އަލަނާސި ބިބީ
އަލަނާސި ބިބީ (ސައިންޓިފިކް ނަން: Chaetodon kleinii)ނުވަތަ (އިނގިރޭސި ބަހުން: Klein's butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މަސް ދިރުވައިގެން ގެންގުޅޭ ފަރާތްތަކުން މިމަސް ގެންގުޅެން ވަރަށް ޝައުގުވެރިކަން ހުރެއެވެ. މިމަހަކީ ހިފާ ގެންގުޅުމުން ވަރަށް އަވަހަށް މަރުވާ މަހެއް ކަމުގައި ވިޔަސް ފެންގަނޑު ނުވަތަ ޓޭންކަށް ރަގަޅަށް ހޭނިލުމުން ވަރަށް ގަދަކޮށް އުޅޭ މަހެކެވެ. މިމަހަށް އަލަނާސި ބިބީ ކިޔަނީ މަހުގެ ހަށިގަނޑުގައި ފާޅުކޮށް އެގެން ހުންނަ ތިކިތައް، މަށާލާފައި އޮންނަ އަލަނާސި އެއްގައި ހުންނަ ތިކިތަކާއި އެއްގޮތްކަން ބޮޑުކަމުންނާއި، އަލަނާސީގައި ހުންނަ އޮރެންޖް ކުލަ މަހުގައި ހުންނާތީ އެވެ.
އަލަނާސި ބިބީ އަކީ ތިލަ ހިސާބުތަކުގައި ހުންނަ މުރަކަތަކުގައްޔާއި، މާޑުމަތީގައި ވެސް ގިނައިން އުޅޭ މަހެކެވެ. މިއީ ކުޑައިސްކޮޅެއްގެ ބިބީ އެކެވެ. މިމަސް އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 5 އިންޗި އަށެވެ. އަލަނާސި ބިބީ ގިނައިން ފެންނަނީ ޖޯޑްޖޯޑަށެވެ. އަދި ބައެއް ފަހަރު ކުދި އައިން ހަދައިގެން ދުވެއުޅެއެވެ. މަދުމަދުން ހިކަޔާއި، ކުދި ރޮނޑާއި އެކުގައި އުޅެނިކޮށް ވެސް ފެނިދާނެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. ކަންފަތުގައި 14 މަޑުކަށި ހުރެއެވެ.މަހުގެ ކުލައަކީ އޮރެންޖް ކުލައެވެ. މަހުގެ ދެފަރާތުގައި ފަނޑުކޮށް ހުންނަ ފުޅާ ރޮނގެއް ހުރެއެވެ. އަދި މަހުގެ ލޯ ހުރަސްކޮށް ފުޅާ ރޮނގެއް ވެސް ހުރެއެވެ. މަހުގެ ކަރުތާ ފަތާ ދިމާ ތިރިން ބަނޑުދަށް ފަރާތުގައި ހުންނަ ކުޑަ ކޮތަރިބައިގެ ކުލައަކީ ކަޅު ކުލައެވެ. އަދި މަހުގެ ދެއަރިމަތީގައި ކުދި ތިކިތަކެއް ވަރަށް ފާޅުކޮށް ފެންނަށް ހުރެއެވެ.