މި ގަނޑުތައް އެކުލަވާލެވިފައިވަނީ އުޞޫލުލް ފިޤްހުގެ ފަޞްލުތައް ދެނެގަތުމުގެ މައްޗަށެވެ.

” أصول الفقه ” މިބަސް އެކުލެވިފައިވަނީ ވަކި ދެ ލަފްޒުންނެވެ. ފުރަތަމަ ލަފްޒަކީ أصول އެވެ. ދެވަނަ ލަފްޒަކީ الفقه އެވެ.


އަޞްލުގެ ތަޢުރީފު

އަޞްލަކީ އޭގެ މައްޗައް އެހެން އެއްޗެހި ބިނާވާ އެއްޗެވެ. [1]


ފަރުޢުގެ ތަޢުރީފު

ފަރުޢަކީ އެހެން އެއްޗެއްގެ މައްޗައް ބިނާވާ ކޮންމެ އެއްޗެވެ. [2]


ފިޤުހުގެ ތަޢުރީފު

ފިޤުހަކީ އިޖުތިހާދުގެ މަގުން ޝަރުޢީ ހުކުމްތައް ދެނެގަތުމެވެ. [3]


ޝަރުއީ ޙުކުމްތައް ބެހޭ ބައިތައް އުނިއިތުރު ގެންނަވާ

ޝަރުއީ ޙުކުމްތައް ހަތެކެވެ. އެއީ :

ވާޖިބާއި މަންދޫބާއި މުބާޙާއި މަޙްޡޫރާއި މަކުރޫޙާއި އަދި ސަޙީހާއި ބާޠިލެވެ. [4]


ވާޖިބުގެ ތަޢުރީފު

އެއީ ކުރުމުން ޘަވާބު ލިބޭ ނުކޮށް ދޫކޮށްލުމުން ޢުޤޫބާތް ލިބޭ ކަންކަމެވެ. [5]


މަންދޫބުގެ ތަޢުރީފު

އެއީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢުޤޫބާތް ނުލިބޭ ކަންކަމެވެ. [6]


މުބާޙުގެ ތަޢުރީފު

އެއީ ކުރުމުންވެސް ނުކޮށް ދޫކޮށްލުމުންވެސް ޘަވާބާއި ޢުޤޫބާތް ނުލިބޭ ކަންކަމެވެ. [7]


މަޙްޡޫރުގެ ތަޢުރީފު

އެއީ އެކަން ނުކޮށް ދޫކޮށްލުމުން ޘަވާބު ލިބޭ ކުރުމުން ޢުޤޫބާތް ލިބޭ ކަންކަމެވެ. [8]


މަކްރޫހައިގެ ތަޢުރީފު

އެއީ އެކަން ދޫކޮށްލުމުން ޘަވާބުލިބޭ އަދި ކުރުމުން ޢުޤޫބާތް ނުލިބޭ ކަންތައްތަކެވެ. [9]


ސަޙީޙްގެ ތަޢުރީފު

ސަޙީޙްއަކީ އެކަމެއް (ޝަރުޢުގައި) ބަލައިގަނެވޭ އަދި އެކަމުގައި ތަންފީޒުވުން  ގުޅިފައިވާ ކަންކަމެވެ. [10]


ބާޠިލުގެ ތަޢުރީފު

ބާޠިލް އަކީ އެކަމެއް (ޝަރުޢުގައި) ބަލައިނުގަނެވޭ އަދި ތަންފީޒުވުން ގުޅިފައިނުވާ ކަންކަމެވެ. [11]


[1]  މިތަނުގައި މިވަނީ އަޞްލުގެ ލުޣަވީ މާނައެވެ. “ދަލީލު” އަކީ އަޞްލުގެ އިޞްޠިލާޙީ މާނަތަކުންކުރެ މާނައެކެވެ. އެހެން ކަމުން “أصول الفقه” އަކީ ފިޤުހުގެ ދަލީލުތަކޭ ބުނެވިދާނެއެވެ.

[2]  ފަރުޢުގެ ތަޢުރީފު މިތަނުގައި ގެނެސްފައިމިވަނީ ފަރުޢަކީ އަޞްލުގެ އިދިކޮޅުކަމަށް ވާތީއެވެ.

