ކުޑަ ދަރިފުޅުގެ ހިތުގެ ތެޅުން ހުންނަ ގޮތް ބެލުން

ވިހެއުން ނުވަތަ ކުޑަދަރިފުޅު މިދުނިޔެއަށް އުފަންވާ ވަގުތަކީ މައިމީހާއާއި، ކުޑަދަރިފުޅަށް ހާސްކަން އެންމެ ބޮޑަށް އިތުރުވާ ވަގުތެވެ.ސަމާލުކަން ބޭނުންވާ ވަގުތެއްގައި މައްސަލައެއް ނުވަތަ ކަމެއް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހިތުގެ ތެޅުން ނުވަތަ ހިތް މަސައްކަތްކުރާގޮތް ރަގަޅުތޯ ޔަގީންކުރުމަށްޓަކައި ޗެކްކުރެވެއެވެ. ކުޑަދަރިފުޅުގެ ހިތުގެ މަސައްކަތަށް ބަދަލެއް އައިސްފައިވާނަމަ އެއީ ކޮންމެވެސް މައްސަަލައެއް ހުރިކަމުގެ ނިޝާނެކެވެ. ވިހެއުމުގެ ތެރޭގައި އަބަދުވެސް ކޮންމެވެސް ސިފައެއްގައި ދަރިފުޅުގެ ހިތުގެ މަސައްކަތް ހުރި ގޮތް ބެލެވެއެވެ. ވިހެއުމުގެކުރިން ކޮންމެވެސް ދުވަސްވަރެއްގައި ކުޑަދަރިފުޅުގެ ހިތުގެ ތެޅުމަށް ބަދަލު އާދެއެވެ. މިގޮތަށް ކުޑަދަރިފުޅުގެ ހަށިގަނޑު ބެލުން ނުވަތަ މޮނީޓަރ ކުރުމުގެ މާނައަކީ މައްސަލަތައް ކުރިމަތިވުން މަދުވުމެއް ނޫނެވެ. އެކަމަކު މީގެ ބޭނުމަކީ އެފަދަ މައްސަލައެއް ( ހިތުގެ ތެޅުމަށް ބަދަލު އައުން ) ހުރިކަން ފާހަގަވިނަމަ ޞިއްޙީ ލަފާދޭ ބޭފުޅުން ނުވަތަ ޑޮކްޓަރުންނާއި، ނަރުހުން އެކަމަށް ސަމާލުވެ، ތައްޔާރުވެ ތިބުމެވެ. އެއްވެސް ބާވަތެއްގެ ފީޓަލް މޮނީޓަރިންގ(Fetal monitoring)އަކީ ފުރިހަަމަ ޓެސްޓެއް ނޫނެވެ. މިއަދު މޮނީޓަރ ކުރުމަށް ބޭނުންކުރެވޭ ހުނަރުތައް ވަނީ އެތައް ގުނައަކަށް ތަރައްގީކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ވިހެއުމުގެ ކުރިން ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ނުވަތަ މަސައްކަތްކުރުމުގައި މައްސަލައެއް ހުރިނަމަ ދެނެގަނެވިދާނެއެވެ. ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ހުންނަގޮތް ބެލުމަކީ ވަކިގޮތަކަށް ދީ އުޅޭ ފަރުވާގެ ބައެކެވެ. އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ(Electronic fetal monitoring)އަކީ ވިހެއުމުގެ ތެރޭގައި ކުޑަދަރިފުޅުގެ ހިތުގެ ތެޅުމުގެ އިޖާބަދިނުންތައް މައިމީހާގެ ރަހިމުގެ ކޮންޓްރެކްޝަން އަށް ހުންނަ ނުހުންނަގޮތް ބެލުމަށް ވަރަށް ރަގަޅު ގޮތެކެވެ. މިގޮތަށް ބަލާއިރު ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ބެލުމަށް އިކްއިޕްމެންޓް އެއް ބޭނުންކުރެވެއެވެ. ހަމައެއާއެއްވަގުތެއްގައި ރަހިމުގެ ކޮންޓްރެކްޝަން(Contraction) ހުރި މިންވަރު ވެސް ބަލައެވެ. މިގޮތަށް ރަހިމުގެ ކޮންޓްރެކްޝަން ވެސް ބެލެނީ އިލެކްޓްރިކް އިކްއިޕްމެންޓް އެއްގެ އެހީގައެވެ. ކުޑަދަރިފުޅުގެ ހިތުގެ މަސައްކަތް ހުންނަ ނުހުންނަގޮތް ވިހެއުމުގެ އެކި މަރުހަލާތަކުގައި ބެލެވެއެވެ. އާންމުގޮތެއްގައި ކޮންމެ 5މިނިޓަކުން ނުވަތަ 30މިނިޓަކުން މިގޮތަށް ބަލައި ޗެކްކުރެވެއެވެ.


އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ގެ ވައްތަރުތައް

އުނިއިތުރު ގެންނަވާ

އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ގައި އިކްއިޕްމެންޓެއްގެ އެހީގައި މައިމީހާގެ ރަހިމުގެ ކޮންޓްރެކްޝަންއަށް ކުޑަދަރިފުޅުގެ ހިތުގެ ތެޅުމުގެ އިޖާބަދިނުން ހުންނަ މިންވަރު ބެލެވެއެވެ. އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ގެ ދެވައްތަރެއް ވެއެވެ. އެއީ އިންޓާރނަލް މޮނީޓަރިންގ(Internal monitoring)އާއި، އެކްސްޓާރނަލް މޮނީޓަރިންގ(External monitoring)އެވެ.


އެކްސްޓާރނަލް މޮނީޓަރިންގ

އުނިއިތުރު ގެންނަވާ

އެކްސްޓާރނަލް މޮނީޓަރިންގ ގައި ކުޑަ ދެ ޑިވައިސް(Device) މައިމީހާގެ ބަނޑުގައި ހަރުކުރެވެއެވެ. މިއިން އެއް ޑިވައިސް އަލްޓްރާ ސައުންޑްގެ އެހީގައި ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ބަލައެވެ. އަނެއް ޑިވައިސް މައިމީހާގެ ރަހިމު ކޮންޓްރެކްޝަންގައި ހޭދަކުރާ މިންވަރު ބަލައެވެ.


އިންޓާރނަލް މޮނީޓަރިންގ

އުނިއިތުރު ގެންނަވާ

އިންޓާރނަލް މޮނީޓަރިންގ ބޭނުންކުރެވެނީ ހަމައެކަނި ފެންކޮތަޅު ނުވަތަ އެމްނިއޮޓިކް ސެކް(Amniotic sac) ފަޅައިގެން ގޮސްފައިވާނަމައެވެ. މިހާލަތުގައި ފީޓަލް ސްކަލްޕް އިލެކްޓްރޯޑް(Fetal scalp electrode) އޭ ކިޔޭ ކުޑަ ޑިވައިސްއެއް މައިމީހާގެ ފަރުޖު(Vagina)ގެ ތެރެއިން ގެންގޮސް ކުޑަދަރިފުޅުގެ ބޮލުގައި ހަރުކުރެވެއެވެ. މިޑިވައިސް ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ރިކޯޑް ކުރެއެވެ. ހަމައެއާއި އެއްވަގުތެއްގައި ކެތީޓަރ(Catheter) އޭ ކިޔޭ ހިމަހޮޅިކޮޅެއް މައިމީހާގެ ފަރުޖުގެ ތެރެއިން އެތެރެއަށް ރަހިމާއި ހަމައަށް ފޯރުވައެވެ. މިޑިވައިސްއިން މައިމީހާގެ ރަހިމުގެ ކޮންޓްރެކްޝަންގެ ބާރު ދެނެގަނެއެވެ. އިސްވެބުނެވުނު ހޮޅިކޮޅު އެތެރެއަށް ފޯރުވާއިރު ކޮންމެވެސް ވަރަކަށް އުދަގޫ އިހްސާސްވުމަކީ ވެދާނެގޮތެކެވެ. ނަމަވެސް އެއްކޮށް އެތެރެއަށް ފޯރުމުން މިގޮތަށްވާ އުދަގޫތައް ފިލައިދެއެވެ.

