އަލްފާޟިލް ކަރައްޔެ ކަޅުތުއްތު ދީދީ

ޏ.ފުވައްމުލަކު ކަރައްޔެ ކަޅު ތުއްތުދީ އަކީ އައްސުލްޠާން މުހައްމަދު ޣިޔާޘުއްދީނު (ޝަހީދު ކުޅަ ބަންޑާރައިން) ގެ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ފޯއްމުލަކު ކަރައްޔެ ގަނޑުވަރު މުޙައްމަދު ދީދީގެ އިބްރާހިމް ދީދީގެ މުޙައްމަދު ދީދީގެ ކަރައްޔެ ކަޅުތުއްތު ދީދީ (އިބްރާހީމުދީދީ ނުވަތަ އިބްރާހިމް ފިކްރީ) އެވެ. ކަޅުތުއްތުދީދީގެ މައިފުށްވެސް ގުޅެނީ މި މަތިކޮޅާއެވެ. އޭނާގެ މަންމައަކީ ފުވައްމުލަކު ފާމުދޭރި ކިލެގެފާނުގެ ކަރައްޔެ ގަނޑުވަރު މުޙައްމަދުދީދީގެ ޙައްވާދީދީގެ ޚަދީޖާދީދީ (ކޭހިގޭ ދޮންދީދީ) އެވެ.

ކަޅުތުއްތު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1909 މ. ވަނަ އަހަރުގެ ތެރޭގައެވެ. ފަވައްމުލަކު މާދަޑު އަވަށުގައި ހުރި ކަރައްޔެ ގަނޑުވަރުގައެވެ.

ކަޅުތުއްތު ދީދީގެ ފުރަތަމަ އުސްތާޛަކީ އޭނާގެ ބައްޕަ ކަރައްޔެ ގަނޑުވަރު މުޙައްމަދު ދީދީއެވެ. އަކުރު އުނގަންނައި ދެއްވައި ތަޖްވީދުގެ މަގަށް ޤުރުޢާން ކިޔަވައިދެއްވީ އޭނާގެ ބައްޕައެވެ. ޢުމުރުން 9 އަހަރުވީއިރު 3 ފަހަރު ޚަތިމް ކުރެއްވިއެވެ. އަރަބި ބަހާއި ހިސާބު ޢިލްމާއި ދިވެހިބޭސްވެރިކަމާއި ފަންޑިތަވެރިކަންވެސް އުނގެނިވަޑައިގަތީ އޭނާގެ ބައްޕަގެ އަރިހުންނެވެ. އޭގެފަހުން އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ދަންނަބޭކަލުންގެ އަރިހުންވެސް އޭނާ ދީނީ ތައުލީމު ހޯއްދެވިއެވެ. ބޭސްވެރިކަމުގެ ރޮނގުން އިތުރަށް އުނގެނިވަޑައިގަތީ އައްޑޫ މީދޫ ކުދުރަނިޔަގެ މުޙައްމަދު މަނިކުފާނާއި މާލޭ އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގޭފާނުގެ އަރިހުންނެވެ. އަދި ތުއްތު ސާހިބުގެ އަރިހުން ހިސާބު ޢިލްމާއި ނިޔަމިކަން ދަސްކުރެއްވިއެވެ. ކަޅުތުއްތުދީދީ އަކީ މެދުމިން އިސްކޮޅެއްގެ ކުލަ އޮޅަލި ބޭފުޅެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ބޭސްވެރިއެއްގެ ގޮތުންނެވެ. މިރޮނގުން އޭނާގެ ޚިދުމަތް ފުވައްމުލަކުގެ މީހުންގެ އިތުރުން އެކި ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށްވެސް ވަނީ ލިބިފައެވެ. ސަރުކާރުގެ ޚިދުމަތުގެ ރޮނގިން ކަޅުތުއްތު ދީދީ ވަނީ ފުވައްމުލަކު ކަތީބު ކަމާއި ނައިބުކަން ކުރައްވާފައެވެ. އޭނާ އަރަބި ބަހާއި އުރުދޫ ބަސް ދެނެވަޑައިގަނެއެވެ. އަދި އޭނާ އަކީ ލިޔުއްވުން ރީތި ބޭފުޅެކެވެ.

ކަޅުތުއްތުދީދީ 5 ކައިވެނި ކުރެއްވިއެވެ. އެކި ބަނޑަށް 9 ބޭފުޅުން ލިބިވަޑައިގަތެވެ. ކަޅުތުއްތުދޫދޫ އަވަހާރަވީ 3 ރަޖަބް 1377 ހ. ގައި ފުވައްމުލަކުގައެވެ.

އަދަބީ ޚިދުމަތް

އުނިއިތުރު ގެންނަވާ

ކަޅުތުއްތުދީދީގެ އަދަބީ ޚިދުމަތް ދިވެހިއަދަބަށް ލިބިފައިވަނީ ވަޒަން ބަހުރުވައިގެ ރޮނގުންނެވެ. ޅެމާއި ރައިވަރުގެ ރޮނގުންނެވެ. ކަޅުތުއްތުދީދީ އަދަބުގެ މިރޮގުން އުނގެނިވަޑައިގަތީ ޞަލާހުއްދީނާއި އަބްދުﷲ ޖަލާލުއްދީނާއި ބިޑުފެންވަޅުގޭ ސީދީ އާއި ދެކުނުގޭ ދޮންމަނިކުގެ އަރިހުންނެވެ. ކަޅުތުއްތުދީދީގެ ޅެންތަކާއި ރައިވަރުތައް ހޯއްދަވައި އެއްކުރައްވައިގެން އޭނާގެ ދަރިކަލުން ފުވައްމުލަކު ހަވިއްތަ މުޙައްމަދު ސައީދު ވަނީ "ކަޅުތުއްތުދީދީގެ ޅެންފޮތް" މިނަމުގައި އޭނާގެ ޅެންފޮތް ޗާޕުކުރައްވާފައެވެ. ކަޅުތުއްތުދީދީ ވަނީ އަރަބިބަހުންވެސް ޅެން ހައްދަވައިފައެވެ.