ކޮޅުވުން އަކީ ފިރިހެން ހަށި އަށް ބާރު އައުމެވެ. ކޮޅުވުމަށް ތަފާތު ނަންތައް ކިޔައި އުޅެއެވެ. އެގޮތުން ވާގިޖެހުން، ދަނޑިއެރުން، ހަރުދަނޑިވުން، ކޮޅުވުން، އަދި ދަނޑިވުން ފަދަ ބަސްތައް ބޭނުންކުރެއެވެ.

ކޮޅުވުން

ފިރިހެން ހަށީގައި ވަރުޖެހުން(erection) ނުވަތަ ކޮޅުވުމަކީ ފިރިހެން ހަށްޓަށްލޭވާޞިލްވުމުން ފިރިހެންހަށި ދެމި ވާންވެ ވަރުޖެހޭގޮތްވުމެވެ. ފިރިހެން ހަށީގައި ވަރުޖެހުން ފެށެނީ ސިކުނޑިންނެވެ. ފިރިހެން ހަށްޓަށް ޖިސްމާނީ (ކުޅެހެދުން، ބީހުން) ނުވަތަ ނަފްސާނީ (ޖިންސީ ޚިޔާލުތަކާއި ފިކުރުތައް ކުރުން) ނުވަތަ ޖިންސީ މަންޒަރު ބެލުން ފަދަ ކަމަކުން ފިރިހެން ހަށި ހީވާގިވުމުން، ސިކުނޑީގައި ހުންނަ ނާރުތަކުން ޒަކަރުގައި ހުންނަ ނާރުތަކަށް ކެމިކަލް މެސެޖުތައް ފޮނުވަން ފަށައެވެ. އެގޮތުން ސިކުނޑީގައިވާ ނާރުތަކުން ފިރިހެން ހަށީގައިވާ ނާރުތަކަށް އަންގަނީ، ފިރިހެން ހަށްޓަށް ރަގަޅަށް ލޭފޯރުވައި ދިނުމަށްޓަކައި، ކޯޕޮރާ ކެވަރނޯސާ ގައި ހުންނަ މަސްތައް ފިތިކުރުގެޅުމުގެ ބަދަލުގައި ފުޅާވެ، ތަނަވަސްކަމާއެކު ހަމައަކަށް އަޅުވައިދީ، ލޭހޮޅިތައް ފުޅާވެ، ހަމައަކަށް އަޅުވާފައި ބެހެއްޓުމަށެވެ. ފިރިހެން ހަށްޓަށް ލޭވާޞިލްވުމުން، އޭގެ ލޭނާރުތަކުގައި ހިމެނޭ މަތީ ޕްރެޝަރުގެ ސަބަބުން، ލޭނާރުތަކުގެ ވޭލްތައް ބަންދުކޮށް، އެ ލޭނާރުތަކުގައި ލޭ ހައްޔަރުކޮށް، ހިފަހައްޓައިދެއެވެ. ކޯޕޮރާ ކެވަރނޯސާ ގެ ތެރޭގައިވާ ލޭނާރުތަކުގައި ލޭހިފަހައްޓައިދެނީ އޭގެ ވަށައިގެންވާ "ޓިޔޫނިކާ އަލްބަޖިނީއާ"(tunica albuginea) ކިޔާ ތުނި ދުލިފަށަލައަކުންނެވެ. މިހެންވުމުން ފިރިހެން ހަށި ދެމި ފުޅާވެ، ވަރުޖެހޭގޮތް ވެއެވެ. ފިރިހެން ހަށި މޯޅިވެ ވަޅޯވަނީ ފިރިހެން ހަށްޓަށް ލޭފޯރުވުން ހުއްޓި، ލޭނާރުތަކުގެ ވޭލްތައް ހުޅުވި، ހިފެހެއްޓިފައިވާ ލޭ އެނބުރި ދައުރުވާން ފެށުމުންނެވެ. ޖިންސީ ގުނަވަން އުފެދިފައިވަނީ ފުފި،ދެމުމުގެ ކުޅަދާނަކަން ލިބިފައިވާ 3 ބަޔަކުންނެވެ. އެއީ ދެފަރާތުގައިވާ ދެ "ކޯޕޮރާ ކެވަރނޯސާ"(corpora cavernosa) އާއި، މެދުގައިވާ "ކޯޕަސް ސްޕަންޖިއޯސަމް"(corpus spongiosum) އެވެ. މިބުނި ބައިތައް ފުފިދެމެނީ، އިސްފަންޖު ގަނޑަކަށް ފެންއެޅުމުން އެ ފުފޭ ފަދައިންނެވެ. ހިތުން ހަށިގަނޑުގެ ބައިތަކަށް ފޮނުވާ ސާފު ލޭ ، ލޭހޮޅިތަކުގެ ޒަރީޢާއިން، ފިރިހެން ހަށްޓަށް ވާސިލްވާ ހިނދު ޖިންސީ ގުނަވަން ދެމި ވާންވާގޮތް ވެއެވެ. ފިރިހެންހަށި ދެމި، ސީދާވެފައި ހުންނަނީ ޖިންސީގުނަވަންގެ ޓިޝޫތަކުން ހިތަށް ލޭފޮނުވައިދޭ ލޭނާރު އޭގައިވާ ވޭލްތައް ތައް ބަންދުކޮށް ލޭ އެބުރި ދިއުމަށް ހުރަސްއަޅާތީ އެވެ. އެހެންކަމުން މިބުނި ދެބާވަތުގެ ލޭހޮޅި ( ހިތުން ޖިންސީގުނަވަނަށް ލޭފޯރުކޮށްދޭ ލޭހޮޅި، އަދި ޖިންސީގުނަވަނުން އަބުރާ ހިތާއި ދިމާލަށް ލޭ ފޮނުވައިދޭ ލޭހޮޅި) ތަކަށް އެއްވެސް ގެއްލުމެއް ލިބުން ނުވަތަ އޭގެ ތަބީއަތަށް ބަދަލުއައުމަކީ ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސްއެޅޭނެ ކަމެކެވެ. ފިރިހެން ހަށީގައި ވަރުޖެހުމުގެ މަސައްކަތް ފަޢްޓައިދޭ އެންމެ މުހިއްމު ނިއުރޯޓްރާންސްމިޓަރ އަކީ ފިރިހެން ހަށީގެ ނާރުތަކުން ދޫކުރާ "ނައިޓްރިކް އޮކްސައިޑް"(nitric oxide) އެވެ. ފިރިހެންހަށީގައި ވަރުޖެހުމަށް ފަހު އެބުރި މައިތިރިވެގެން އަންނަ ހިނދު އެއަށް ފޮނުވައިދެނީ ލޭގެ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ޖިންސީ ހިލިގަތުން(sexual stimulation or irritation) އަންނަ ހިނދު ލޭ ޖިންސީގުނަވަނަށް އައުމާއި އެކު، ލޭހޮޅިތައް އޭގެ ވެލްވް ބަންދުކޮށް ފިރިހެންހަށީގެ ޓިޝޫތަކުގައި ލޭ ހިފަހައްޓައި(ހައްޔަރުކޮށް) ދެއެވެ. ނަތީޖާއެއްގެ ގޮތުން އެދެމި، ސީދާވެ، ވަރުޖެހުމޭ މިބުނާ ދަރަޖައަށް ދެއެވެ. ފިރިހެންހަށީގައި ރަގަޅަށް ވަރުޖެހުމަށް އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެ އެވެ. · ފިރިހެން ހަށްޓަށް ހަރަކާތާއި އިހުސާސް ގެންގޮސްދޭ ނާރުތައް ބަރާބަރަށް މަސައްކަތްކުރުން · އެކަށޭނަ ވަރަށް ފިރިހެން ހަށްޓަށް ލޭފޯރުވައިދިނުން · ފިރިހެން ހަށީގައިވާ ނުސާފުލޭހޮޅީ(vein) ގެ ތެރޭގައި "ލޭހިފަހައްޓައިފައި ބެހެއްޓުމު"ގެ ކުޅަދާނަކަން ހުރުން · ޖިންސީއެދުންވެރިކަން ގެނެސްދޭނެ ކަމެއް ކުރިމަތިވެ، ސިކުނޑިން އެކަމަށް މެސެޖުފޮނުވުން ފުރިހަމައަށް ފިރިހެންހަށި ސީދާވެ ވަރުޖެހޭނީ ފިރިހެން ހަށްޓަށް ލޭ ފޮނުވައިދޭ ލޭހޮޅި ސަލާމަތުން ހުރިނަމައެވެ. އޭގައި އުނިކަމެއް ހުރިނަމަ ލޭފޮނުވުން ކުޑަކޮށްދީ ވަރުޖެހުން ކުޑަކޮށްދެއެވެ. މިސާލަކަށް މައި ލޭހޮޅިއެއްގައި ލޭގަނޑުވުން، ނުވަތަލޭހޮޅިއެއް ހަރުވުން ނުވަތަ ލޭހޮޅީގެ ފާރު ހަނިވުން ފަދަ ކަމެއް ކުރިމަތި ވުމަކީ ޖިންސީގުނަވަނަށް ލޭފޮނުވުމަށް ހުރަސްއެޅޭ ކަންކަމެވެ. އެހެންކަމުން މިއިން ކަމެއް ކުރިމަތިވެއްޖެ ނަމަ ޖިންސީ ބަލިކަށިކަން ކުރިމަތިވެދާނެ އެވެ. ހެދުނު ފިރިހެން ހަށީގައި ވަރުޖެހެނީ ކީއްވެ؟ ނިދިން ހޭލާހިނދު މަސާނާ ކުޑަކަމުދާ ތަކެތިން ފުރިފައި ހުރުމަކީ ޖިންސީގުނަވަނުގައި ވަރުޖެހުމަށް ބާރު އަޅާދޭ ކަމެކެވެ. ރޭގަނޑުގެ ނިދީގެ ތެރޭގައި 6-3ފަހަރާއި ދެމެދުގެ އަދަދަކަށް ޖިންސީ ގުނަވަނުގައި ވަރު ޖެހެއެވެ. ވަރުޖެހުމަށް 40-10މިނިޓްގެ ދިގުމިނަށް ވަރުޖެހުން ދެމިހުރެ އެވެ. ނިދީގައި މިފަދަ ވަރުޖެހުން ކުރިމަތިވަނީ ހުވަފެން ފެނުން މެދުވެރިކުރުވާ މަރުހަލާގައެވެ. އެއީ ރެޕިޑް އައި މޫވްމެންޓްއޭ ކިޔާ ވަގުތު ކޮޅެކެވެ. ބައެއް ފަހަރު ނިދީގައި މިގޮތަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމުން އިހްތިލާމްވެ ހޭލެވޭގޮތް ވެއެވެ. ރޭގަނޑުގައި މިގޮތަށް ޖިންސީ ގުނަވަނުގައި ވަރުޖެހޭ ކަމުގެ ހެއްކަކީ ހެދުނު ހޭލާއިރު ޖިންސީ ގުނަވަނުގައި ވަރުޖެހިފައި ހުރުމެވެ. މިކަމުގެ ހަގީގީ ސަބަބެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.