ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން ޤާނޫނީ ދާއިރާ (ސިޔާސާ ޝަރްޢިއްޔާ) އިން ޑރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިއީ އައްޑޫ އަށް އުފަން ބޭފުޅެކެވެ. މިއީ ޤުރްއާން ހިތުދަސް ޙާފިޡެއް ވެސް މެއެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 އޮކްޓޯބަރު 1966 ގައި ސ.ހިތަދޫގައެވެ. އިބްތިދާއީ ތަޢުލީމް ސ.ހިތަދޫ ނޫރާނީ ސްކޫލްގައި ފުރިހަމަ ކުރެއްވުމަށްފަހު އިންޑިޔާގެ ދާރުލް ޢުލޫމް މާޓްލީވާލާގައި އުމުރުފުޅުން 13 އަހަރުފުޅުގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އިއުދާދީ ތަޢުލީމް މާލޭގެ މައުޙަދުއް ދިރާސާތިލް އިސްލާމިއްޔާގައި ފުރިހަމަ ކުރެއްވުމަށްފަހު ޘާނަވީ ތަޢުލީމު މިޞްރުގެ ގާހިރާގެ ސެކަންޑަރީ އިންސްޓިޓިއުޓެއްގައި ފުރިހަމަ ކުރެއްވި އެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މިޞްރުގެ ޤާހިރާގައި ހުންނަ އަލްއަޒުހަރު ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި އިސްލާމީ ޝަރީޢާ އާއި، ޕޮޒިޓިވް ލޯ (ވަޟްޢީ ޤާނޫނު) މި ދެ ދާއިރާއިން އޮނާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އޭގެ ފަހުން ހަމަ އެފެކަލްޓީގައި 2 އަހަރު ދުވަހުގެ މުއްދަތަށް ޕަބްލިކް ލޯޑިޕާޓްމެންޓެއްގައި ޕޮސްޓް ގްރެޖުއޭޓް ކޯރސްވޯރކް ޕްރޮގްރާމް ފުރިހަމަ ކުރެއްވި އެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މާސްޓާރސް ޑިގްރީ ޙާޞިލްކުރެއްވުމަށް ލިޔުއްވި 527 ޞަފްހާގެ ތީސިސްގެ މައުޟޫޢަކީ ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު، އިސްލާމީ ސިޔާސީ ނިޒާމާއި، ކޮންޓެމްޕޮރަރީ ސިޔާސީ ނިޒާމުތަކާއި ކޮމްޕެއަރކޮށް މިއެވެ. ކޮންސްޓިޓިއުޝަނަލް ލޯ އިން މާސްޓާރސް ޙާޞިލްކުރެއްވުމަށްފަހު ޕަބްލިކް އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ޙާޞިލްކުރެއްވި އެވެ. ޕީއެޗްޑީ ހެއްދެވުމަށް ލިޔުއްވި 500 ޞަފްޙާގެ ތީސިސްގެ މައުޟޫ އަކީ އިސްލާމީ ފިޤުހާއި ޕަބްލިކް އިންޓަނޭޝަނަލް ލޯގައި ބައިނަލްއަޤުވާމީ މުޢާހަދާތައް ނިމިގެންދާ ގޮތްތައް މިއެވެ. މިތީސިސް އަށް ޑޮކްޓަރ އޮފް ލޯ އެވޯޑްކުރެވިފައިވަނީ ތަފާތު ޔުނިވަތސިޓީތަކާއެކު ތީސިސް އެކްސްޗޭންޖް ކުރުމަށް ރިކަމަންޑް ކުރުމާއެކު ފަސްޓް ކްލާސް އޮނާރސްގެ ދަރަޖައިންނެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ 1996 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިލައްވާފައިވާ ޤާނޫނީ ވަކީލެކެވެ. އަދި މެދު އިރުމަތީގެ ބާރ އެސޯސިއޭޝަންތަކުން ޤަބޫލުކުރާ އެޓާނީ އެކެވެ. ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަނޭޝަނަލް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމީ ފިޤުހު އެކަޑަމީގެ މެންބަރުކަން ކުރައްވައިފައެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އަދި މޯލްޑިވްސް ކޮލެޖް ފޮރ ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވައިދެއްވައިފައެވެ. އަދި އޭނާ އަކީ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫތައް ދިރާސާ ކުރައްވާފައިވާ ޕަބްލިކް ލޯގެ ތަޖުރިބާ ކާރެކެވެ. 22 އޮކްޓޯބަރ 2008 ން 2 ފެބުރުއަރީ 2009 އަށް ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްގެ ނާއިބުކަން ކުރައްވާފައި ވެއެވެ. 10 އޮގަސްޓު 2010 އިން 27 ޖޫން 2018 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. 28 ޖޫން 2018 އިން 18 ނޮވެންބަރު 2019 އަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައި ވެއެވެ.