[3]  އިޖުތިހާދުގެ މަގުން ޙުކުމްތައް އެނގުމަކީ ޤަޠުޢީކޮށް ޙުކުމް އެނގެން ނެތް މައްސަލަތައް، އިޖުތިހާދުކުރުމަށް ގެންގުޅޭ އުޞޫލްތަކާއި ޤަވާއިދުތަކާއެކު އެމައްސަލަތަކުގެ ޙުކުމްތައް އެނގުމެވެ. ނަމަވެސް ނަމާދު ވާޖިބުވުންފަދަ ޞަރީޙަކޮށް ޤަޠުޢީ ދަލީލުތަކުން އެނގެން ހުރި ޙުކުމްތައް އެނގުމަކަށް ފިޤުހެކޭ ނުކިޔާނެއެވެ.

[4]  ޝަރުޢީ ޙުކުމްތައް ދެބަޔަކަށް ބެހެއެވެ. އެއީ ތަކުލީފީ ޙުކުމްތަކާއި ވަޟުޢީ ޙުކުމްތަކެވެ. ތަކުލީފީ ޙުކުމްތަކަކީ ޝަރުޢުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ނުވަތަ ކަމެއް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިފައިވާ ކަންކަމެވެ. ތަކުލީފީ ޙުކުމްތައް ގުޅިފައިވާނީ ސީދާ އިންސާނާގެ ޢަމަލުތަކާއެވެ. އަދި ތަކުލީފީ ޙުކުމްތަކަށް ޢަމަލުކުރުމުގައި އިންސާނާއަށް ކުޅަދާނަކަން ލިބިގެންވެއެވެ. ޞައްޙަވުމާއި ބާޠިލުވުން ފިޔަވައި މިތަނުގައި މުޞައްނިފު ބަޔާންކުރައްވާފައިވާ ފަސް ޙުކުމަކީ ތަކުލީފީ ޙުކުމްތަކެވެ.

ވަޟުޢީ ޙުކުމްތަކަކީ ޝަރުޢީ ޙުކުމެއްގެ ޢަލާމަތެއްގެ ގޮތުން ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ކަންކަމެވެ. މިސާލަކަށް: އިރު އޮށްސުން މަޣްރިބު ނަމާދު ވާޖިބުވުމުގެ ޢަލާމަތެއްގެ ގޮތުގައި ޝަރުޢުގައި ކަނޑައަޅުއްވާފައިވުމެވެ. ޞަޙީހާއި ބާޠިލު ހިމެނެނީ ވަޟުޢީ ޙުކުމްތަކުގެ ތެރޭގައެވެ. ބައެއް ވަޟުޢީ ޙުކުމްތަކަކީ އެކަމެއް ކުރުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބިފައިނުވާ ކަންކަމެވެ.

[5]  ބައެއް ޢިލްމުވެރިން ވާޖިބުގެ ތަޢުރީފުގައި ޢުޤޫބާތް ނުވަތަ ޢަޒާބު ލިބޭ ކަންތަކޭ ބުނުމުގެ ބަދަލުގައި ޢަޛާބު ޙައްޤުވާ ކަންތަކޭ ބުނެއެވެ. އެހެނީ ޢަޛާބު ލިބުމާއި ނުލިބުން އެއީ ﷲ ތައާލާގެ އިރާދަފުޅާ ގުޅިފައިވާ ކަމެކެވެ. އެކަލާނގެ އިރާދަކުރައްވައިފި ފަރާތަކަށް ޢަޛާބު ޙައްޤުވިނަމެސް އެކަން ޢަފޫކުރައްވަތެވެ.

[6]  މަންދޫބަށް ކިޔޭ އެހެން ނަންތަކުގެ ތެރޭގައި  ސުންނަތް، މުސްތަޙައްބު، ނަފްލު ހިމެނެއެވެ.

