ކްރޯމިއަމް(އިނގިރޭސި ބަހުން: Chromium) އަކީ ޓްރޭސް އެލިމެންޓްގެ ތެރޭގައި ހިމެނޭ މާއްދާ އެކެވެ. މިމާއްދާ ތަފާތު 3 ބާވަތަކަށް ބެހިގެން ހަށިގަނޑުގައި މަސައްކަތް ކުރެއެވެ. އެވްރެޖް ބޮޑުމީހެއްގެ ހަށިގަނޑުގައި ކްރޯމިއަމް ހުންނަނީ 4 އާއި 6 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށެވެ. އުމުރުން ދުވަސްވުމުން މިމިންވަރު ދަށްވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކްރޯމިއަމްގެ މިންވަރު މަތީ ދަރަޖައަކަށް ހުންނަ ކާބޯތަކެތި ކައިހަދާ މީހުންނަށް ހަކުރު ބަލި އަދި ހިތުގެ ބަލިތައް ޖެހުން މަދެވެ. ހަށިގަނޑުގައި ހަކުރު އޭގެ ރޯލް އަދާކުރުމުގައި ކްރޯމިއަމް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ. ކްރޯމިއަމް އަކީ ގުލްކޯޒް ޓޮލަރެންސް ފެކްޓަރ އޭ ކިޔާ މާއްދާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ހަށިގަނޑުގައި ހަކަތަ އުފެއްދުމަށްޓަކައި، އިންސިއުލިން އާއެކު ދިރުތަކަށް ގުލްކޯޒު ފޮނުވައިދިނުމުގައި މިމާއްދާ އެހީތެރިވެދެއެވެ. ކްރޯމިއަމް ބޭނުންވާ މިންވަރަށް ހަށިގަނޑަށް ލިބޭނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރު ހިފެހެއްޓުމަށްޓަކައި ބޭނުންވާ އިންސިއުލިން ބޭނުންކުރަންޖެހޭ ވަރު މަދުވެއެވެ. ހަމައެފަދައިން ކްރޯމިއަމް އަކީ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކުރާ ބާވަތެކެވެ. އެހެންކަމުން ލޭމައްޗަށްދާ ބަލިން މީހާ ދުރުކޮށް ދިނުމުގައި ކްރޯމިއަމް އެހީވެދެއެވެ. ހަށިގަނޑުގައި ކްރޯމިއަމް ހުންނަންވާވަރަށްވުރެ މަދުވެއްޖެނަމަ، ލޭމައްޗަށްދިއުން، ކޮލެސްޓްރޯލް މައްޗަށްދިއުން، ހަކުރުމައްޗަށްދާގޮތް ވެއެވެ. މިފަދަ ބަލިތައް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި، އާދަޔާ ޚިލާފަށް ފިކުރުބޮޑުވުން، ބަނޑުހައިވުން، ބަރުދަން ލުއިވުން، ކަރުހިއްކުން، އަދި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން ހިމެނެއެވެ. ކްރޯމިއަމް ލެވެލް އުމުރުން ދުވަސްވުމުން އާންމުކޮށް ހަށިގަނޑުން މަދުވާން ފަށައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަކުރު ބަލި ޖެހުމާއި ލޭމައްޗަށްދިއުން މެދުވެރިވުމަށް މަގުފަހިވެދެއެވެ. އެހެންކަމުން އުމުރުން ދުވަސްވުމުން ކްރޯމިއަމް އެކުލެވޭ ކާނާ ކެއުމުގައި އިތުރަށް ސަމާލުވާން ޖެހެއެވެ. ކްރޯމިއަމް އެކުލެވޭ ކާނާގެ ތެރޭގައި، ގެރިމަސް، މޭގަނޑު، ކުކުޅުބިހުގެ ގޮބޮޅި، އިތާމަސް، އަސޭމިރުސް، ނުކަނޑާހުރި ގޮވާން، އަދި އާފަލް ހިމެނެއެވެ. ކްރޯމިއަމް ގެ ކަނޑައެޅިފައިވާ ވަކި ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ރަގަޅު ގޮތެއް ކަމަށްބަލަނީ 50 އާއި 200 މައިކްރޯ ގްރާމް އާއި ދެމެދުގެ މިންވަރެއް ލިބޭވަރަށް މިބައި ކާނާގައި ހިމެނުމެވެ. ސްޓެއިންލެސް ސްޓީލް ފަދަ ތެލީގައި ކާބޯތަކެތި ކެއްކުމުން ކާނާގައި ކްރޯމިއަމް އެކުލެވެއެވެ. މިގޮތުން ކެއްކުމުގެ ތެރޭގައި ހުތް އަޅައިގެން ކައްކައިފިނަމަ ކްރޯމިއަމް އާއެކު ޑައެޓްރީ ކްރޯމިއަމް ކިޔާ ބާވަތެއް ވެސް އުފެދެއެވެ. މިދެވައްތަރަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ދެވައްތަރެވެ.

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003