދަރިން ހޯދަންބޭނުންނުވާ މީހުން ކުރާ އޮޕަރޭޝަނެއްކަމުގައިވާ ވެޒެކްޓަމީ އަށް ފަހުގައިވެސް ދޭތެރެދޭތެރެއިން އޮށުގައި ކުޑަރިހުމެއް ހުރެދާނެއެވެ. އަދި ހައިޑްރޮސީލް ނުވަތަ އޮށްވަށައިގެން ފެންހެދޭބަލިޖެހިފައިވާނަމަވެސް ޓެސްޓިކްލް ގައި ކުޑަ ރިހުމެއްހުރެދާނެއެވެ.
  • ފިރިހެނުންގެ ،އަދި ހާއްސަކޮށް ފިރިހެންކުދިންގެ އުރަވަޅިގައިވާ ލޭހޮޅިތައް ފުއްޕާބަލި (އިނގިރޭސި ބަހުން: Varicocele)ޖެހިފައިވާނަމަ ބަލިހުންނަ ފަރާތުގެ އޮށުގައި ތަދެއްހުރެދާނެއެވެ. އަދި ގިނަވަގުތު ކޮޅަށް ހުރުމުން ނުވަތަ ބަނޑަށްބާރެއްލާވަގުތު އެ ތަދު ބޮޑުވެގެންދާނެއެވެ. ހާއްސަކޮށް ދުވާލުގެ ފަހުވަގުތުކޮޅުގައި މިފަދަ މައްސަލައެއްގެ ސަބަބުން ދާއިމީކޮށް ކުޑަތަދެއް ހުރުމަކީ ވަރަށް ގާތްކަމެކެވެ.
  • ވަރަށް ބުރަކޮށް ހަރަކާތްތެރިވެ އުޅޭމީހުންގެ އޮށުގައި ކުޑަކަމުދާނިޒާމުގެ ބައްޔެއްނެތި ދާއިމީކޮށް ތަދެއްހުރުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ކޮރޯނިކް އޯކަލްޖީއަ ހުންނަމީހުންގެ އޯކިޑެކްޓަމީ (އިނގިރޭސި ބަހުން: Orchidectomy) ހަދައިގެން އޮށްނެގުމުންވެސް އެ ތަދު ފިލައިގެނެއް ނުދާނެއެވެ. އެހެންނަމަވެސް ކުޑަކަމުދާނިޒާމަށްވެސް ކެންސަރުފަދަ ބައްޔެއްޖެހުމުން ފެންނަ އަލާމާތް ތަކުގެތެރޭގައި ހިމެނޭ އެންމެފަހުގެ އަލާމާތަކީ "ތަދު" ކަމަށްވާތީ ޑޮކްޓަރެއްގެ ނުވަތަ ސިއްޙީއެހީތެރިއެއްގެ އިރުޝާދާއި އެހީ ވީހާވެސް އަވަސް ފުރުސަތެއްގައި ހޯދާށެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ދުވަހު ނޫސް ރާއްޖެ ގެ ލިޔުމަކުން