[7]  މުބާޙް ކަންތައްތަކަކީ އެކަމެއް ކުރުމާއި ނުކުރުން ހުއްދަ ކަންކަމެވެ. ނަމަވެސް ހުއްދަ ކަމެއް އެހެން ކަމެއްގެ ވަޞީލަތަކަށް ވެއްޖެނަމަ މުބާޙް ކަންތަކަށް އެކަމެއްގެ ޙުކުމް ދެވޭނެއެވެ. މިސާލު: ފޯނު ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މައިންބައިންނާއި ދުރުގައި ހުރި މީހަކަށް، އެމީހެއްގެ މައިންބަފައިންނާއި ގުޅުން ބަދަހިކުރެވޭނެ ހަމައެކަނި ގޮތަކީ ފޯނުން ގުޅުންކަމަށްވާނަމަ، ފޯނުން ގުޅުން ވާޖިބުވާނެއެވެ.

[8]  މަޙްޡޫރަށް މުޙައްރަމޭވެސް ކިޔައެވެ. އެހެންކަމުން މަޙްޡޫރު ކަންކަމަކީ ޙަރާމް ކަންތައްތަކެވެ. ޣީބަ ބުނުމާއި، ދޮގު ބުހުތާނު ހެދުމާއި، މައިންބަފައިނަށް ނުކިޔަމަންތެރިވުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި އަދި މީހުންނަށް ޙަސަދަވެރިވުމަކީވެސް ޙަރާމް ކަންތައްތަކެވެ.

[9]  ކުރީގެ ބައެއް ބޮޑެތި ޢިލްމުވެރިން މަކުރޫހައިގެ ލަފްޒު ޙަރާމް ކަންތައްތަކަށް ބޭނުންކުރައްވައެވެ. އިމާމް އަޙްމަދާއި އިމާމް ޝާފިޢީގެ ބަސްފުޅުތަކުގައި މިގޮތަށް ޙަރާމް ކަންތައްތައް މަކުރޫހައިގެ ލަފްޒުން ސިފަކުރައްވާފައިވެއެވެ. އެހެންކަމުން އެފަދަ ޢިލްމުވެރިންގެ ބަސްފުޅުތައް ކިޔަމުންދާއިރު މިކަމަށް ރައްކާތެރިވުމަކީ މުހިއްމުކަމެކެވެ.

[10]  ޝަރުޢުގައި އެކަމެއް ބަލައިގަނެވޭނީ އެކަމެއް ސައްޙަވާ ހުރިހާ ޝަރުތުތަކަކާއެކު އަދި އެކަން މަނާވާ ހުރިހާ ކަމަކުން ދުރުވެ ހުރެ އެކަމެއް ކުރުމުންނެވެ. މިސާލަކަށް ނަމާދު ސައްޙަވާ ހުރިހާ ޝަރުތުތަކާއި އެކު އަދި ނަމާދު ބާތިލުވާ ހުރިހާ ކަމަކުން ދުރުވެ ހުރެ ނަމާދު ކުރުމެވެ. އޭރުން އެނަމާދަށް ސަޙީޙުގެ ޙުކުމް ދެވޭނެއެވެ. އަދި ނަމާދުކުރުމަށް އޮތް ޒިންމާ އެމީހެއްގެ ކިބައިން ފިލައިދާނެއެވެ. ދެވަނަ ފަހަރަށް އެކަމެއް ކުރާކަށް ނުޖެހޭނެއެވެ. ވިޔަފާރި މުޢާމަލާތަކަށް ޞަޙީޙުގެ ޙުކުމް ދެވިއްޖެނަމަ އެ މުޢާމަލާތަކުން ލާޒިމުކުރާ ކަންތައް ތަންފީޒުވެގެން ދާނެއެވެ. ގަންނަ މީހާއަށް މުދާ މިލްކުވެ ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މިހެން މިކަން ތަންފީޒުވެގެންދާނީ އެމުޢާމަލާތް ޞައްޙަވުމަށް ހުރި ހުރިހާ ޝަރުޠެއް ފުރިހަމަކޮށް މަނާވެގަންނަން ޖެހޭ ހުރިހާކަމަކުން މަނާވެގަތީމައެވެ.

[11]  ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ޙައްޖާއި ކައިވެނީގެ ބާބުގައި ފިޔަވައި ބާޠިލް އާއި ފާސިދަކީ އެއްވމާނައެއްގައި ބޭނުންކުރާ ދެ ލަފްޒެވެ.