ކޮކާ ބިބީ(ސައިންޓިފިކް ނަން: Chaetodon vagabundus)ނުވަތަ (އިނގިރޭސި ބަހުން: Vagabond butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުގެ ބޭރުގައި މުރަކަތަކާއި ގާތަކުގެ ތެރޭގައި ދިރިއުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. ނަމަވެސް ދިރޭ މަސް އެކްސްޕޯޓް ކުރާ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު ހިފައި އުޅޭ މަހެކެވެ. މިމަހަށް ވަކި ނަމެއް ދިވެހިންތެރޭގައި ކިޔާފައި ނެތުމާއެކު، މަހަށް އިގިރޭސިން ކިޔާފައިވާ ނަމާ ގުޅުވައިގެން، މަހުގެ ސިފަޔަށް އަދި އުޅުމަށް ބަލާ މިމަހަށް ކޮކާ ބިބީ ކިޔާ ނަންދީފައި ވަނީ އެވެ.

ކޮކާ ބިބީ

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު، 23އާއި 25އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި، 15 ނުވަތަ 16 މަޑުކަށި ހުރެއެވެ. މަހުގެ ދެއަރިމަތީގެ ކުލައަކީ ހުދުކުލަ އެވެ. ފަހަތުކޮޅުގެ ކުލައަކީ ރީނދޫ ކުލައެވެ. މަހުގެ ލޯ ހުރަސްކޮށް ކަޅުކުލައިގެ ފުޅާ ރޮނގެއް މަހުގެ މަތީ މަޑުކޮތަރިބައިގެ ބުޑުން ފެށިގެން ނިގޫފަތުގެ ބުޑު ހުރަސްކޮށް ބަނޑުދަށް ފަރާތުގެ މަޑު ކޮތަރިތަކުގެ ބުޑަށް ހުރެއެވެ. މަހުގެ ދެއަރިމަތީގައި ދެކަތްޕަށް ހުންނަ އަޅިކުލައިގެ ފަނޑު ރޮނގުތަކެއް ވެސް ހުރެއެވެ.