އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް

އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމަކީ ނ.ކުރެދިވަރު ހޮޅުދޫގޭ ޢަބުދުލްކަރީމް އާދަމާއި، ޙައްވާ އިބުރާހީމްގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 02 ފެބުރުއަރީ 1932ގައި ނ. ކުރެދިވަރު ހޮޅުދޫ ގެއަށެވެ.

އެދުވަސްވަރަކީ ރާއްޖެތެރޭގައި މަދަރުސާތަކުން ކިޔެވުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ލިބިނެތް ދުވަސްވަރަކަށްވުމުން އަބުދުﷲ ޢަބުދުލްކަރީމް ތަޢުލީމް ޙާޞިލްކުރެއްވީ މަންމައާއި ބައްޕަގެ އަރިހުންނާއި، މަންމައާއި އެއްބަނޑު އެއްބަފާ ބޮޑުދައިތާފުޅުގެ އަރިހުންނާއި، ބައްޕަގޯތި ކާފާފުޅު ( އާދަމް މުހައްމަދުފުޅު) ގެ އަރިހުންނެވެ. މިގޮތުން އެދުވަސްވަރު އެއަތޮޅުން ފާހަގަކޮށްލެވޭ ފަދަ ތަޢުލީމީ ބޭފުޅަކަށް ވެވަޑައިގަތެވެ.މިގޮތުން ހޯއްދަވާފައިވާ ސަނަދުތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިކަމުގެ ސަނަދާއި، މާލޫދު ކިޔުމުގެ ސަނަދާއި، ޖަމާޢަތްތެރިކަމުގެ ސަނަދާއި، ކިޔަވައިދިނުމުގެ ސަނަދު ހިމެނެއެވެ.

އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް އަދާކުރެއްވި ސަރުކާރުގެވަޒިފާތަކުގެ ތެރޭގައި މުދިންކަމާއި( 2ފަހަރެއްގެ މަތިން ) ކުޑަކަތީބުކަމާއި، ބޮޑުކަތީބުކަމާއި، ނައިބުކަން ހިމެނެއެވެ. މީގެ އިތުރުން ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ.މިގޮތުން 1948ގައި ނ. ބޮމަސްދޫގައި އަމިއްލަގޮތުން ސުކޫލެއް ހުޅުއްވައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި 1954 ގައި މަކުތަބުއްޞަބާޙުގެ ނަމުގައި މަކުތަބެއްގެ ޚިދުމަތް ދެއްވަން ފެއްޓެވިއެވެ. އަދި ށ.ފުނަދޫއަށް ހިޖުރަ ކުރެއްވުމާއި ގުޅިގެން މަކުތަބުއްމުނީރުގެ ނަމުގައި މަކުތަބެއްގެ ޚިދުމަތް ފުނަދޫގެ ދަރިންނަށް ދެއްވަން ފެއްޓެވިއެވެ.މި ތިން މަކުތަބުގައިވެސް އިސްވެރިއެއްގެ ގޮތުންނާއި މުދައްރިސެއްގެ ގޮތުން ޙަރަކާތްތެރިވެލެއްވީ ޢަބުދުﷲ އަބުދުލްކަރީމެވެ.

އަލްފާޟިލް އަބުދުﷲ އަބުދުލްކަރީމް 2 ކައިވެންޏެއް ކުރެއްވިއެވެ. މި ދެކައިވެންޏަށް ލިބިލެއްވި 9 ބޭފުޅުންގެ ތެރެއިން 4 ދަރިކަލންނާއި 2 ދަރިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ.

އަލްފާޟިލް އަބުދުﷲ ޢަބުދުލްކަރީމަކީ ވަރަށްގިނަރޮނގުތަކުން ފަންނުވެރިއެކެވެ. ޢުމުރުފުޅުން 12 އަހަރުންފެށިގެން މައުލޫދު ވިދާވާން ފެއްޓެވިއެވެ. 14 އަހަރުން ފެށިގެން ބޮޑުބެރު ގުރޫޕާއި ގުޅިވަޑައިގެން އެފަންނުގައި މަޝްހޫރު ބޭފުޅަކަށް ވެވަޑައިގަތެވެ. މިހާރުވެސް ފުނަދޫގައި މިރޮނގުން އެންމެ ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޢަބުދުﷲ ޢަބުދުލް ކަރީމެވެ. ހަމައެފަދައިން ވަޑާންކުރެއްވުމާއި ބޮޑުއަކުރު ކުރެއްވުމުގައިވެސް އޭނާއަކީ ވަރަށްކުޅަދާނަ ފަންނުވެރި އެކެވެ. އޭނާއަކީ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ.

ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑައިގަތީ އެކަމަށް ހިތްޕުޅުގައި އޮންނަ ޝަވްޤެއްގެ ބޮޑުކަމުންނެވެ. އޭނާ ވަރަށްގިނަ ޅެމާއި، ރައިވަރު،ހައްދަވާފައިވެއެވެ. މީގެ އިތުރުން މަދަހައާއި ކުރުވާހަކަ އަދި މަޒުމޫނުވެސް ލިޔުއްވިއެވެ. އަދި ތަމްސިލާއި ފަރިހިވެސް ހައްދަވާފައި އެބަހުއްޓެވެ.

އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމުގެ ލިޔުއްވުންތަކަކީ ޗާޕުވެ ޗާޢިއުވެފައިވާ ލިޔުންތަކެއްނޫނެވެ. އެލިޔުންތައްހުރީ އޭނާގެ ފޮތް އަލަމަރީގައި ރައްކާކުރެވިފައެވެ. އެހެންނަމަވެސް ފުނަދޫ ސުކޫލުގެ ދަރިވަރުންގެ އަދަބީޖަމިއްޔާއިން 1997ން ފެށިގެން ޝާޢިޢު ކުރަމުންއަން މަޖައްލާ " ހުވާސް" އިން އޭނާގެ ލިޔުއްވުންތައް ފެނިފައިވެއެވެ. ހެއްދެވި ބައެއްޅެންތައް ޤުދުރަތި އާފާޤު، އަލުންދިރޭ ޚިޔާލު، ތެދުވެރި ޚިޔާލު، އުއްމިދި ޙަޔާތް، ސިދާމަގުވިސްނީ،

ހައްދަވާފައިވާ ބައެއް ރައިވަރުތައް ޖާހިލުކަން ، ދެބައޮދުވުމާ ނެތިމޮށުމުގެ ނުބައިކަން ، ޒަމާނުގެ ތަހުޒީބު، އަދުގައި ވައްކަމަކީ ޝަރަފެއްކަމުގައި ދެކޭ، ހިނީގެ ހަރަކާތުން ޢިބުރަތްހޯދާ، ޢިބުރަތްތެރި ބަސްކޮޅެއް، ކުރީގެ މަސްވެރިކަން، ފުރަތަމަރޭ އާއޮޑިޔާފުރަނީ، މިލަދުންމަޑުލު އަތޮޅުވެށި ހެއްދެވި ބައެއް މަދަހަ އައްސަލާމުޢަލައިކަ ރަސޫލުﷲ، ޞަލަވާތާ ސަލާމް، ނަސަބުލް ކިރާމް، ނަބިއްޔާފާޅު ކުރެއްވުމުގެ ބައެއް މުޢުޖިޒާތް، ނަބިއްޔާ ވަޑައިގަތުމުގެ އުފާ ލިޔުއްވި ބައެއް ތަމްސީލުތައް ފުރުޞަތު ނަގާލުމުގެ ހިތާމަ، އިލާއަންކޮއި

މީގެ އިތުރުން އަލްޙަޔާއު ( ލަދުވެތިކަން ) ކިޔާ ކުރުވާހަކައެއް ލިޔުއްވާފައިވެއެވެ. އަދިް ވަރަށް ގިނަ  މަޒުމޫނުތަކާއި ބައްޕަގެ ނަޞޭހަތް ކިޔާފޮތެއްވެސް ލިޔުއްވާފައި ވެއެވެ.
މިހާހިސާބުން އަލްފާޟިލް އަބުދުﷲ އަބުދުލްކަރީމް އެންމެފުރަތަމަ ހެއްދެވި ފަރިހިން ތަންކޮޅެއް ހިމަނާލަމެވެ. 

" މިހެންހުރެ ޢުމުރު ހުސްވިޔަކަސް އެހެންއަތަކަށް ނުއެނބުރޭނީ މިހެންހުރެ ހައްޤުގާ މިތުރާގެ ނިމިދާށޭ މަހުންނާނީ މަށަށްވާ ނޭނގެނީ ކަލާގެ ގޮތޭ ކަލާގެ ހިތޭ ވަރަށްތެދުވެރި ޔަޤީންކަމުގާ ނަޒަރަށޭ އަދު ގޮވާލާނީ ވަމުންދިޔަ ނޯޓުތައް އެކިރޭ ރެޔަށް މިއަޅާގެ ޑައިރީގައި ކަމުންވާލޯބި ތިޔަމިތުރާ ހަނދާންތައް ހިތުގަ ދިރުވާނީ ޒުވާން ތިޔަ ޗާލު ޅަފުރާނަލަ މިހާ އެދެވޭ އަޅާހިތްހެވޭ ނުވާޝައްކެތް ހިތުގެ މިޔަޤީނަށޭ އެދިދަންނަވާލާނީ "