އިސްވެ ބަޔާންކުރެވުނު ދެގޮތަށް އަމަލުކުރާ އިރު ވެސް މައިމީހާއާއި، ކުޑަދަރިފުޅުގެ މައުލޫމާތުތައް ކުޑަ މެޝިނަކުން ރިކޯޑްކުރެވެއެވެ.

ކުޑަދަރިފުޅުގެ ހިތުގެ ތެޅުން އާދައިގެ ގޮތެއްގައި ނުހުރުމުގެ މާނައަކީ ކޮބާ؟

އުނިއިތުރު ގެންނަވާ

އާންމުގޮތެއްގައި ބަނޑުގައިވާ ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ހުންނާނީ މިނިޓަކު 110އާއި، 160އާއި ދެމެދުގައެވެ. މިއީ އާދައިގެ ގޮތެއްގައި އިންސާނުންގެ ހިތުގެ ތެޅުން ހުންނަވަރަށް ވުރެ މަތީ މިންވަރެކެވެ. ( އާންމުގޮތެއްގައި މިނިޓަކު 60އާއި 100އާއި ދެމެދުގެ މިންވަރަަކަށް ވިންދުޖަހައެވެ.) ކުއްޖާގެ ހިތުގެ ތެޅުން ތަބީޢީ ނޫންކަމުގައި ވާނަމަ އަންނަނިވި ކަންތައްތައް ކުރުމަށް އިރުޝާދުދެވެއެވެ. (ހ) އޮށޯވެ އޮންނަގޮތް ބަދަލުކުރުން (ށ) އޮކްސިޖަން ގުޅުން (ނ) އައިވީ ގުޅުން (ރ) ރަހިމުގެ ކޮންޓްރެކްޝަންގެ ބާރުދަށްކޮށް ރަހިމު ހަމައަކަށް އެޅުމަށްޓަކައި ބޭސްދިނުން (ބ) ރަހިމުގެ ތެރެއަށް ފެންވެއްދުން


އެކްސްޓާރނަލް މޮނީޓަރިން ބޭނުންކޮށްގެން ކުއްޖާގެ ހިތުގެ ތެޅުން ބެލުމުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް އެގިފައެއް ނުވެއެވެ. އިންޓާރނަލް މޮނީޓަރިންގ ގެ އެހީގައި ކުއްޖާގެ ހިތުގެތެޅުން ބަލާ ފަހަރުތަކުގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ. ވިހެއުމުގެ ތެރޭގައި މައްސަލަތައް ކުރިމަތިވެދާނެކަމަށް ބޮޑަށް ލަފާކުރެވޭ އަންހެނުން ރަގަޅީ އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ހެދުމެވެ. މިގޮތަށް ބަލާބެލުމުގައި ކުއްޖާގެ ހިތުގެ ތެޅުން ތަބީޢީނޫން ގޮތެއްގައި ހުރިކަމުގައިވާނަމަ އެމީހަކު ވިހެއުމަށް ސިޒޭރިއަން(Cesarean) ހެދުން، ނުވަތަ ފޯސެޕްސް(Forceps) އިޚްތިޔާރުކުރަން ޖެހެއެވެ.

ކުޑަދަރިފުޅުގެ ހިތުގެ މަސައްކަތް ހުރިނެތްގޮތް ބެލުމަކީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހާލު ދެނެގަތުމަށް ބޭނުންކުރެވޭ ގޮތްތަކުގެ ތެރެއިން އެއްގޮތެވެ. ވިހަންކައިރިވުމުން އެމީހަކަށް އެކަށީގެންވަނީ ކޮންގޮތެއްތޯ ބެލުމަށް ވަރަށް ގިނަ ކަންތައްތަކެއް ބަލައެވެ. ވިހެއުމުގެ ވަގުތު ގާތްވުމުން މިކަމާމެދު ޑޮކްޓަރާއި މަޝްވަރާކުރުމަކީ މުހިއްމުކަމެކެވެ.