އެޑްރީނޯޖެނިޓަލް ސިންޑްރޯމް (އިނގިރޭސި ބަހުން: Adrenogenital Syndrome) އުފެދުމުގައި ޖެހޭ ބައްޔެކެވެ. އެޑްރީނޯޖެނިޓަލް ސިންޑްރޯމް އަކީ އެޑްރީނަލް ކޯޓެކްސް އިން އެޑްރީނޯޖެނިކް 17ކީޓޯސްޓީރޮއިޑް މާގިނައިން ދޫކުރުމުން ކުރިމަތިވާ ބައްޔެކެވެ. ތުއްތު ދުވަސްވަރާއި، ޅަފުރާގައި މިސިންޑްރޯމް ޖެހުމުގެ އަސްލަކަށް ވެފައިވަނީ އެޑްރީނަލް ގްލޭންޑް އިން ކޯޓިޒޯލް އުފެއްދުމުގައި އުނިކަންތައްތަކެއް ހުރުމެވެ. މާނަައަކީ އެގްލޭންޑް ތަކުން މާގިނައިން އެންޑްރޯޖަން އުފެއްދުމެވެ. އެޑްރީނަލް ގްލޭންޑް އިން ކޯޓިޒޯލް އުފެއްދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ކޯޓިޒޯލް އުފެއްދުން މަދުވުމުން، ޕިޓުއިޓަރީ ގްލޭންޑް އިން އެޑްރީނޯކޯޓިކޯ ޓްރޮޕިކް ހޯރމޯން އުފެއްދުން އިތުރުވެ، ކޯޓިޒޯލް އުފައްދާއިރު މިންވަރު އާދައިގެ ޙާލަތަކަށް ގެންދެއެވެ. ހަމަ އެއާއެކު އެންޑްރޯޖަން އުފައްދާ މިންވަރު ވެސް މަތިވެގެންދެއެވެ. މާނައަކީ އެޑްރީނޯޖެނިކް 17ކީޓޯސްޓީރޮއިޑް އުފެއްދުމެވެ.

އެޑްރީނޯޖެނިޓަލް ސިންޑްރޯމް ބޮޑެތި މީހުންނަށް ޖެހުމުން ފިރިހެނުންގެ ކިބައިން ފަހަރުގައި ފާހަގަ ނުވެ ހިގައިދާނެއެވެ. ސަބަބަކީ މި ބަލީގައި ފިރިހެންވަންތަ ސިފަތަކެއް މީހާގެ ކިބައިން ފާޅުވެގެންދާތީއެވެ. އަންހެނުންގެ ކިބައިން ފާހަގަ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ފިރިހެންވަންތަ ހަށިގަނޑެއް ލިބުން، ބޮލުގެ ދެއަރިމަތިން އިސްތަށިގަނޑު ފިރިހެނުން ހުންނަ ސިފަޔަށް ފެޅުން، މޫނާއި ހަށިގަނޑުގައި އިސްތަށި ފެޅުން، އުރަމަތި ކުޑަވެ ހިނދުން، މޫނުގައި އޮށާޅަނެގުން، ކުޅަދިލި ބޮޑުވުން، އަޑުބަރުވުން، މައްސަރު ކަންތައް ޖެހުން ހުއްޓުން، ބިސްދޫކުރުން ހުއްޓުން، އަދި ހަށިގަނޑު ބޭރުފުށުން ފެންނައިރު ގައިގެ މަސްގަނޑު ފިރިހެނުންނާއި އެއްގޮތަށް ހުރުން ފަދަކަންތައްތައް ހިމެނެއެވެ.