ހެއްދެވި ބައެއް ޅެންތަކުން ބައެއްބައިތު

ސީދާމަގުވިސްނާ މަގުދެންގެއްލިގެންދާ މިންވަރާ

           ތަދުހިތްތައް ވެދާކަން ދަތިމިހާ 
                   ކަމުގައި ހިތް ޚުޝީގާ ފުދެވިދާ 
                             ބަދުނާމުވެދާކަން ނުއިނގޭ

ތެދުވެރި ޚިޔާލު ތެދުވެރި ޚިޔާލު ކުރާދަރިން ހެނދުނާހަވީރު ދިރޭށެވީ

              މެދުވެރިވެދާ މިކަންކަމަށް ވިސްނާ ފިކުރު ކުރާށެވީ 

ޢިލްމިއްޔަފަންނުގާ މިވާ ބިލްބާލު ނުމެ ހިނގާގޮތުން

             ޙިލްމުން އެނގޭ އެނގުންތަކާ ޢިލްމާ މިކްސްކުރާށެވީ

ހައްދަވާފައިވާ ބައެއްރައިވަރު ދެބައޮޑުވުމާ ނެތިމޮށުމުގެ ނުބައިކަން ބެހުންގަނޑުލަކުޑިހެން ޖެހުން ނުވިތާ ކަނޑުމިދެން މެހުންގިނަޖެހިރިނދަމިހެން ކެނޑުދޭތެރެ އެކުވިދެން ދެމުންއެބުދާއި ގޭވާލި ދެހުން އަބީދަ ކަނޑުވާލި

ތޯމިއަދު ބަލާދެން ލޯބިވާވަރު ކަތުންގެން ހޯދިޔަސްރަށުތެރޭންދެން ގޯނި އުފުލާ ދެބަމިހެން ދޯމިހެންކަން މަކަރުވާނީ ތޯ މިޚަރާބު ތަންވާނީ

ޒަމާނުގެ ތަހުޒީބު އެނބުރެމުން ސެނބުރެމުން އެނބުރެމުން އައި އޮއިވަރުން ކެނބުގެ ހުރި ބަލިކަށިކަމުން ދެބުމަ ހިއްލާދާ ސަފުން ކެނބުކަނޑާހަމަ ނުލައްވައްޗޭ މެދުފަރު ދޫ ނުކުރައްޗޭ

ކުރީގެ މަސްވެރިކަން ގަނޑުދަށުން ނަރުހޮވާ އަދުބޮނބިން ކިފުޅިމިނަގާ ފަޅުވެރިއެއަންހެނުންނާ ގަޅުރަކޮށްވެށި ހަޅަނގުމާ ހަނދުމަވެވިގޮސްފަށާލަންތާ އަދުމިކޮޅާ އޮޑިލަންތާ

މިލަދުންމަޑުލު އަތޮޅުވެށި

ފަޅުރީތި މިލަންދޫ ދަޅުބުނާ މާކަނޑޫދޫ ފަރުކޮޅާކީމެ ފުނަދޫ ދަރުކޮށާމޮޅު އެރިޔަދޫ އަދު އެކަސްދޫކަމަށްރަވާ ގަޅުރައުނގޫދު ބާރަވަނާ

ޢުމުރުފުޅުން 74 އަހަރުފުޅުގައި މިހާރުވެސް ޢަބުދުﷲ ޢަބުދުލްކަރީމަކީ ޙަރަކާތްތެރި ދިރިއުޅުއްވުމެއް އުޅުއްވަމުންގެންދަވާ ބޭފުޅެކެވެ. 

ރަށުގައި އިޖުތިމާޢީ ރޫޙު އަށަގެންނެވުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވައެވެ. މިގޮތުން ބޮޑުބެރު ދަސްކޮށްދެއްވުމާއި، ޘަޤާފީކުޅިވަރުތައް އާލާކުރެއްވުމަށް މަސައްކަތް ކުރައްވައެވެ. އޭނާއަކީ ފުނަދޫ ފަޚުރުވެރިވާ ފުނަދޫގެ އަގުހުރި ދަރިއެކެވެ. މެދުކެނޑުމެއްނެތި 20 އަހަރު ދުވަހު ހިލޭސާބަހަށް ތަޢުލީމީދާއިރާގައި ނާޒިރެއްގެ ހައިސިއްޔަތުން ކުރެއްވި އަގުހުރި މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން 1994 ވަނަ އަހަރު ފުނަދޫ ރކ.ކޮމެޓިން ވަނީ އޭނާއަށް ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ހަނދާނީ ލިޔުމެއް އަރުވާފަ އެވެ.

ތައްޔާރު ކުރީ : އާދަމް ޝަރީފު / ރޯޒީ، ށ. ފުނަދޫ