އަނީސާ ޢީސާ
އަނީސާ ޢީސާ އަކީ ކުރީގެ ވަރަށް މަޝްހޫރު ނެށުންތެރި އެކެވެ.
ނަށަން ފެށުން
އުނިއިތުރު ގެންނަވާއަނީސާ ޢީސާ ނެށުމުގެ ތެރެއަށް ވަނީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިސްކޯފް ފަރީދީ ސިނަމާ ގައި ހިންދީ ފިލްމްތައް ދައްކަން ފެށި ދުވަސްވަރު އެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 13 އަހަރު އެވެ. އޭނާ ނަށަންދަސްކުރީ ސިނަމާ އަށް ގޮސް ފިލްމް ބެލުމަށްފަހު، އެނެށުން ހިތަށް ނަގައިގެން ގެއަށް އައިސް އެގޮތަށް ފަރިތަކޮށްގެންނެވެ. އޭރުގެ މަޝްހޫރު ހިންދީ ނެށުންތެރިން ކަމަށްވާ ކުކޫ، ކުމްކުމް މެންގެ ނެށުންތައް ބަލައިގެން އަނީސާ ނަށަން ދަސްކުރިއެވެ.
އަނީސާގެ ނެށުން ދިވެހިރާއްޖެއަށް ތަޢާރަފްކޮށްދިނީ މަރުހޫމް ބެއްޔަ ހުއްތު ހިންގެވި ނަށާ ގުރޫޕަކަށް ވައްދައިގެންނެވެ. އޭރު އޭނާވަނީ ހިންދީ ނެށުންތެރިޔާ ހެލަންގެ ނެށުންތައްވެސް ދަސްކޮށްފައެވެ. ބެއްޔަ ހުއްތުގެ ނަށާ ގުރޫޕްގައި އަނީސާގެ އިތުރުން އުޅުއްވީ ދިއްގާމާގެ ތުއްތު މަނިކު އާއި ދަނޑިގޭ މަރިޔަމް ހަލީލާ، އުލިގަމު ސައީދާ އެވެ. ބެއްޔަ ހުއްތު ގުރޫޕްގައި އުޅުނު ދުވަސްވަރު ޓިކެޓް ވިއްކައިގެން އެކިތަންތަނުގައި ޝޯދީފައި ވެއެވެ. އޭގެ ތެރޭގައި ކޯޒީގެ ކަންމަތި، ލިބަޓީ ތިއޭޓަރު އަދި މެޓްރޯ ތިއޭޓަރު ހިމެނެއެވެ. ބެއްޔަ ހުއްތު ގުރޫޕްގައި 5 އަހަރު އުޅުމަށްފަހު ދެން އަނީސާ ގުޅުނީ މަސްއޮޑި އިބްރާހީމް ފުޅު އުފެއްދި ގުރޫޕް އަކާއެވެ.
ނެށުމާއި އަނީސާ ދުރަށްޖެހިލީ 3 ކުދިން ލިބި އެކުދިންނަށް ވަގުތު ދިނުމަށްޓަކައެވެ. ނަމަވެސް 1990 ވަނަ އަހަރު އެނބުރި މުޖުރާ ޝޯ ތަކުން ނަށަން ފެށިއެވެ. އެއީ ސައިކުރާ ޅަތުއްތު ގެ އެދުމަކަށެވެ. 2 ފިލްމެއްގައި އެކްޓްވެސް ކޮށްފައި ވެއެވެ. މުޖުރާގެ ފަހުން އެސްޓީއޯގެ އަހަރީ ޝޯތަކަށް ވެސް ނަށަން ދަސްކޮށްދީފައި ވެއެވެ.
އަމިއްލަ ދިރިއުޅުން
އުނިއިތުރު ގެންނަވާއަނީސާގެ ހަޔާތުގެ ފުރަތަމަ ބައިވެރިޔަކީ ހެންވޭރުގެ ފުޓްބޯޅަ ޓީމް ރޭޑިއަންޓް ކްލަބްގެ ފުޓްބޯޅަ ތަރި ކޮޕީ ހަނީފް އެވެ. އެދެމަފިރިންގެ ދަރިފުޅަކީ މިހާރުގެ މަޝްހޫރު ފިލްމީ ޑައިރެކްޓަރު އަހުމަދު ނިމާލް އެވެ. ދެވަނަ ކައިވެނީގެ ބައިވެރިޔަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަސްޢޫދު މޫސާދީދީ އެވެ. ދަރިފުޅު ލިލީތާ އަކީ ވެސް ލަވަކިޔުންތެރި އެކެވެ.