އަޑުފޮށި ދުޅަވުން
އަޑުފޮށި ދުޅަވުން (އިނގިރޭސި ބަހުން: Laryngitis)އަކީ މެކޭނިކަލް ނުވަތަ ކެމިކަލް މާއްދާއެއްގެ ސަބަބުން އަޑުފޮށި ހިލިގަނެ، ހަލާކުވުން، ނުވަތަ ބެކްޓީރިޔާ ގެ ސަބަބުން އަޑުފޮށީގައި އިންފެކްޝަން އަށަގަނެ އަޑު ފޮށި ހަލާކުވުމެވެ. އަޑުފޮށި ދުޅަވުން ބެހިފައިވާ ވައްތަރުތަކުގެ ތެރޭގައި، ސާދާ އަޑުފޮށި ދުޅަވުން، ކަރުފޮޅުގެ ސަބަބުން އަޑުފޮށި ދުޅަވުން، ކެއްސުން ބަލި ގެ ސަބަބުން އަޑުފޮށި ދުޅަވުން، އަދި ސިފިލިސްގެ ސަބަބުން އަޑުފޮށި ދުޅަވުން އެވެ.
ސާދާ އަޑުފޮށި ދުޅަވުން ޖެހެނީ އަރިދަފުސް ރޯގާ ފަދަ އާދައިގެ ކުދި ބަލިތަކުގެ ސަބަބުންނެވެ. ކްލޮރިން ގޭސް، ސްޓީމް، އަދި ސަލްފަރ ޑައިއޮކްސައިޑް ގެ ސަބަބުން ވެސް އަޑުފޮށި ދުޅަވުން ނުރައްކާތެރި ދަރަޖައަކަށް ޖެހެއެވެ. މައިގަނޑު ގޮތެއްގައި އަޑުފޮށީގައި އިންފެކްޝަން އާލާވަނީ އަޑުފޮށީގެ ވަށައިގެން ލެވިފައިވާ ތެތްދުލިފަށުގައެވެ. އެގޮތުން މިބުނި ތެތްދުލިފަށް ދުޅަވެ، އޭގެތެރޭގައި ލޭޖަމާވާގޮތް ވެއެވެ. އަދި އެއިން ބޯ ދަވަ ދޫކުރަން ފަށައެވެ.
ދާއިމީ ގޮތެއްގައި އަޑުފޮށި ދުޅަވުން ކުރިމަތި ވެދާނެ ކަންތައްތަކުގެ ތެރޭގައި، މާގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުން، މާގިނައިން ބަނގުއާވި ބުއިން، އަދި މާގިނައިން އަޑުފޮށި ބޭނުންކުރަން ޖެހުން ހިމެނެއެވެ. މިސާލަކަށް ސުކޫލްތަކުގައި ކިޔަވާދޭ މުދައްރިސުން ފަދަ މީހުންނަށް އަޑުފޮށި ދުޅަވުން ފަދަ މައްސަލަ ތައް ދިމާވާކަން ފާހަގަ ކުރެވެއެވެ.
ކެއްސުން ބަލި ގެ ސަބަބުން އަޑުފޮށި ހަލާކުވަނީ ކެއްސުން ބަލީގެ އަސަރު ސާނަވީ އިންފެކްޝަން އެއްގެ ގޮތުގައި އަޑުފޮއްޓަށް ފޯރުމުންނެވެ. މިގޮތަށް ކެއްސުން ބަލީގެ އަސަރު އަޑުފޮއްޓަށް ފޯރުމުން އަޑުފޮށީގައި ކެއްސުން ބައްޔާއި ގުޅިގެން އުފެދޭ ކަހަލަ ނޮޑިއުލް އެއް އުފެދި ބޮޑުވެއެވެ. އަދި އަޑުފޮށީގެ ސަތަހައިގެ ފާރުގަނޑެއް އުފެދެއެވެ. ސިފިލިސް ޖެހި ބަލީގައި ގިނަދުވަސްވުމުން އަޑުފޮށި ދުޅަވުން ކުރިމަތިވާގޮތް ވެއެވެ. އަދި މިކަމާއި ގުޅިގެން ދާއިމީ ގޮތެއްގައި އަޑު ކުރަކިވުން ކުރިމަތި ވެގެން ދެއެވެ.