އިސްޙާޤުގެފާނަކީ ﷲ ގެ ރަސޫލެކެވެ. މިއީ އިބްރާހީމްގެފާނުގެ ދަރިކަލެކެވެ. ކީރިތިޤުރުއާނުގައި، އެބޭކަލަކު ދުނިޔެއަށް އުފަންކުރައްވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު ﷲގެ ޙަޟްރަތުން ދެއްވިކަމުގެ ވާހަކަ އެންމެ ގިނައިން، ބަޔާންވެގެންވާ އެއްބޭކަލަކީ، އިސްޙާޤް ޢަލައިހިއްސަލާމްއެވެ. ކީރިތިޤުރުއާނުގެ ޞާއްފާތު، ހޫދް، ޙިޖްރު، ޛާރިޔާތު މިއިން ކޮންމެ ސޫރަތެއްގައިމެ، އިސްޙާޤް ޢަލައިހިއްސަލާމް ދުނިޔެއަށް އުފަންކުރައްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު، އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމް ޢަލައިހިއްސަލާމްއަށާއި، މައިކަމަނާ ސާރާއަށް އެންގެވި ޙާދިސާ ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކުރައްވާފައިވެއެވެ.


މި ސޫރަތްތަކުގެ ފަތްފުށްތަކުން އެނގި ކަށަވަރުވާގޮތުގައި، މި އުފާވެރި ޚަބަރާއިގެން އިބްރާހީމްގެފާނާއި ސާރާގެ އަރިހަށް ﷲ ފޮނުއްވެވި މަލާއިކަތްބޭކަލުންނަކީ، ވަރަށް މުހިއްމު ދެ ކަމަކާއިގެން ބިންމައްޗަށް ފޮނުއްވުނު މަލާއިކަތްބޭކަލުންނެވެ. އެއްކަމަކީ، އިބްރާހީމްގެފާނުގެ ދެކަނބަލުންނަށް، އިސްޙާޤުގެ އުފާވެރިކަމުގެ ޚަބަރުދެއްވުމެވެ. އަނެއްކަމަކީ، ސަދޫމްގެ އަހުލުވެރީންކުރެ، ލޫޠުގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، ފާޙިޝްޢަމަލުތަކުގައި ދެމިތިބި މީހުންނާއިއެކު އެ ޤައުމު ހަލާކުކުރެއްވުމެވެ. ތަފްސީރު ޢިލްމުވެރީން ބުރަވެވަޑައިގަންނަވާގޮތުގައި މި މުހިންމު ދެ ކަންތަކާއިގެން ﷲ ފޮނުއްވެވި މަލާއިކަތް ބޭކަލުންނީ، ޖިބްރީލް، މީކާއީލް، އިސްރާފީލްއެވެ.


އިސްޙާޤްގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު ﷲގެ ޙަޟްރަތުން ލިބިވަޑައިގަތް އިރު، އިބްރާހީމްގެފާނުގެ ޢުމުރުފުޅުން 100 އަހަރުފުޅެވެ. ސާރާގެ ޢުމުރުފުޅުން 90 އަހަރުފުޅެވެ. މިހާ ދުވަސްވީ ޢުމުރުފުޅެއްގައިވަނިކޮށް، ދަރިކަލަކު ދެއްވާނޭކަމުގައި ﷲގެ ޙަޟްރަތުން އައި ބަޝާރަތު، އެ ދެކަނބަލުންނަށްވީ ބޮޑު ޙައިރާންކަމަކަށެވެ. އިސްޙާޤްގެފާނަށްފަހު، އެކަލޭގެފާނުގެ ފުށުން، ޔަޢްޤޫބުގެފާނު ( އިބްރާހީމްގެފާނުގެ ކާފަދަރިކަލެއްގެގޮތުގައި ) ދެއްވަވާނޭކަމުގެ ހެޔޮ ޚަބަރުވެސް ﷲގެޙަޟްރަތުން އެދުވަހު ދެއްވައެވެ.


ﷲ އެކަލާނގެ ވަޢުދުފުޅު ފުރިހަމަކުރައްވާވޮޑިގަންނަވައެވެ. އެދެކަނބަލުންގެފުށުން އިޞްޙާޤް އުފަންކުރައްވައެވެ. އަދި އެކަލޭގެފާނީ މާތް ބަރަކާތްތެރި ނަބީބޭކަލަކުކަމުގައި ލައްވައެވެ. އިސްޙާޤުގެފާނު ބޮޑުފުޅުވެ، ކައިވެނި ބައްލަވައިގަތުމުން، އިސްޙާޤްގެފާނުގެ ދަރިކަލެއްގެގޮތުގައި ޔަޢްޤޫބުގެފާނު ދެއްވައެވެ.


އިސްޙާޤްގެފާނަކީ، ވަރަށް އަޅުވެރި މާތް ދިރިއުޅުމެއް ވޭތިކުރެއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނާއިމެދު މަދަޙައާއި ތަޢްރީފުގެ ބަސްފުޅުތައް މާތްﷲވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ. އިސްޙާޤްގެފާނަކީ ބަރަކާތްތެރި ބޭކަލަކުކަމުގައި ﷲލެއްވިފަދައިން، އެކަލޭގެފާނުގެ ދަރިފަސްކޮޅުގައިވެސް ﷲ ބަރަކާތްލެއްވިއެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅުން އެތައް ނަބިއްޔުންނަކާ، ރަސޫލުންނަކާ، އަޅުވެރި ތަޤްވާވެރީން މާތްﷲ އުފަންކުރެއްވިއެވެ.