އިބްރާހީމް މުޙައްމަދުދީދީ (ވެލާނާގެ)

ޞާހިބުލް މަޢާލީ އިބްރާހީމް މުޙައްމަދު ދީދީ (ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ) އަކީ ވެލާނާ މަނިކުފާނުގެ ދަރިކަލުން ވެލާނާގޭ މުޙައްމަދު ދީދީގެ ދަރިކަލުން ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ އެވެ. މަންމާފުޅަކީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ތުއްތު ދޮންދީދީ (އަތިރީގޭ ތުއްތު ދޮންދީދީ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 3 އެޕްރީލް 1901 ގައެވެ. ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ އަކީ ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އެންމެ ފުރަތަމަ އަދާކުރެއްވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި ފުރަތަމަ ގާނޫނީ ދައުލަތެއް ހެދުނުހިނދު، އަލަށްހެދުނު ގާނޫނު ހަދާ މަޖުލީހުގެ މެންބަރުކަމެވެ. އޭގެ ފަހުން ހަސަން ފަރީދު ދީދީ ދައުލަތް ހިންގި ދުވަސްވަރު މާފަންނު އަވަށުގެ ވެރިޔާކަން، ގަލޮޅު އަވަށުގެ ވެރިއެއްގެ މަގާމްގައި ހުންނެވި އެވެ.

މަގާމްތައް އުނިއިތުރު ގެންނަވާ

  • 22 އެޕްރީލް 1951 : ވަޒީރުއް ޒިރާޢާކަން
  • 31 ޑިސެމްބަރު 1952 : ވަޒީރުލް މަޙައްލީކަން
  • 12 ޖުލައި 1954 : ވަޒީރުލް މާލިއްޔާކަން

ފުރަތަމަ ޖުމުހޫރިއްޔާ އުވާލައި މުޙައްމަދު ފަރީދުގެ ރަސްކަން ފެށެންދެން ރާއްޖޭގެ ވެރިކަން ކުރެއްވި އިސްވެރިއަކަށް ހުންނެވީ ވެސް އިބްރާހީމް މުޙައްމަދު ދީދީ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހުންނެވީ ވަޒީރުއް ޒިރާޢާގެ މަގާމް ގައެވެ. މިހަނގުރާމައިގެ ދައުލަތަށް އިތުރު މަސައްކަތާއި ދިމާވި ހިނދު، މިކަމުގައި މުޙައްމަދު އަމީންގެ އެންމެ ޚާއްޞަ ދެތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިތަކަކާއެކު އިބްރާހީމް މުޙައްމަދު ދީދީ އަށް ލިބިވަޑައިގަތީ ފުރަތަމަ ޖުމްހޫރިއްޔާގެ ނާއިބު ރައީސް ކަމެވެ. އަދި ވަޒީރުލް އަޢުޒަމްގެ ނާއިބު ކަމެވެ. މިޖުމުހޫރިއްޔާ ނިމުނު އިރު ދައުލަތުގެ ވެރިންނަށް ތިއްބެވީ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އާއި އިބްރާހީމް މުޙައްމަދު ދީދީ އެވެ. އެއަށްފަހު މުޙައްމަދު އަމީންގެ ވެރިކަން ނިމި، ފަރުވާ އަކަށް ސިލޯނަށް ވަޑައިގެންނެވި ދުވަސްވަރު، އޭރު ސިލޯންގައި ހުންނެވި ދިވެހި ރެޕްޒެޒެންޓިވް އިބްރާހީމް މުޙައްމަދު ދީދީ އަށް ބޮޑުބޭބެ ކިޔާ މުޙައްމަދު ޒަކީއާއި ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު، އެކަން ދިވެހި ސަރުކާރަށް މުޙައްމަދު ޒަކީ އެންގެވުމުން، އޭރު ވަޒީރުލް އަޢުޒަމަކަށް ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެމައްސަލަ ވަޒީރުންގެ މަޖުލީހަށް ގެންނަވައި، އެދެބޭފުޅުންގެ ދެމެދުގައި ސުލްހަ ކަން އުފެއްދޭތޯ މަސައްކަތް ކުރެއްވި އެވެ. އެކަން ނާކާމިޔާބުވުމުން ސަރުކާރުން އިބްރާހީމް މުޙައްމަދު ދީދީއަށް އެންގެވީ ސަރުކާރުން ހުއްދަ ނުދެއްވަނީސް ރާއްޖެ ވަޑައިނުގަތުމަށެވެ. ފަހުން ރާއްޖެ ވަޑައިގަތުމުގެ އަމުރު ވެސް ލިބުނެވެ. ނަމަވެސް އެގޮތުގައި ކޮޅުބުގައި ހުންނަވަނިކޮށް ނިޔާވީ އެވެ.

ރިފަރެންސް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006