އިދިފުށަށްދަމާ ބަލި
އިދިފުށަށްދަމާ ބަލި(އިނގިރޭސި ބަހުން: tetanus) އަކީ ކްލޮސްޓްރިޑިއަމް ޓެޓަނި (އިނގިރޭސި ބަހުން: Clostridium tetani)ކިޔާ ބެކްޓީރިޔާ އަކުން އުފައްދާ ނާރު ވިހަ(އިނގިރޭސި ބަހުން: Neurotoxin) އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށް ވެކްސިނެއް ތައްޔާރު ކުރެވި ދެވެމުން ގެންދެއެވެ. ކުރިން ބުނި ޓޮކްސިން ނުވަތަ ވިހަޔަށް ކިޔަނީ ޓެޓަނޯސްޕާސްމިން(އިނގިރޭސި ބަހުން: Tetanospasmin) އެވެ. މިބަލި އާންމުކޮށް ޖެހެނީ ކަނޑައިގެން ގޮސްފައިވާ ތަނެއް ނުވަތަ ތަނެއްގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް މިބަލި ޖައްސާ ޖަރާސީމް ވަނުމުންނެވެ.
މިބަލި ޖެހުމުން ކޯކަށިގަނޑު އަދި ދަތްދޮޅި ހިމެނޭ ހިސާބުގައިވާ މަސްތައް ހަރު އަރާގޮތް ވެއެވެ. އޭގެ ސަބަބުން ކާތަކެތި ހަފައި ދިރުވަން އުދަގޫވެއެވެ. އަދި އޭގެ ފަހުން ހަށިގަނޑުގެ އެހެން ބައިތަކުގައި ހިމެނޭ މަސްތައް ވެސް ހަރުއަރާ ގޮތް ވެއެވެ. އަދި މުޅި މީހާ އިދިފުށަށް ދަމާގޮތް ވެއެވެ.